04 May 2018, 01:31
ފުލުހުންނަކީ ރައްޔިތުންގެ ހީރޯއިން ކަމަށާއި އެހެންކަމުން މުޖުތަމައު ތެރޭގައި ކޮންމެ ފުލުހެއްގެ މުސްތަގިއްލު ކަމާއި އިހްތިރާމް ހިފަހައްޓަން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް (އައލްސްް) އިން ހިންގި ދެ ކޯހެއްގެ ނިމުން ފާހަގަކުރުމަށް އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ސަރުކާރާއި ރައްޔިތުން ވެސް ފުލުހުންނަށް ބަރޯސާވެ އަދި އިތުބާރު ކުރާ ކަމަށެވެ.
އެހެންކަމުން ކުރާ ކޮންމެ ކަމެއްގައި ވެސް މުސްތަގިއްލުކަން އިސްކޮށް، ގައުމުގެ ތަރައްގީއަށާއި އިސްލާމީ އުއްމުތަށް، ކިޔެވި އެއްޗެއްގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މިނިސްޓަރު ހުރިހާ ފުލުހުންނަށް ގޮވާލެއްވިއެވެ.
"ތިއީ (ފުލުހުން) ރައްޔިތުންގެ ހީރޯއިން. އެދުމެއް އަދި ބިރުވެރިކަމެއް ނެތި، މުޖުތަމައު ތެރޭގައި ފުލުހުންގެ މުސްތަގިއްލު ކަމާއި އިހްތިރާމް ހިފަހައްޓަން ޖެހޭނެ. އަހަރެން ގަބޫލުކުރާ ގޮތުގައި މި ގައުމު، އިތުރަށް ރަގަނޅުކޮށް އަމާން ތަނަކަށް ހަދައިދޭނެ ބަޔަކީ ތި ފުލުހުން. ތިއީ ޕްރޮފެޝަނަލިޒަމްގެ ނަމޫނާ ބަޔަކަށް ވާނެކަން،" އަޒްލީން ވިދާޅުވި އެވެ.
އައިލްސް އިން މިރޭ ވަނީ ދެ ކޯހަކުން ޖުމްލަ 63 ދަރިވަރުން ދަސްވެނިވެފައެވެ.
އެ ދެ ކޯހަކީ، އައިލްސް އާއި އޮސްޓްރޭލިއާގެ ވެސްޓަން ޔުނިވާސިޓީ އޮފް ސިޑްނީއާ ގުޅިގެން ކުރިއަށް ގެންދިޔަ ބެޗްލާސް ޑިގްރީ އޮން ސައިންސް އެންޑް ސެކިއުރިޓީ ލޯ އެންފޯސްމަންޓް ކޯހާއި ޑިޕްލޮމާ އިން ޕޮލިސިން ކޯހެވެ.
ފުލުހުންގެ ވަޒީފާގައި އުޅެމުން ވެސް ކޯސް ފުރިހަމަ ކުރުމުން އެ ދަރިވަރުންނަށް ސެލިއުޓް ކުރަންޖެހޭކަން ފާހަގަކުރައްވައި އަޒްލީން ވިދާޅުވީ، ގައުމުގެ ކުރިއެރުމަށް ގާނޫނު ނަގަހައްޓަން މަސައްކަތްކޮށް މަސްއޫލިއްޔަތުތައް އަދާ ކުރަމުން ކިޔަވައިގެން ދަސްވެނިވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އަދި ދިރިއުޅުމުގައި ހާސިލް ކުރަން ބޭނުންވާ ހުވަފެންތަކާއި ލަނޑުދަނޑިތައް ހާސިލްކުރުމަށް ފަސް ނުޖެހުމަށް ހިތްވަރު ދެއްވައި މިނިސްޓަރު ވަނީ ކިޔެވި އެއްޗަކާއި އަމިއްލަ ދިރިއުޅުން ހަމަހަމަކޮށް، ހެޔޮ ގޮތުގައި ގައުމަށް ހިދުމަތް ކުރުމަށް ގޮވާލައިފައެވެ. އަދި ވިދާޅުވީ، ކުރާ ކޮންމެ ކަމެއްގައި ވެސް ކިޔެވި އެއްޗެއްގެ ބޭނުން ހިފަންވާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދަސްވެނިވި ޑިގްރީ ހާސިލްކުރި ފުލުހުންނަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ޑިގްރީއަކާ އެކު ހިދުމަތުގެ ތެރެއަށް ފުލުހުން ރުޖޫއަވާއިރު އެ ފުލުހެއްގެ ހިދުމަތް ދިނުމުގައި ތަފާތުތަކެއް ފެންނަން ޖެހޭނެ ކަމަށެވެ.
"ކޮންމެ ކޯހަކުން އަދި ޔުނިވާސިޓީއަކުން ވެސް ކިޔެވި އެއްޗަކުން ބަދަލުތަކެއް ގެންނަން ޖެހޭނެ. އެކެޑެމިކް ޕްރޮގްރާމަކުން ދަސްވެނިވާއިރު ތިމާ އުޅޭ ގޮތް ވެސް ތަފާތު ވާންޖެހޭނެ. މިއީ ވިސްނާލުން ވަރަށް މުހިއްމު ކަމެއް. ތިމާގެ މީހުންނާއި ރައްޓެހިންނަށް އެނގެންވާނެ ތިމާއަކީ ތަފާތު މީހެއްކަން. ތިމާއަކީ ތަފާތު މީހެއް ނޫންނަމަ ގެނައި ބަދަލެއް ކޮބައި،" އަޒްލީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޑިގްރީ ހޯލްޑަރެއްގެ ފަރާތުން މަޑުމައިތިރި ކަމާއި، ކަނުލައި އަޑުއަހައި، ކިޔެވި އެއްޗެއްގެ ބޭނުން ރަގަނޅު ގޮތުގައި ހިފައި، ކެތްތެރިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެފަދަ މީހަކު މީހުންނާ ދިމާލަށް އެއްޗެހި ނުކިޔާނެ ކަމަށާއި އޭގެ ބަދަލުގައި އެ މީހެއްގެ މޫނު މަތިން އަބަދުވެސް ފެންނަންޖެހޭނީ ހިނިތުންވުން ކަމަށް ވިދާޅުވިއެވެ.