04 May 2018, 20:21
މި ސީޒަނަށްފަހު ޔާޔާ ޓޯރޭ މެންޗެސްޓާ ސިޓީ ދޫކޮށްލާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ސިޓީގެ ކޯޗު ގާޑިއޯލާ ބުނެފައި ވަނީ އުމުރުން 34 އަހަރުގެ ޔާޔާ ޓޯރޭ ސިޓީއަށް ކުޅޭ އެންމެފަހު މެޗަކަށްވާނީ އަންނަ ބުދަ ދުވަހުގެ ބްރައިޓަންއާ ދެކޮޅަށް ސިޓީން ކުޅޭ މެޗު ކަމަށެވެ.
އައިވަރީ ކޯސްޓްގެ ޔާޔާ ޓޯރޭ ސިޓީއާ ގުޅުނީ 2010 ވަނަ އަހަރުގައެވެ. އެ އަހަރު އޭނާ ބާސެލޯނާއިން ސިޓީއަށް ބަދަލުވީ 24 މިލިއަން ޕައުންޑުގެ އަގަކަށެވެ. މިދިޔަ އަހަރުގެ ނިޔަލަށް ޔާޔާ ޓޯރޭ ސިޓީއާއެކު ވެފައިވާ އެއްބަސްވުން ހަމަވި އިރު، އޭނާ ވަނީ މި ސީޒަންގެ ނިޔަލަށް އެއްބަސްވުން އާކޮށްފައެވެ.
ގާޑިއޯލާ ބުނީ ޔާޔާ ޓޯރޭއަކީ އަމިއްލަ މަސައްކަތުން ކުރިއަރަމުން އައި ކުޅުންތެރިއެއް ކަމަށާއި، ސިޓީގެ ރަން ދުވަސްތަކުގައި ޔާޔާ ޓޯރޭއަކީ މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެއް ކަމަށެވެ.
އަދި ބްރައިޓަންއާ ދެކޮޅަށް ސިޓީ ކުޅޭ މެޗުގައި ޔާޔާ ޓޯރޭއަށް އެންމެ ފުރިހަމަ ވަދާއެއް ދެވޭނެ ކަމަށްވެސް ގާޑިއޯލާ ވަނީ ފާހަގަކޮށްފައެވެ.
ގާޑިއޯލާއާއެކު ބާސާގައިވެސް މުހިއްމު ކުޅުމެއް ދެއްކި ޔާޔާ ޓޯރޭ ވަނީ ސިޓީއަށް 229 މެޗު ކުޅެ 59 ގޯލް ޖަހައިފައެވެ. އަދި ސިޓީއައެކު ތިން ފަހަރަށް ލީގު ތަށި ކާމިޔާބުކޮށް، އެފްއޭ ކަޕާއި ދެ ލީގު ކަޕުވެސް ޔާޔާ ޓޯރޭ ވަނީ ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ޔާޔާ ޓޯރޭ ވަނީ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހަތަރު އަހަރު ހޯދައިފައެވެ.