04 May 2018, 10:55
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގެ ދެވަނަ ބުރުގައި ފްލެޓް ވީއެންޑީޕީ ބަލިކޮށް، ފްލެޓް 7 އިން ތިންވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގައި ރޭ ފްލެޓް ވީއެންޑީޕީގެ މައްޗަށް ފްލެޓް 7 އިން ކުރި ހޯދާފައިވަނީ 3-1ގެ ނަތީޖާއަކުންނެވެ. ފްލެޓް 7 އަކީ ހުޅުމާލެއަށް ނިސްބަތްވާ ޓީމުތަކުގެ ތެރެއިން ޗެމްޕިއަން ބަޖިޔާ ނަގާފައި އެންމެ ވަރުގަދަ ޓީމެވެ.
ރޭގެ މެޗުގައި ފްލެޓް 7ގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޒިޔާނާއި، އިބްރާހިމް ސަނޫން އަދި އާފިގް ރަޝީދެވެ. ފްލެޓް ވީއެންޑީޕީގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ވިޝާހުއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކި ފްލެޓް 7ގެ ގޯލްކީޕަރު އަބްދުﷲ އުސައިދު އަބްދުލް ހަމީދެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، 10-2ގެ ނަތީޖާއަކުން ސިކްސް ސިގްމާ ބަލިކޮށް ރޮކް ސްޓްރީޓްސް ކްލަބުން ވަނީ ތިންވަނަ ބުރުގެ ޖާގައެއް ހޯދައިފައެވެ. ޓީމް ރުކް ރުކް ރުކްގެ މައްޗަށް 13-2ގެ ނަތީޖާއަކުން ނެމެސިސް ކުރި ހޯދި އިރު، ހަލަބޮލި ފުޓްސަލް ޓީމު އަތުން އެންއެފްޓީ މޮޅުވީ 5-6ގެ ނަތީޖާއަކުންނެވެ. އަދި ރޭ ކްލަބު ސިވިކްގެ މައްޗަށް ހިތާދޫ ފުޓްސަލް ޓީމު ކުރި ހޯދީ 3-2ގެ ނަތީޖާއަކުންނެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ 12 މެޗެއް މިއަދު ކުރިއަށްދާނެއެވެ. މިއަދު ހެނދުނާއި، ހަވީރު އަދި ރޭގަނޑުވެސް މެޗުތައް ކުރިއަށްދާނެއެވެ.
ޖުމްލަ 136 ޓީމާ އެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 350,000 ރުފިޔާއެވެ.