ދައުލަތުގެ އެއް އިދާރާއިން އަނެއް އިދާރާއަށް މައުލޫމާތާއި ސިޓީ ފޮނުވަން ގާއިމްކޮށްފައިވާ ގަވަރުމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ޚިދުމަތް މެދުކަނޑާލައި ގުޅުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އިރުޝާދު ދެއްވިކަމަށް ސިއްރުން ހެކިބަސް ދިން ސުޕްރީމް ކޯޓުގެ އިސް މުވައްޒަފަކު ބުނެފިއެވެ.

ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ޝަރީއަތުގައި މިއަދު ވަނީ ދައުލަތުން ހުށަހެޅި ހަތަރު ހެކިވެރިންގެ ހެކިބަސް ނަގާފައެވެ. އޭގެ ތެރެއިން ތިން މީހެއްހެ ހެކިބަސް ނަގާފައިވަނީ ސިއްރުންނެވެ.

އަޑުބަދަލުކޮށްގެން ހެކިބަސް ދިން މީހަކު ބުނީ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު ޖެމްސްގެ ޚިދުމަތް މެދުކަނޑާލުމަށާއި ގުޅުމަށް އުއްތަމަ ފަނޑިޔާރު އޭނާއަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެ އިރުޝާދުގެ ދަށުން އޭނާ އަޓީ މުވައްޒަފަކަށް ގުޅައި ޖެމްސްގެ ޚިދުމަތް މެދުކަނޑާލުމަށް އަންގާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ޖެމްސްގެ ޚިދުމަތް މެދު ކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އިރުޝާދު ދެއްވާފައިވަނީ ފޯނުންނާއި ސީދާ ބައްދަލުވެގެން ކަމަށް އޭނާ ބުންޏެވެ. ފެބްރުއަރީ ފަސް ވަނަ ދުވަހު އުއްތަމަ ފަނޑިޔާރު ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އެންގިއިރު އަރިހުގައި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވެސް ހުންނިވި ކަމަށް އޭނާ ބުންޏެވެ.

ޖެމްސްގެ ޚިދުމަތް މެދު ކަނޑާލައި އައިޓީ އޮފިސަރު ވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ސިއްރުން ހެކިބަސް ދީފައެވެ. އޭނާ ބުނީ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު ޖެމްސްގެ ޚިދުމަތް ދެމުންދާނީ ސުޕްރީމް ކޯޓުގެ އިސް މުވައްޒަފުގެ އިރިޝާދުގެ ދަށުން ކަމަށް އޭނާ އަންގާފައިވާ ކަމަށެވެ. އަދި އޭނާ އިރުޝާދު ދިން ގޮތަށް ޖެމްސްގެ ޚިދުމަތް މެދު ކަނޑާލީ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ(އެންސީއައިޓީ)ން ދީފައިވާ ރައުޓަރަށް ގުޅާފައިވާ ކޭބަލް ނައްޓާލައިގެން ކަމަށް ހެކިވެރިޔާ ބުންޏެވެ.

ސިއްރުން ހެކިބަސް ދިން އެންސީއައިޓީގެ މުވައްޒަފަކު ބުނީ ޖެމްސްގެ ޚިދުމަތް ގުޅާފައިވާ ސުޕްރީމް ކޯޓުގެ ފަޔާ ވޯލް އަޕް ވެފައި ޑައުންވާކަން ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު ފާހަގަވި ކަމަށެވެ.

"އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފޯކަލް ޕޮއިންޓަކަށް ހުރި މީހާއާ ގުޅުމުން އޭނާ ބުނެފައިވަނީ ޖެމްސްގެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށް. ސިސްޓަމްގައި އެއްވެސް މައްސަލައެއް ނޫޅޭކަމުގެ ޔަގީންކަން ދެއްވި،" ހެކިވެރިޔާ ބުންޏެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެންމެ ފަހުން ހެކިބަސް ނަގާފައިވަނީ އެންސީއައިޓީން ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ މީހާއާއެވެ. ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން އޭނާ ބުނީ ޖެމްސްގެ ޚިދުމަތް މެދުކެނޑުނު ދުވަސްތަކުގައި އޭނާ ހުރީ ޗުއްޓީގައި ކަމަށާއި އެންސީއައިޓީން އޭނާއަށް ގުޅުމުން ޖެމްސްގައި އެއްވެސް މައްސަލައެއް އުޅޭކަން އެނގިފައި ނެތް ކަމަށް ބުނެފައިވާނެ ކަމަށެވެ.

ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމެއްގައި އޮންނާނީ އަބްދުﷲ ސައީދުގެ ފަރާތުން ދިފާއުގައި ހެށަހެޅި ހެކިވެރިންގެ ހެކިބަސް ނެގުން ކަން މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވިއެވެ.