03 Sep 2011, 10:59
ސިފައިންގެ ބަޔަކު ބަންގުލަދޭޝްގެ ބަޔަކަށް ބިރުދައްކައި ފައިސާ ފޭރެމުނު ކަމަށް ބުނާ މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންނަކީ ޝަރުއީ އަދި ގާނޫނީ އިންތަކުން ބޭރުވެ ހައްދު ފަހަނައަޅާފައިވާ ބައެއް ކަމަށާއި އެ މީހުންނަށް ހައްގު އަދަބު ދިނުމަށް ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ޖަމިއްޔަތުލް ސަލަފުން ގޮވާލައިފި އެވެ.
މިދިއަ އަންގާރަ ދުވަހު، ފަރީދީމަގުގައި ހުންނަ ޕިންކް ރޯސްއަށް ވަދެ އެ ގޭގައި އުޅޭ ބަންގުލަދޭޝްގެ ބަޔަކަށް ބިރުދައްކައި ފައިސާ ފޭރުނު ކަމުގައި ތުހުމަތުގައި ސިފައިންގެ ތިން މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ހައްޔަރު ކުރި ތިން މީހުންގެ ތެރޭ ހިމެނެނީ ޅ. ހިންނަވަރު، އާރާމުގެ، ލާންސް ކޯޕްރަލް އަލީ އިބްރާހީމް،26، އާއި ލ. މުންޑޫ، ފިނިފެންމާގެ، ޕްރައިވެޓް ހުސައިން މާހިރު،23، ގެ އިތުރުން ފޭރުނު ހާދިސާއަށް ފަހު ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި ކ. ގާފަރު، ނޫވިނަ، ޕްރައިވެޓް ސާއިބު އިބްރާހީމެވެ.
ސިފައިންގެ ޔުނީފޯމުގައި ތިބެ އެ ތިން މީހުން ހިންގާފައިވާ ޖަރީމާ ކުށްވެރިކޮށް އެމީހުންނަށް ހައްގު އަދަބު ދިނުމަށާއި ދޭ އަދަބަކީ އެހެން މީހުންނަށް ހުރި އިބުރަތެއް ކަމުގައި ހަދަން ގޮވާލައި ސަލަފު ޖަމިއްޔާއިން އިއްޔެ ނެރުނު ބަޔާނުގައި ބުނަނީ އިސްލާމްދީނާއި ރައްޔިތުން ހިމާޔަތް ކުރުމަށް ﷲ ގަންދީ ހުވާކޮށްގެން ތިބި ބަޔަކު މީހުންގެ ގޯތިގެދޮރާއި މުދަލާއި ނަފްސުގެ ހުރުމަތަށް ހައްގަކާ ނުލައި އަރައިގެންފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އޮތް އެންމެ ޒިންމާދާރު މުއައްސަސާގެ ކަރާމާތް ފުރަތަމަ ފަހަރަށް ނަގާލައި ސިފައިންގެ ޔުނީފޯމުގެ ނާޖާއިޒު ފައިދާ ނަގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ބިންމަތީގައި ފަސާދަ އުފައްދާ މީހުންނަށް ދީނުގައި ކަނޑައަޅާފައިވާ ހުކުމްތަކުން ދަލީލު ދައްކާފައިވާ ބަޔާނުގައި އެފަދަ މީސްމީހުންނާ ދޭތެރޭ ފިޔަވަޅު ނަޅާއި ދޫކޮށްލައިފިނަމަ ފަހުން ނުކުންނާނެ ނަތީޖާތަކުގެ ޒިންމާ ރައީސުލް ޖުމްހޫރިއްޔާއި އާއި އެމްއެންޑީއެފާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރައްޔިތުން ނެގުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
ސަލަފުން މި ބަޔާން ނެރެފައިވާއިރު ފޭރުމުގެ މައްސަލައާ ގުޅިގެން ސިފައިން ބުނެފައި ވަނީ އެމީހުންނާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.