މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަކަށް ކެންޑިޑޭޓެއް ނުނެރެވޭނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

"އެކަލަސް މިކަލަސް ދެނަސް ރައީސް ޔާމީން2018"ގެ ނަމުގައި ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނާނެ ކަން އިއުލާން ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށެވެ. ސަބަބަކީ ރާއްޖޭގެ ގާނޫނުތައް ހެދިފައިވާ ގޮތުން އެ ފުރުސަތު ނަޝީދަށް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީއަށް ވެސް 2018 ވަނަ އަހަރު ރިޔާސީ ކެންޑިޑޭޓެއް ނުނެރެވޭނެ. ވަރަށް ބަދު ނަސީބުކޮށް މިދިމާވީ. ރާއްޖޭގައި އޮތް އެންމެ ފުރަތަމަ މި ފަހުގެ މަރުހަލާގައި އުފެއްދި އެންމެ ބޮޑު ޕާޓީގަނޑު ސުންނާފަތިވެގެން އެ ދިޔައީ،" ނިހާން ވިދާޅުވި އެވެ.

ނަޝީދު ފިޔަވައި އެމްޑީޕީން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރަނޭ ވަރުގެ 'ކޮލިޓީއެއް' ހުރީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ކިބާގައި ކަމަށާއި ނަމަވެސް ޕްރައިމަރީގައި ވާދަކުރައްވާނެކަން މޫސަ ވިދާޅުވުމާ އެކު އެ ޕާޓީން އޭނާ ބޭރުކޮށްލާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.

ނަޝީދު ފިޔަވައި ދެން އެމްޑީޕީން ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ކުފޫ ހަމަވާވަރުގެ މީހަކަށް ހުރީ ރީކޯ މޫސަ ކަމަށް ނިހާން ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މޫސަ އެމްޑީޕީން ބޭރުކޮށްލުމުން ދެން އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ބޭފުޅެއް ނެތް ކަމަށް ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މޫސަ އެ ޕާޓީގައި ހުންނެވި ނަމަ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކު ފެނުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް އޮތީސް ކަމަށެވެ.

"އެއްކަލަ އިބޫ [އިބްރާހިމް މުހައްމަދު ސޯލިހް] އަކަށް ނުކެރޭނެ ގޭގެ ކުއްޖަކަށްވާތީ އާނއެކޭ ވެސް ނޫނެކޭ ވެސް ބުނާކަށް. ތިމަންނައޭ ބުނެ ރިޔާސީ އިންތިޚާބަށް ލައިގެން އެ އުޅެނީ. އަބްދުﷲ ޝާހިދު އޮތީ ކުރުނީސް ކޮށްފައި. އެހެންވީމާ މި ސަބަބު ދަންނަވާލަން މި ޖެހެނީ،" ނިހާން ވިދާޅުވި އެވެ.

ރައީސް ޔާމީން މިގައުމަށް ގެންނަމުންދާ ތަރައްގީއަކީ ދެން މިގައުމުގެ ތާރީޚުގައި ދުވަހަކު ވެސް ފެނިގެން ނުދާނެ ތަރައްގީއެއް ކަމަށް ނިހާން ސިފަކުރެއްވި އެވެ. އަދި އެ މަަސައްކަތް ރައީސް ޔާމީން ކުރައްވަމުން ގެންދަވާއިރު އެންމެ ބޮޑު އެއް އެހީތެރިކަމެއް ދެއްވާ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ކަމަށް ނިހާން ވިދާޅުވި އެވެ.

"މަސީހުއަކީ ފުވައްމުލަކުގެ ރައްޔިތުން ފަޚުރުވެރިވާން ޖެހޭ ވަރުގެ ދަރިއެއް ކަމަށް ވަނީ، ރައީސް ޔާމީންގެ ތަރައްގީގެ ވަރަށް ބުރަ ބޮޑު މަސައްކަތްޕުޅުތަކެއް އެމަނިކުފާނު ވިސްނުންތެރިކަމާ އެކު ކުރާތީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަން ލިބެމުންދާ ބިލް މަޖިލީހަށް ހުށަހަޅާފައި ވަނީ ރައީސް ޔާމީީން ސޯޝަލް ސެކިއުރިޓީ މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ކަމަށެވެ. އެ ގާނޫނުގެ ދަށުން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އެންމެ ފުރަތަމަ ދެމުން އައީ 2000 ރުފިޔާ އެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ވަނީ އެ ގާނޫނަށް އިސްލާހު ހުށަހަޅައި އެ އަދަދު 5000 އަށް ބޮޑުކުރައްވައިފަ އެވެ.

ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިޚާބުކޮށްފި ނަމަ އެ ފައިސާގެ އަދަދު ބޮޑުކުރަން ރައީސް ޔާމީން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.