03 Sep 2011, 09:41
އިސްރާއީލުގެ ލާއިންސާނީ ޢަމަލުތަކުގެ އިސްރާއީލު ޒިންމާ ކުރުވަންޖެހޭ ވަގުތު އަތުވެއްޖެ ކަމަށް ބުނެ އިސްރާއީލާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ތުރުކީން އަޅައިފި އެވެ. މިފިޔަވަޅުތަކުގެ ތެރޭގައި ތުރުކީގައި ހުންނަވާ އިސްރާއީލުގެ ސަފީރު ތުރުކީން ބޭރުކޮށް އިސްރާއީލާއެކު ތުރުކީން ބާއްވާ ޑިޕްލޮމެޓިކް ގުޅުންތައް އެންބަސީގެ ދެވަނަ ސެކްރެޓަރީގެ ފެންވަރަށް ދަށްކުރުން ހިމެނެއެވެ.
މިކަން ހާމަކުރައްވަމުން ތުރުކީގެ ޚާރިޖީ ވަޒީރު އަޙްމަދު ދާވޫދު ވިދާޅުވީ މިއީ މިދިޔައަހަރު ޣައްޒާއަށް އިންސާނީ އެހީ ހިފައިގެންދިޔަ ތުރުކީގެ މިނިވަން ފްލީޓަށް އިސްރާއީލު ސިފައިން ޙަމަލާދީ އޭގައިތިބި ތުުރުކީގެ ސުލްޙައިގެ އެކްޓިވިސްޓުންގެ ތެރެއިން 9 މީހަކު މަރާލިމައްސަލާގައި ތުރުކީގެ ކިބައިން މަޢާފަށްއެދުމަށް އިސްރާއީލު ދެކޮޅު ހެދުމުގެ ސަަބަބުން އިސްރާއީލާ ދެކޮޅަށް އެޅި ފިޔަވަޅުތކުގެ ތެރޭން ފިޔަވަޅެއް ކަމުގައެވެ.
އިސްރާއީލާ ދެކޮޅަށް ތުރުކީ އެޅި އެހެން ފިޔަވަޅުތަކުގެ ތެރޭގައި އިސްރާއީލާއެކު ތުރުކީ ސޮއިކޮށްފައިވާ ޢަސްކަރީ އެއްބަސްވުންތަކަށް ޢަމަލުނުކުރުމާއި ޚާއްސަ ހުއްދައަކާނުލާ ތުރުކީގެ ކަނޑުގެ ސަރަޙައްދަށް ވަނުމުގެ ފުރްސަތު އިސްރާއީލުގެ ބޯޓްތަކާއި ކަނޑުގެ އުޅަނދުތަކަށް ނުދިނުމާއި އިސްރާއީލުން ހިންގި ޖަރީމާގައި ޝާމިލްވާ އިސްރާއީލުގެ ސިފައިންނާއި މަސްއޫލުވެރިންނާ ދެކޮޅަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގައި ދަޢްވާ ކުރުން ހިމެނެއެެވެ.
ތުރުކީ ސަރުކާރުން އިސްރާއީލާ ދެކޮޅަށް އެޅި މިފިޔަވަޅުތަކަކީ ޚުދު ތުރުކީގެ ދައުލަތުން އެޅި ފިޔަވަޅުތަކެއް ކަމަށާއި ތުރުކީގެ ސަރުކާރު ބަދަލުވި ނަމަވެސް މިފިޔަވަޅުތައް އުވާނުލާގޮތަށް އެޅި ފިޔަވަޅުތަކެއް ކަމަށް ތުރުކީގެ ދައުލަތުގެ (ޖުމްހޫރިއްޔާގެ) ރައީސް ޢަބްދުﷲ ގުލްވަނީ އިޢްލާން ކުރައްވާފައެވެ.
2010 ވަނަ އަހަރު ތުރުކީގެ މިނިވަން ފްލީޓަށް އިސްރާއީލު ސިފައިން ޙަމަލާދީ އޭގައިތިބި ތުުރުކީގެ ސުލްޙައިގެ އެކްޓިވިސްޓުންގެ ތެރެއިން 9 މީހަކު މަރާލިމައްސަލަ ތަހްޤީޤް ކުރުމަށްފަހު އދ.ން އިއްޔެ ނެރުނު ރިޕޯޓްގައި އިސްރާއީލު ކުށްވެރިކުރަންޖެހޭ މިންވަރަށް ކުށްވެރިކޮށްފައިނުވާތީ ތުރުކީވަނީ އެރިޕޯޓް ޤަބޫލުނުކުރާނެ ކަން ހާމަކޮށްފައެވެ. އިސްރާއީލުން ވަނީ އޭގައި ހިމެނޭ ބައެއްބައިތައް ފިޔަވައި އެހެން ބައިތައް ޤަބޫލުކުރާނެކަން ހާމަކޮށްފައެވެ.
ތުރުކީގެ ފްލީޓް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ހުއްޓާ އެއަށް އިސްރާއީލުން ޙަމަލާދީ ތުރުކިގެ އެކްޓިވިސްޓުން ކުށެއްކަމަށް އެރިޕޯޓްގައި ބުނެފައިވިނަމަވެސް ޣައްޒާގެ ކަނޑުގެ ސަރަޙައްދުގެ ވަށައިގެން އިސްރާއީލުން އަޅާފައިވާ ޙިސާރު އަނިޔާވެރި ފިޔަވަޅުތަކަކީ ބައިނަލްއަޤްވާމީ ގޮތުން ހުއްދަކަމަށް ބެލެވިދާނެ ފިޔަވަޅުތަކެއް ކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ. މިކަން ޤާބޫލުނުކުރާނެ ކަމަށާއި މައްސަލަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށަހަޅާނެކަން އިއްޔެ ތުރުކީގެ ޚާރިޖީ ވަޒީރު ޢިޢްލާން ކުރެއްވުމުން އިސްރާއީލުވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.
ތުރުކީ ސަރުކާރުންވަނީ އަންނަ ބުދަ ދުވަހުގެ ކުރިން އެޤައުމުން ބޭރުވުމަށް އަންކަރާގައި ހުންނަވާ އިސްރާއީލުގެ ސަފީރަށް އަންގާފައެެވެ. (ރޮއިޓާސް)