03 May 2018, 13:07
ވޮޝިންޓަން (މޭ 3): ގުއަންޓަނާމޯ ބޭގައި ހުންނަ އެމެރިކާ އަސްކަރިއްޔާގެ ޖަލުގައި ހައްޔަރުކޮށްފައި ހުރި ސައުދީ އަރަބިއާގެ ރައްޔިތެއް ކަމަށްވާ އަހުމަދު އަލް ދާބީ ސައުދީއާ ހަވާލުކޮށްފި އެވެ.
އަލް ދާބީ ޖަލަށްލީ 2002 ވަނަ އަހަރު ޔަމަނު ކައިރީ އޮތް ތެޔޮ ޓޭންކަރެއް ގޮއްވާލުމުގައި ބައިވެރިވުމުގެ ސަބަބުންނެވެ. ދެހާސް ސާދަ ވަނަ އަހަރު އަލް ދާބީ ވަނީ އެކުށަށް އިއުތިރާފުވެފަ އެވެ. އަދި އޭނާ ސައުދީއަށް ފޮނުވާލަން ނިންމީ ކުށަށް އިއުތިރާފުވި އިރު ޕްރޮސިކިއުޓަރުންނާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ކަމަށް ޕެންޓަގަން އިން ބުންޏެވެ.
އެގޮތުން އަލް ދާބީ ވަނީ އެމެރިކާއިން އޭނާ ހައްޔަރު ކުރުމާ ގުޅިގެން ނުވަތަ ހައްޔަރު ކޮށްފައި ބެހެއްޓި ހާލަތާ ގުޅިގެން އެމެރިކާއާ ދެކޮޅަށް ކޯޓަށް އެއްވެސް މައްސަލައެއް ހުށަނާޅާނެ ކަމަށް އެއްބަސްވެފަ އެވެ.
މީގެ ކުރިން އަލް ދާބީ ވަނީ ގުއަންޓަނާމޯ ބޭގައި އޭނާއަށް ލާއިންސާނީ އަނިޔާތައް ދީފައިވާ ކަމަށް ބުނެފަ އެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވުމާ ގުޅިގެން އެމެރިކާ އިން އަލް ދާބީގެ މައްޗަށް ކުރީ 13 އަހަރުގެ ޖަލު ހުކުމެކެވެ. އެހުކުމުގެ ބާކީ އޭނާ ތަންފީޒު ކުރާނީ ސައުދީ އަރަބިއާގެ ޖަލެއްގައި އެވެ.
އަލް ދާބީ ދޫކޮށްލުމުން ގުއަންޓަނާމޯ ބޭ ޖަލުގައި ތިބި ގައިދީންގެ އަދަދު ވަނީ 40 އަށް މަދުވެފަ އެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އެޖަލު ބަންދު ކުރަން މަސައްކަތް ކުރެއްވި ނަމަވެސް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެޖަލަށް އިތުރު ގައިދީން ފޮނުވާނެ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)