ރާއްޖޭގެ މާކެޓިން އަދި ޕީއާރް ކުންފުނި މޯލްޑިވްސް ގެޓްއަވޭސްއިން ބާއްވާ ބައިނަލްއަގްވާމީ ޓްރޭޑް ފެއާ "ޓްރެވަލް ޓްރޭޑް މޯލްޑިވްސް" ގ ސަޕްލަޔާ އެކްސްޕޯ ފަށައިފިއެވެ.

ސަޕްލަޔާ އެކްސްޕޯއަކީ ޓީޓީއެމް ފެއާގެ ދަށުން ކުރިއަށްގެންދާ އެންމެ ފަހު ހަރަކާތެވެ. ސަޕްލަޔާ އެކްސްޕޯ ކުރިއަށްދާނީ ދަރުބާރުގޭގައެވެ. މިއީ މި އެކްސްޕޯ ބާއްވާ ފުރަތަމަ ފަހަރެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން ގެޓްއަވޭސްއިން ބުނީ، މިފަހަރުގެ ސަޕްލަޔާ އެކްސްޕޯގައި 23 ސަޕްލަޔަރުން ބައިވެރިވާއިރު 100 އަށްވުރެ ގިނަ ރިސޯޓްތަކުން ޒިޔާރަތް ކުރުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

ޓީޓީއެމް ސަޕްލަޔާ އެކްސްޕޯގެ ތެރެއިން -- ފޮޓޯ/ ގެޓްއަވޭޒް

ސަޕްލަޔާ އެކްސްޕޯއަކީ، ވިޔަފާރި ވެރިންނަށް އެމީހުންގެ ޕޮޓެންޝަލް ކަސްޓަމަރުންނާ ބައްދަލުކޮށް ލިބެން ހުރި އެންމެ ރަނގަޅު އުފެއްދުންތަކުގެ މައުލޫމާތު ހިއްސާކޮށް ގުޅުން ބަދަހި ކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމަށް ގެޓްއަވޭސްއިން ބުންޏެވެ.

ސަޕްލަޔާ އެކްސްޕޯގެ އެގްޒެބިޓަރަކު ސަންއަށް މައުލޫމާތު ދެއްވަމުން ބުނީ، އެ ފަރާތުގެ ފިހާރަތަކުން ފޯރުކޯށްދޭ ހިދުމަތްތަކާއި އުފެއްދުންތައް ކަސްޓަމަރުންނާ ސީދާ ބައްދަލުކޮށް ކިޔާދެވުމުން ހިތްހަމަޖެހުން ލިބޭ ކަމަށެވެ. އަދި އޭގެ ސަބަބުން ކަށްޓަމަރުން އިތުރުވެ ދެމިގެންވާ ގޮތެއްގައި އެ ކަސްޓަމަރުންނާ ގުޅުންބާއްވާ ދެފަރާތުގެ ވިޔަފާރި ހަރުދަނާ ކުރުމަށް އެހީވެދޭ ކަމަށްވެސް އޭނާ ބުންޏެވެ.

ޓީޓީއެމް ސަޕްލަޔާ އެކްސްޕޯގެ ތެރެއިން -- ފޮޓޯ/ ގެޓްއަވޭޒް

"ގެޓްއަވޭޒްއިން މި އެކްސްޕޯ އިންތިޒާމްކޮށްދެއްވީީތީ ވަރަށް ބޮޑަށް ޝުކުރުއަދާ ކުރަން. މި އެކްސްޕޯގެ ސަބަބުން ރިސޯޓް ތަކުގެ ފަރާތްތަކާއި ބައްދަލުކޮށް ގުޅުންބަދަހި ކުރެވިގެންދޭ. އަދި މި އެކްސްޕޯއަކީ އެހެން އެކްސްޕޯތަކަށްވުރެ އަހަރެމެންނަށް ކާމިޔާބު އެކްސްޕޯއެއް ކަމަށް ވާނެކަމަށް އުންމީދުކުރެވޭ،" ސަޕްލަޔާ އެކްސްޕޯގެ އެގްޒެބިޓަރަކު ބުންޏެވެ.

މި ދިޔަމަހުގެ 30 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި ހޮޓެލިއާ ސަމިޓާއެކު ފެށި ޓީޓީއެމް ފެއާގެ ދަށުންވަނީ ވިޔަފާރި ބައްދަލުވުންތަކެއްވެސް ބާއްވާފައެވެ. އަދި ގެޓްއަވޭޒް އަށާއި ޓީޓީއެމް ފެއާއަށް އެކި ގޮތް ގޮތުން އެހީތެރިކަން ދިން ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭގައި ޓީޓީއެމް ގާލާ ނައިޓްބާއްވައި ވަނީ އެވޯޑުވެސް ދީފައެވެ.