ގާނޫނާއި ގަވާއިދު ތަންދޭ އެންމެ ފުޅާމިނުގައި ނޫސްވެރިކަމުގެ މަސައްކަތް ކުރުމަށް ދިވެހި ނޫސްވެރިންނަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފިއެވެ.

މިއަދު ދުނިޔޭގައި ފާހަގަކުރާ 25 ވަނަ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެ ކައުންސިލުގެ ރައީސް އަބްދުލްމުއީދު ހަސަން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ މީޑިއާ ކައުންސިލުގެ މި ދައުރު ފެށުނުއިރު، ވުޖޫދަށް އަލަށް އައިސްފައިވާ ގާނޫނީ ހަމަތަކުގެ މަތީން ނޫސްވެރިކަމުގެ ވެށި އަމާން ކުރުމަށްޓަކައި، މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ގާނޫނަކީ ނޫސްވެރިންގެ މަސައްކަތަށް ހުރި ހުރަހެއް ކަމުގެ އިހުސާސް ފިލުވައިދީ، ގާނޫނަކީ ނޫސްވެރިންގެ މަސައްކަތަށް އާރާއި ބާރު ލިއްބައިދޭ ސަނަދެއް ކަމުގައި ހެދުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ، ގާނޫނު ތަންދޭ އެންމެ ތަނަވަސް އިމުގެ ތެރޭގައި މިނިވަންކަމާއެކު ދިވެހި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މަގު ފަހިވުމެވެ. އަދި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަކީ، މީޑިއާތަކާއި ނޫސްވެރިންގެ ސާބިތުކަމާއި އަޒުމު ނަގަހައްޓައިދޭ ބާރެއް ކަމުގައި ވުމެވެ،" އަބްދުލްމުއީދުގެ ބަޔާނުގައި ވިދާޅުވިއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާތާ 25 އަހަރު ފުރޭއިރު، މިއަހަރު ދިވެހި ނޫސްވެރިކަމަށް 75 ފުރޭކަން ފާހަގަކުރައްވައި އަބްދުލްމުއީދު ވިދާޅުވީ، ފާއިތުވެދިޔަ މުއްދަތުގެ ތެރޭގައި ހާސިލުވި މަތިވަރުތައް ފަސްދީ، ކުރިމަގަށް ނަޒަރު ސީދާ ކުރަން ޖެހިފައިވާ ކަމަށެވެ.

"ފާއިތުވެދިޔަ 75 އަހަރުގެ މުއްދަތުގެ ތެރޭގައި ހާސިލުވި މަތިވަރުތައް ފަސްދީ، މިއަދު މިވަނީ ކުރިމަގަށް ނަޒަރު ސީދާކުރަންޖެހިފައެވެ. އާ އުސްމިންތަކަކަށް ދިވެހި މީޑިއާ މިސްރާބުޖެހުމަށްޓަކައެވެ. މީޑިއާއާއި ނޫސްވެރިންގެ ހިމާޔަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައެވެ." ބަޔާނުގައިވެއެވެ.