ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ކުޑަ އިންޓަރެސްޓް ރޭޓުގެ ލޯނު ހޯދަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)އާއެކު ރާއްޖޭގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޝްވަރާ ކުރައްވައިފި އެވެ.

އޭޑީބީގެ ރައީސް ޓެކެހީކޯ ނަކައޯއާއެކު އެ މަޝްވަރާތައް ބޭއްވީ، އޭޑީބީގެ 51 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފިލިޕިންސްގެ މެނީލާއަށް ފިނޭންސް މިނިސްޓަރު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގެ ތެރެއިންނެވެ.

އޭޑީބީ ރައީސް ޓެކެހީކޯ ނަކައޯ އާއެކު މިނިސްޓަރު މުނައްވަރު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ފޮރިން މިނިސްޓްރީ

ނަމަވެސް އޭޑީބީގެ ރައީސްއާއެކު ފިނޭންސް މިނިސްޓަރު ކުރެއްވި މަޝްވަރާތަކުގެ ތަފްސީލެއް އެ މިނިސްޓްރީން ނުދެއެވެ.

އޭޑީބީގެ ރައީސްގެ އިތުރުން ފިނޭންސް މިނިސްޓަރު ވަނީ އެ ބޭންކުގެ ނައިބް ރައީސް ވެންކައި ޒަން އަދި ޑިރެކްޓަރު ޖެނެރަލް ހުން ކިމްއާއެކު ވެސް ބައްދަލުކުރައްވައިފައެވެ.

އޭޑީބީގެ ނައިބް ރައީސް ވެންކައި ޒަން އާއެކު ފިނޭންސް މިނިސްޓަރު މުނައްވަރު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ފޮރިން މިނިސްޓްރީ

އޭޑީބީގެ ނައިބް ރައީސްއާއެކު ފޮރިން މިނިސްޓަރު ބޭއްވި ބައްދަލުވުމުގައި ރާއްޖެ ފަދަ ކުދި ގައުމުތަކުގެ އިގްތިސާދު ކުރިއަރުވަން އޭޑީބީން ދޭ ފަންޑު އިތުރު ކޮށްދެއްވާނެ ކަމަށް ވެސް އެބޭފުޅުން ވިދާޅުވި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އަދި އޭޑީބީގެ ފަރާތުން ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކަށް ޓެކްނިކަލް ހައްލު ހޯދުމާ ގުޅޭގޮތުން އޭޑީބީގެ ޑިރެކްޓަރު ޖެނެރަލްއާއެކު ފިނޭންސް މިނިސްޓަރު މަޝްވަރާ ކުރެއްވި އެވެ.

އޭޑީބީ ޑިރެކްޓަރު ޖެނެރަލް ހުން ކިމް އާއެކު މިނިސްޓަރު މުނައްވަރު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ފޮރިން މިނިސްޓްރީ