އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 45 ވަނަ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ބަނގުލަދޭޝަށް ވަޑައިގެންފިއެވެ.

ބަނގުލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވާ އޯއައިސީގެ މެމްބަރު ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ކައުންސިލުގެ ބައްދަލުވުން އޮންނާނީ އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު އެވެ.

މިއަހަރުގެ ބައްދަލުވުމަށް އޯއައިސީން ކަނޑައަޅާފައިވާ ޝިއާރަކީ "އިސްލާމިކް ވެލިއުޒް ފޯ ސަސްޓައިނަބަލް ޕީސް، ސޮލިޑޭރަޓީ އެންޑް ޑިވެލޮޕްމަންޓް" ނުވަތަ ސުލްހަ މަސަލަސްކަން ގާއިމްކުރުމާއި ތަރައްގީ ގެނައުމުގައި އިސްލާމީނުގެ މަތިވެރި އުސޫލުތައް ދެމެހެއްޓުމުގެ މުހިއްމު ކަމެވެ.

އަދި އެހެން އަހަރުތަކޭ އެއްގޮތަށް މިއަހަރުގެ ބައްދަލުވުމުގައި ވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތަށް ހުރި ގޮންޖެހުންތަކާއި ދީނީ ގޮތުން ހައްދުފަހަނަ އަޅާ ދިއުމާއި ކައުންޓާ ޓެރަރިޒަމްގެ އިތުރުން އިންސާނިއްޔަތާއި އިސްލާމީ މުޖުތަމައުތަކާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ގުޅޭ ގޮތުން، މެމްބަރު ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރާނެއެވެ.

އަދި މިފަހަރުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އާސިމް ވެސް ތަގުރީރު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އޯއައިސީއަކީ މުސްލިމް އުއްމުތަށް ދިމާވެފައިވަ ތަފާތު މައްސަލަތަކާއި މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، މުސްލިމު ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަގްސަދުގައި 1969 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.

ފަންސާސް ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ޖަމިއްޔާގެ މެންބަރަކަށް ރާއްޖެ ވީ 26 ޖުލައި 1976 ވަނަ އަހަރެވެ. އަދި ޖަމިއްޔާގެ މެމްބަރަކަށް ވުމަށްފަހު ރާއްޖެއިން ދަނީ އެ ޖަމިއްޔާގެ ހުރިހާ ސަމިޓެއްގެ އިތުރުން އެކްސްޓުރާއޯޑިނަރީ ސަމިޓްތަކުގައި ވެސް ބައިވެރިވަމުންނެވެ.