05 May 2018, 10:10
އޮސްޓްރޭލިއާގެ ކޮމަންވެލްތު ބޭންކުގައި ހުރި 20 މިލިއަން އެކައުންޓުގެ މައުލޫމާތު "ގެއްލިފައިވާ"ކަމަށް އެ ބޭންކުން ބުނެފި އެވެ.
މި 20 މިލިއަން އެކައުންޓާ ގުޅޭ މައުލޫމާތު ރައްކާކޮށްފައި ހުރީ ދެ މެގްނެޓިޕް ޓޭޕުގަ އެވެ. އެ ޓޭޕުތައް ނައްތާލަން ހަވާލުކުރަން ނިންމާފައި އޮތީ ސަބް ކޮންޓްރެކްޓަކާ ކަމަށާއި ނަމަވެސް އެ މަސައްކަތް ހަވާލު ނުކުރަނީސް އެ ޓޭޕުތައް ގެއްލިފައިވާ ކަމަށް ބޭންކުން ބުނެ އެވެ.
ޓޭޕުތަކުގައި ކަސްޓަމަރުންގެ އެކައުންޓްތަކުގެ ތަފްސީލާއި ޒާތީ މައުލޫމާތު ވެސް ހުންނާނެ ކަމަށްވެ އެވެ. މައުލޫމާތު ރައްކާކޮށްފައި ހުރި ޓޭޕުތައް ގެއްލުނުކަން އެ ބޭންކުން ކަސްޓަމަރުންނަށް އަންގައިފައެއް ނުވެ އެވެ.
އޮސްޓްރޭލިއާގެ ސްޓޮކް އެކްސްޗޭންޖަށް މައުލޫމާތު ދެމުން ބޭންކުން ބުނީ ޓޭޕުތައް ރައްކާތެރި ގޮތުގައި ނައްތާލެވިފައިވާކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށެވެ. ނަމަވެސް އެ ޓޭޕުތަކުގައި ކާޑުތަކުގެ ޕިން އަދި ޕާސްވޯޑު ފަދަ މައުލޫމާތު ނުހިމެނޭނެ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.
މިނިވަން އޮޑިޓް ފާމަކުން ކުރި ތަހުގީގަކުން ޓޭޕުތައް ނައްތާލެވިފައިވާ ކަމަށް ގަބޫލު ކުރެވޭ ހެކި ލިބިފައިވާ ކަމަށް ވެސް ބޭންކުން ވަނީ ބުނެފަ އެވެ.
އޮސްޓްރޭލިއާގެ ބޭންކުތަކުން އަމަލުކުރާ ގޮތުން ބައެއް ކަސްޓަމަރުން ނުރުހުން ފާޅުކުރާ ކަމަށް ހަބަރުތައް ބުނެ އެވެ. މަރުވެފައިތިބޭ ކަސްޓަމަރުންގެ އަތުން ކޮމަންވެލްތު ބެންކުން ފީ ނަގާ ކަމަށް ބުނާ މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވި އެވެ. (ބީބީސީ)