ދިއްލީ (މޭ 4): އިންޑިއާގެ އުތުރަށް މޫސުން ގޯސްވެ، ހިރަފުހުގެ ތޫފާނެއް އެރުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 125 އަށް އަރައިފިއެވެ.

އެ ތޫފާނުގެ ސަބަބުން އުއްތަރު ޕްރަދޭޝްއާއި ރާޖަސްތާނުން ކަރަންޓު ކެނޑި، ގަސްތައް މުލުން ލުހި، ގެތައް ވެއްޓި، ޖަނަވާރުވެސް މަރުވެފައި ވެއެވެ.

އެ ތޫފާނުގައި ބޯކޮށް ވާރޭ ވެހި ހޮނު އެޅުމުގެ ސަބަބުން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައި ވަނީ އުއްތަރު ޕްރަދޭޝްއިންނެވެ. އެސްޓޭޓުގައި 73 މީހަކު މަރުވެފައިވާ އިރު، ރާޖަސްތާނުން ވަނީ 39 މީހަކު މަރުވެފައެވެ.

މީގެ އިތުރުން ތެލަންގަނާއިން ހަތް މީހަކާއި، އުއްތަރަކާންދުން ހަތަރު މީހަކާއި ޖާރްޚާންދާއި ޕަންޖާބުން ހަތަރު މީހަކު މަރުވެފައި ވެއެވެ.

އުއްތަރު ޕްރަދޭޝްގެ ސަރުކާރުން ވަނީ މަރުވި މީހުންގެ އާއިލާތަކަށް 6،000 ޑޮލަރު ދޭނެ ކަމަށް ބުނެފައެވެ. އަދި އެއީ އެފަދަ ތޫފާނެއްގެ ސަބަބުން ފާއިތުވި 20 އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ފަހަރުކަން ފާހަގަކޮށްފައެވެ.

(ބީބީސީ)