03 May 2018, 17:31
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ މި މަހުގެ 30 ވަނަ ދުވަހު ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.
އެމްޑީޕީން ބުނީ، ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީއެއް ބާއްވަން ނިންމީ، މިއަދު އެޕާޓީގެ 162 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާއަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރަށް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
ޖަލްސާއަށް ހާޒިރުވެވަޑައިގަތް 85 މެމްބަރުންގެ ތެރެއިން 72 މެމްބަރުންގެ ވޯޓުން ފާސްކުރި އެ ގަރާރުގައި ބުނާގޮތުން، އެމްޑީޕީގެ ޕްރައިމަރީ ހުޅުވާލަން ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚު އިއުލާން ކޮށްފައިވާއިރު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު ފިޔަވައި އިތުރު ބޭފުޅަކު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަކަށް އަދި ހާމަކޮށްފައެއް ނުވެއެވެ.
ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވަވާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ވަޑައިގެންނެވިގޮތަށް އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީގައި އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރަކީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް ކަމަށެވެ.
އެމްޑީޕީން މިއަދު ބުނީ، ގައުމީ މަޖިލީހުގެ ގަރާރުގައި ޕްރައިމަރީ ބޭއްވުމަށާއި ޕާޓީން އިންތިޚާބުކުރާ ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ދެން ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމާނީ ވެސް އެ ޕާޓީގެ ގައުމީ މަޖިލީހުން ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެއް ބޭއްވިނަމަވެސް، ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވަނީ އެންމެން އެއްބަސްވާ އެއް ކެންޑިޑޭޓެއް ރިޔާސީ އިންތިޚާބަށް ނެރުމަށް ކަމަށް އެ ޕާޓީތަކުން އަންނަނީ ބުނަމުންނެވެ.
ނަމަވެސް އެ ކެންޑިޑޭޓެއް ކަނޑައަޅާނީ ވަކި ޕާޓީތަކުން ބާއްވާ ޕްރައިމަރީތަކަށް ފަހު ކަމަށް އެޕާޓީތަކުން ބުނެއެވެ.