03 May 2018, 14:47
ހިޖުރީ ގޮތުން 1439 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިސްލާމިކް އެފެއާޒުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުން ފެށިގެން މިމަހުގެ 15 އަށް ހުޅުވާލާފައިވާ ކަމަށެވެ.
މި އަހަރުގެ ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވާން ހުޅުވާލާފައިވާ އިރު އެ އިސްލާމިކް މިނިސްޓްރީ އިން ބުނީ މިދިޔަ އަހަރު ފަޤީރުންގެ ލިސްޓުގައި ހިމެނިފައިވާ ފަރާތެއް ނަމަ އަލުން ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
މާލެ އިން މި ފޯމު ހުށަހަޅަން ޖެހެނީ އިސްލާމިކް މިނިސްޓްރީ އަށެވެ. އަދި އަތޮޅުތަކުން ފޯމު ހުށަހަޅަން ޖެހެނީ ރަށު ކައުންސިލަށެވެ.
އައްޑޫސިޓީ ހިތަދޫ އިން ފޯމު ހުށަހަޅާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އިސްލާމިކް އެފެއާޒްގެ އައްޑޫ ސިޓީ ޔުނިޓަށް ކަމަށާއި ހުޅުދޫ އަދި މީދޫ އިން ނަމަ ނަސްރިއްޔާ ޕްރީސްކޫލަށް ކަމަށް އެ އިއުލާނުގައިވެ އެވެ. އިއުލާނުގައިވާ ގޮތުން އައްޑޫ ސިޓީ މަދޫ އާއި މަރަދޫފޭދޫ އިން ފޯމު ހުށަހަޅަން ޖެހެނީ ތަދްރީސުލް ޤުރްއާން ކްލާހަށެވެ. ފޭދޫ އިން ނަމަ ލޭންޑް އެންޑް ބިލްޑިންގް މުނިސިޕަލްޓީ ޑިޕާޓްމަންޓަށެވެ.
ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ތެރެއިން ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުގެ ތެރެއިން ފުވައްމުލަކު އުތުރު، މެދު އަދި ދެކުނު ދާއިރާގެ ރައްޔިތުން ފޯމު ހުށަހަޅަން ޖެހެނީ އެ ސަރަހައްދއްގެ ލޭންޑް އެންޑް ބިލްޑިންގެ ހައުސިންގް ޔުނިޓަށެވެ.
އަދި ގދ. ތިނަދޫގައި ނަމަ ތިނަދޫ މީޑިއާ ސެންޓަަރަށެވެ.
އިސްލާމިކް މިނިސްޓްރީން ފަގީރެއްގެ ގޮތުގައި ބަލަނީ އާމްދަނީގެ ގޮތުގައި ދުވާލަކު 44 ރުފިޔާ ނުލިބޭ މީހުންނެވެ.
އިސްލާމިކް މިނިސްޓްރީން އަންނަނީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަކީ ފަގީރުންނާއި މިސްކީނުންކަން ކަށަވަރުކުރަމުންނެވެ.