ވަޒީފާ އާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ އިން ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކޮށްފި އެވެ.

ލޭބާ ރިލޭޝަންސް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރަމަޟާން މަހުގެ އިނާޔަތް ދެމުން ނުދާކަން އެ އޮތޯރިޓީގެ އިންސްޕެކްޝަންތަކުން ފާހަގަވެފައިވާ ކަމަށެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން ތިން ހާސް ރުފިޔާ ދޭންވާނެ ކަމަށެވެ.

އަދި އެމާއްދާގެ (ނ)ގައި ވަނީ ވަޒީފާ އަދާކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދިނުމަކީ ވަޒީފާދޭ ފަރާތަށް އިޚްތިޔާރު ލިބިގެންވާ ކަމެއް ކަމަށެވެ. މިއިޚްތިޔާރުގެ ދަށުން ޕަބްލިކް ސެކްޓާ ގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދިނުމުގައި ޢަމަލުކުރާނީ މިމާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިންކަމަށް ވެސް ގާނޫނުގައިވެ އެވެ. ގާނޫނުގައި ބުނެފައި ވަނީ ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދިނުމުގައި ޢަމަލުކުރަނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާމެދު ޢަމަލުކުރާ އުސޫލުގެ މަތިން ކަމަށެވެ.

ވަޒީފާދޭ އެންމެހާ ފަރާތްތަކުން ވެސް ރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން، 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތް ދިނުމަށް ލޭބާ ރިލޭޝަންސް އިން ވަނީ އެދިފަ އެވެ.