04 May 2018, 18:49
ސްކޮޓިޝް ފުރަތަމަ ޑިވިޝަންގެ ރޭންޖާސްގެ ކޯޗު ކަމުގެ މަގާމަށް ފުޓުބޯޅަ ލެޖެންޑް ސްޓީވަން ޖެރާޑް ހަމަޖައްސައި އެކަން އިއުލާންކޮށްފިއެވެ.
ރޭންޖާސްގެ ކޯޗު ކަމުގެ މަގާމާ ޖެރާޑް ހަވާލުވާން އުޅޭކަމުގެ ވާހަކަތައް ކުރިން ދެކެވުނު ނަމަވެސް އެކަން ރަސްމީކޮށް އިއުލާންކުރީ މިއަދުއެވެ.
ލިވަޕޫލްގެ ޔޫތު އެކަޑެމީގެ ކޯޗު ކަމުގެ މަގާމުގައި ހުރި ޖެރާޑް، ރޭންޖާސް ކޯޗުކަމާ ހަވާލުވީ މިދިޔަ އޮކްޓޯބަރު މަހާ ހަމައަށް އެޓީމާ ހަވާލުވެހުރި ޕެޑްރޯ ކަޒިންހާގެ މަގާމު ފޫބެއްދުމަށެވެ. އޮކްޓޯބަރު މަހުން ފެށިގެން މިއަދާ ހަމައަށް ރޭންޖާސްގެ ކޯޗު ކަމުގެ މަގާމުގައި ވަގުތީގޮތުން ހަވާލުވެ ހުރީ ގްރައިމޭ މާޓީއެވެ.
ޖެރާޑް ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ލިވަޕޫލްގައި 19 އަހަރު ހޭދަކޮށް، އެޓީމަށް 710 މެޗު ކުޅެ ދީފައެވެ. ލިވަޕޫލާއެކު ނުވަ ޓްރޮފީ އުފުލާލި ޖެރާޑަކީ ގިނަ ދުވަސްތަކެއް ވަންދެން އިނގޭރި ގައުމީ ޓީމާއި ލިވަޕޫލްގެވެސް ކެޕްޓަން ބޭންޑް އެޅި ކުޅުންތެރިއެކެވެ.
ލިވަޕޫލުގެ ކެރިއަރަށްފަހު އެމެރިކާގެ މޭޖާ ލީގު ސޮކާގެ އެލްއޭ ގެލެކްސީއަށްވެސް ކުޅުނު ޖެރާޑު ވަނީ އިނގިރޭސި ގައުމީ ޓީމަށް 114 މެޗު ކުޅެދީފައެވެ. އަދި ގައުމީ ޓީމާއެކު ކުޅުނު ބޮޑު ހަ މުބާރާތުގެ ތެރެއިން ތިން މުބާރާތެއްގައި ކެޕްޓަން ބޭންޑްވެސް އަޅައިފައެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ރިޓަޔާކުރި ޖެރާޑް، ލިވަޕޫލްގެ ޔޫތު އެކަޑެމީގެ ކޯޗަކާ ހަވާލުވީ އިނގިރޭސި ތިން ވަނަ ޑިވިޝަންގެ އެމްކޭ ޑޮންސްއިން ހުށަހެޅި ހުށަހެޅުމަަކަށް އިންކާރު ކުރުމަށްފަހުގައެވެ.
ރޭންޖާސްއަށް ލީގުގައި ބާކީ ތިން މެޗު އޮތް އިރު އެޓީމު އޮތީ ތާވަލުގެ ތިން ވަނައިގައެވެ. ސްކޮޓިޝް ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަނުން ޖާގަ ލިބޭ އިރު، ދެވަނަ އަދި ތިން ވަނައަށް ޔޫރޮޕާ ލީގުގެ ކޮލިފިކޭޝަނުން ފުރުސަތު ލިބެއެވެ.