03 Sep 2011, 11:07
ދެހާސް ހަވަނަ އަހަރު އެމެރިކާއިން ވަރަށް އަނިޔާވެރި ގޮތަކަށް ޢިރާޤުގެ ޢާއިލާއެއްގެ ހުރިހާ މެންބަރުންގެ ގަޔަށް ބަޑިޖަހައި މެރިކަން ހާމަވާ ލިޔެކިޔުންތަކެއް ބޭޒާރުވުމުން އެމެރިކާހިންގި މިޖަރީމާގެ މައްސަލަ ބަލައި ތަޙްޤީޤްކުރާނެކަން ޢިރާޤު ސަރުކާރުން ހާމަކޮށްފިއެވެ. ޢިރާޤުގެ ބޮޑުވަޒީރުގެ މުސްތަޝާރު ޢަލީއަލްމޫސަވީ ވިދާޅުވީ ވިލިލީކްސް އިން ބޭޒާރުކޮށްލާފައިވާ އެމެރިކާގެ ލިޔުންތަކަކީ ހަޤީޤީ ލިޔުންތަކެއް ކަމަށާއި މިމައްސަލަބަލައި ތަޙްޤީޤް ކުރުމަށްފަހު އެމެރިކާގެ މަސްއޫލުވެރިންނާ ދެކޮޅަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގައެވެ.
ދެހާސް ހަވަނަ އަހަރު ޢިރާޤުން މިމައްސަލަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަކީވެސް ކޮށްފާނެ ކަމަށްކަމަށް އިޝާރާތްވާގޮތަށް ޢިރާޤުގެ މަސްއޫލުވެރިޔާ ވާހަކަ ދެއްކެވިއެވެ. ޖިނާއީ ކޯޓުގައި މިމައްސަލަ ސާބިތުވެއްޖެނަމަ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްއާއި މިކަމުގައި ފަހަތުގައިވާ އެމެރިކާގެ މަސްއޫލުވެރިން ހިފައި ހައްޔަރު ކުރުމުގެ އަމުރެއް ބައިނަލްއަޤްވާމީ ޖިނާއިކޯޓުން ނެރެފާނެ ކަމަށް ޢިރާޤުގެ ނޫސްތަކުގައި ބުނެފައިވެއެވެ. ނަމަވެސް ބައިނަލްއަޤްވާމީ ކޯޓަކީ އެހާ އިންސާފުވެރި ކޯޓެއްނޫންކަމަށް ބުނެ އެކޯޓަށް އިތުބާރު ނުކުރެވޭ ކަމަށް އަނެއްބައި ނޫސްތަކުން ބުނެއެވެ.
ވިކިލީކްސް އިން ބޭޒާރުކޮށްލި އެމެރިކާ ސަރުކާރުގެ ލިޔުންތައް ބުނާގޮތުން އެމެރިކާ ސިފައިން ބަޣްދާދުގެ އުތުރުގައިވާ ގެއަކަށްވަދެ އިރާޤުގެ ޢާއިލާއެއްގެ 10 މީހުން މަރާލާފައިވަނީ އެމީހުންގެ އަތްފައިބަނުމަށްފަހު ވަރަށް ކައިރިން ބަޑިޖަހައިގެންނެވެ. މަރާލެވުނު ޢާއިލާގައި ތުއްތު ކުދިންނާއި އަންހެނުންނާއި ފިރިހެނުންވެސް ހިމެނޭ ކަމަށާ މިޖަރީމާ ހިންގާފައިވަނީ މީގެ ފަސްއަހަރު ކުރިންކަމަށްވެސް ބުނެފައިވެއެވެ.
ޢިރާޤުގެ ރައްޔިތުންގެ ވަކިވަކި ފަރުދުން މެރުމަށް އެމެރިކާ ސިފައިން ޢިރާޤުގައި ސިއްރިޔާތުގައި ހިންގާފައިވާ ކަމަށް ބެލެވޭ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކާއި ވަޙްޝީ ޢަމަލުތައް ބެލުމުގައި ތަންކޮޅެއް ކުރިން ޢިރާޤުގައި ޙަރަކާތްތެރިވި އދ.ގެ ރެޕަޓުއާ ފިލިޕް އެލްސްޓޮންއަށް މިޖަރީމާގެ ޚަބަރު ލިބިވަޑައިގެން 2006 ވަނަ އަހަރުގެ އެޕްރީލްމަހު އޭނާ އެމެރިކާގެ މަސްއޫލުވެރިންނަށް ސިޓީއެއް ފޮނުއްވާފައިވާކަމާއި އެސިޓީވެސް އެމެރިކާ ސަރުކާރުންވަނީ ސިއްރުކޮށްފައިކަން ވިކިލީކްސް އިން ބޭޒާރުކޮށްލި ލިޔެކިޔުންތަކުން ހާމަވެއެވެ.
