04 May 2018, 13:32
އިސްލާމީ އުންމަތަކީ މާތްﷲ ބަރަކާތް ލައްވާފައިވާ އުންމަތެއްކަން ހަނދުމަކޮށް، އެކަމަށްޓަކައި ޝުކުރުވެރިވާ ބައެއްކަމުގައި ވާންޖެހޭ ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާ އަލިއަޅުވާލައިފައިވަނީ މާތްﷲ ގެ ބަރަކާތުގެ މައްޗަށެވެ.
މި އުންމަތަށް އެކަލާނގެ ލެއްވި އެއް ބަރަކާތަކީ މި އުންމަތުގެ މީހުންގެ ތެރެއިން ބޮޑެތި ފާފަތައް ކުރެވިފައިވާ މީހުންނަށް ގިޔާމަތް ދުވަހުން ކީރިތި ރަސޫލާ ޝަފާއަތް ލިބުން ކަމަށް ހުތުބާގައި ބުންޏެވެ.
އަދި އީމާންކަމުގެ ކުޑަވެސް މިންވަރެއް ހުންނަ މީހާ ނަރަކައިގައި ދާއިމަށް އޮންނަން ނުޖެހޭނެ ކަމަށްވެސް މިއަދުގެ ހުތުބާގައި ބުންޏެވެ.
މާތްﷲ ދެއްވާ ބަރަކާތާއި އެކަލާނގެ ބަރަކާތް ލިބުމަށް ކުރެވޭނެ ކަންކަމާ ބެހޭ ގޮތުން ވެސް މިއަދުގެ ހުތުބާގައި ވަނީ އަލިއަޅުވާލައިފައެވެ.
މާތްﷲގެ ބަރަކާތަކީ ހުރިހާ ހެޔޮކަމަކާ ގުޅިފައިވާ އެއްޗެއް ކަމަށާއި ބަރަކާތް ލިބުމުގައި އެންމެ ފުރަތަމަ ބެލެވޭ ކަމަކީ ތިމާގެ އީމާންތެރިކަމާއި ތަގުވާވެރިކަން ކަމަށް ހުތުބާގައި ވެއެވެ.
"އީމާންކަމުގެ ސަބަބުން ދުނިޔެމަތީގައި ރައްކާތެރިކަން ލިބި އާހިރަތުގައި އަމާންކަން ލިބިގެންދެއެވެ. އަދި އޭގެ އިދިކޮޅުކަމުގައިވާ ކުފުރުގެ ނަތީޖާއަކީ ދުނިޔެމަތީގައި ބިރުވެރިކަން ކުރިމަތިވެ، އާހިރަތުގައި ގެއްލެނިވެ ހަލާކުވެގެން ދިއުމެވެ،" ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނާ ގޮތުގައި އިންސާނާ ކުރާ ކަންކަމާއި ގެންގުޅޭ ތަކެއްޗަކީ ހަލާލު ގޮތުގައި ކުރާ ކަންކަމާއި ހޯދާ ތަކެތި ކަމުގައި ހެދުމަކީ ބަރަކާތް ލިބުމުގެ މަގެކެވެ. އަދި ހަރާމް ގޮތުގައި ލިބިގަންނަ ކޮންމެ އެއްޗަކީ ބަރަކާތް ކެނޑިފައިވާ އެއްޗެއް ކަމަށްވެސް ބުނެއެވެ.
"ރިބާއަކީ މުދަލުން ލިބޭ މާއްދީ އިތުރުވުމެއް ކަމަށް އިންސާނާއަށް ތަސައްވަރު ކުރެވުނަސް، މާތްﷲ އޭނާއަށް އެއިން އެކަލާނގެ ބަރަކާތް ނެތިކުރައްވައެވެ. އަދި ޞަދަގާތުން މުދަލަށް އުނިކަމެއް ލިބޭކަމަށް ހީވިކަމުގައި ވިޔަސް، އެ ހެޔޮ އަމަލުގެ ސަބަބުން އެކަލާނގެ އޭގައި ބަރަކާތް ލައްވާ އިތުރުކޮށްދެއްވައެވެ،" ހުތުބާގައި ބުންޏެވެ.
ބަރަކާތަށް އެދޭމީހާ ކީރިތި ގުރުއާން ކިޔެވުމަށްވެސް ސަމާލުވާންޖެހޭ ކަމަށާއި، ރަހިމުގެ ގުޅުން ދެމެހެއްޓުމަކީވެސް ބަރަކާތް ލިބުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ.