04 May 2018, 17:41
އެމޭޒޮން ޕްރައިމްއިން ގެނެސްދިން "ދަ ރީމިކްސް" ގެ ފުރަތަމަ ސީޒަން ލަވަކިޔުންތެރިޔާ ރަޝްމީތު ކޯރް އަދި ޑީޖޭ ސުރިއަލް ކާމިޔާބު ކޮށްފިއެވެ.
މިއަދު އެއާ ކުރި ފިނާލޭ ރަޝްމީތު އަދި ސުރިއަލް ކާމިޔާބު ކުރީ ޝްރީރާމް ޗަންދުރަ/ކޭންޑިސް ރެޑިން އަދި ތޮމްސަން އެންޑްރޫޒް/އެންއެސްޖީ އާއި ވާދަކޮށެވެ.
ރަޝްމީތު އާއި ސުރިއަލް "ދަ ރީމިކްސް" ކާމިޔާބު ކުރީ އެންމެން ހައިރާންކޮށްލުމަށް ފަހުއެވެ. ކޮންމެ އެޕިސޯޑެއްގައި ވެސް ރަޝްމީތުގެ ފަރާތުން ތަފާތު ހުނަރެއް ފެނިގެން ދިޔަ އިރު، ފިނާލޭ އެޕިސޯޑުގައި ވެސް ވަރުގަދަ ހުށަހެޅުންތަކެއް ފެނިގެން ދިޔައެވެ.
ރަޝްމީތު އަކީ ބޮލީވުޑް ފިލްމުތަކަށް ލަވަކިޔައިދީފައިވާ ލަވަކިޔުންތެރިއެކެވެ. ޕަންޖާބަށް އުފަން ރަޝްމީތު ވަނީ 2012 ވަނަ އަހަރުގެ "ސަ ރެ ގަ މަ ޕާ" އަދި 2015 ވަނަ އަހަރު ގެނެސްދިން "އޭޝިއާޒް ސުޕަސްޓާ" ގައި ވެސް ބައިވެރިވެފައެވެ.
އަމިއްލަ ބޭންޑެއްގައި ލަވަކިޔަމުން އަންނަ ރަޝްމީތު އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުށަހަޅައިދެމުންނެވެ.
މަޝްހޫރު ހޯސްޓް ކަރަން ޓޭކަރު ހުށަހަޅައިދިން "ދަ ރީމިކްސް" ދައްކަން ފަށައިފައި ވަނީ މާޗު 10 ވަނަ ދުވަހު، 10 ޓީމާ އެކުއެވެ. ކޮންމެ ޓީމެއްގައި ހިމެނެނީ ލަވަކިޔުންތެރިއަކާއި ޑީޖޭއެކެވެ.
ލަވަކިޔުންތެރިޔާ ސުނީދީ ޗޯހާން، ޑީޖޭ ނިއުކްލިޔާ އަދި މިއުޒިކް ކޮމްޕޯޒަރ އަމިތު ތުރިވޭދީ ފަނޑިޔާރުންގެ ގޮތުގައި ފެނިގެން ދިޔަ ޝޯވ ކުރިއަށް ގެންދިޔައީ 100 ޕަސެންޓުގެ ޖަޖުންގެ މާކްސް އާއެކުއެވެ.