ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރީން، ދުނިޔޭގެ ބެޑްމިންޓަން ރޭންކިންގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިއެވެ.

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ދުނިޔޭގެ ރޭންކިންގައި ފިރިހެނުންގެ ސިންގަލްސް އަދި މިކްސް ޑަބަލްސް އިވެންޓުން ދިވެހި ކުޅުންތެރީން ހޯދި ކުރިއެރުންތައް ފާހަގަކޮށްލެވެއެވެ. އެ ދެ އިވެންޓުން ރާއްޖޭގެ ކުޅުންތެރީން ވަނީ ރޭންކިންގައި ކުރިއަށް ޖެހިލައިފައެވެ.

ފިރިހެނުންގެ ސިންގަލްސް އިވެންޓުގައި ރޭންކިންގެ ކުރިއަށް ޖެހިލާފައިވާ ކުޅުންތެރިޔަކީ ހުސައިން ޒަޔާން ޝަހީދު ޒަކީއެވެ. އޭނާ ވަނީ ދުނިޔޭގެ ރޭންކިންގެ 338 ވަނައަށް ޖެހިލައިފައެވެ.

މިކްސް ޑަބަލްސް އިވެންޓުގައި ރޭންކިންގެ ކުރިއަށް ޖެހިލާފައިވާ ޕެއާއަކީ ފާތިމަތު ނަބާހާ އަބްދުލް ރައްޒާގާއި ޒަޔާންގެ ޕެއާއެވެ. ނަބާހާއާއި ޒަޔާންގެ ޕެއާ ވަނީ ރޭންކިންގެ 174 ވަނައަށް ޖެހިލައިފައެވެ. އެ ޕެއާ ވެގެންގޮސްފައިވަނީ މިކްސް ޑަބަލްސް އިވެންޓުގެ ގަދަ 200ގައި ހިމެނުނު ރާއްޖޭގެ ފުރަތަމަ ޕެއާއަށެވެ.

ބެޑްމިންޓަންގައި ވިދަމުންދާ އެއްމާބަނޑު ދެ ބެއިން ކަމަށްވާ ނަބާހާ އަބްދުލް ރައްޒާގާއި ނަބީހާ އަބްދުލް ރައްޒާގު ވަނީ އަންހެނުންގެ ޑަބަލްސް އިވެންޓުގެ ރޭންކިންގައި ބޮޑު ކުރިއެރުމެއް ހޯދައިފައެވެ. އެ ޕެއާ ވަނީ ރޭންކިންގެ 147 ވަނައަށް ޖެހިލައިފައެވެ.