މިސީޓީ ބުނާގޮތުން އެެމެރިކާ ސިފައިން، ޢިރާޤުގެ 10މީހުންގެ މައްޗަށް އެކުލެވޭ ޢާއިލާގެ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިން މަރާފައިވަނީ 2006 ވަނައަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހު އެޢާއިލާގެ ގޭގައި އެމީހުންގެ އަތްފައި ބަނުމަށްފަހު އެއެންމެންގެވެސް ބޮލަށް ބަޑިޖަހައިގެންކަން އދ.ގެ ރެޕަޓުއާ ފިލިޕް އެލްސްޓޮން އެމެރިކާގެ މަސްއޫލުވެރިންނަށް ފޮނުއްވި ސީޓީގައި ބުނެފައިވެއެވެ. ނަމަވެސް މިމައްސަލައާގުޅިގެން އދ. ގެ ރެޕަޓުއާ ފިލިޕް އެލްސްޓޮން އިތުރަށް އެޅުއްވި ފިޔަވަޅެއްނެތް ކަމަށް މިކަމާބެހޭ ލިޔުންތައް ބުނެއެވެ.
ފިލިޕް އެލްސްޓޮންގެ މިސިޓީވެސް ވިކިލީކްސްއިންވަނީ ބޭޒާރުކޮށްލާފައެވެ. 2006 ވަނަ އަހަރުގެ ޖޫންމަހު މިޖަރީމާގެ މައްސަލަ ޢިރާޤު ސަރުކާރުން ނެގުމުން އެމެރިކާގެ މަސްއޫލުވެރިންވަނީ މިއީ އިރާޤުގައި ހަރަކާތްތެރިވާ އަލްޤާޢިދާގެ ހަނގުރާމަވެރިންނާ ދެކޮޅަށް ޢިރާޤުގެ ގެއެއްގައި އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަނެއް ކަމަށް ބުނެ ޢިރާޤުގެ ޢާއިލާއެއްގެ މީހުންގެ ބޮލަށް ބަޑިޖަހައި އެމީހުން މެރިކަމަށް އެއްބަސްވުމަށް އެމެރިކާގެ މަސްއޫލުވެރިންވަނީ ދެކޮޅު ހަފާދަވާފައެވެ.
އެމެރިކާގެ މަސްއޫލުވެރިން މިޖަރީމާއަށް އިންކާރު ކުރައްވަމުން ގެންދަވަނިކޮށް އެދުވަސްވަރު އދ.ގެ ރެޕަޓުއަރ ވަނީ އެމެރިކާގެ ބަސްދޮގުކުރައްވާފައެވެ. މިގޮތުން އެމެރިކާ ސިފައިން މަރާލި ޢިރާޤުގެ ޢާއިލާގެ މީހުންގެ ތެރެއިން ބައެއް މީހުންގެ ހަށިތައް ޢިރާޤުގެ ހޮސްޕިޓަލަކަށް ގެންގޮސް އޮޓޯޕްސީ ހެއްދުމުން އެމީހުން މަރާފައިވަނީ ވަރަށްކައިރިން ބޮލަށް ބަޑިޖަހައިގެންކަން ހާމަވާކަމަށް ވިދާޅުވެ މިކަން ފާހަގަކުރައްވައި އަދި އެމެރިކާގެ މަސްއޫލުވެރިންގެ ވާހަކަ ދޮގުކުރައްވައި އދ.ގެ ރެޕަޓުއަރ ވާހަކަދައްކަވާފައިވާކަންވެސް ވިކިލީކްސްއިން ބޭޒާރުކޮށްލި ލިޔެކިޔުންތަކުން ވަނީ ހާމަވެފައެވެ.
އެއަށްފަހު މިޖަރީމާ ހިންގި ގެއިން އެސޯސިއޭޓެޑް ޕްރެސްގެ ކެމެރާމަނަކު ނަގާފައިވާ ވީޑިޔޯކްލިޕަކުން އެގޭތެރޭގައި ބޮލަށް ބަޑިޖަހައިގެން މަރާފައިވާ 5 ކުޑަކުއްޖެއްގެ ހަށިތައް ފެނިފައިވެއެވެ. އަދި އެގޭގެ ފާރުގައި ވަރަށްކައިރިން ބަޑިޖެހިކަމުގެ ނިޝާންތައް ލެއާއެކު ހުރިކަންވެސް އެވީޑިޔޯއިން ފެނިފައިވާކަން އެދުވަސްވަރު ހާމަވެފައިވެއެވެ. -- ރޮއިޓާސް، އަލްޖަޒީރާ