03 May 2018, 11:47
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަން ތިންވަނަ ބުރަށް މައްޗަންގޮޅި ޒުވާނުންގެ ގުޅުމާއި އެފްސީ ދާ އެޅުންވެސް ދަތުރުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރި 120 ޓީމުގެ ތެރެއިން ދެވަނަ ބުރަށް ދަތުރުކުރީ ފުރަތަމަ ބުރުގެ މެޗުތައް ކާމިޔާބުކުރި 60 ޓީމެވެ.
ދެވަނަ ބުރުގެ މެޗުތައް ރޭ ފަށައިފައިވާ އިރު، ރޭ ވަނީ ދެވަނަ ބުރުގެ ހަ މެޗެއް ކުޅެފައެވެ.
ރޭ ކުޅުނު ފުރަތަމަ މެޗުގައި ޓީމު އެޗްއެފްސީން ޑެސްޕަރާޑޯ އެފްސީ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. އަދި އެފްސީ ވަކަރުގެއިން 4-1 ގެ ނަތީޖާއަކުން އެސްއީއެސް އެފްސީ ބަލިކުރި އިރު، މައްޗަންގޮޅި ޒުވާނުންގެ ގުޅުމުން ޕްރޯ ފްރެންޑްސް ބަލިކުރީ 7-0ގެ ނަތީޖާއަކުންނެވެ.
މެޗުގައި މުހައްމަދު ޔަފާއު ހެޓްރިކް ހަދާފައިވާ އިރު، މައްޗަންގޮޅި ޒުވާނުންގެ ގުޅުމަށް ދެން ގޯލްތައް ޖަހައިދިނީ މުހައްމަދު އަނަސް، ޔޫހު ނަސީރުގެ އިތުރުން ހަސަން ސުހައިލް އަދި ހަސަން ނިމާލެވެ.
އެފްސީ ދާއެޅުމުން ތިން ވަނަ ބުރުގެ ޖާގައެއް ހޯދީ ފޯރިގަދަ ކުޅުމަކަށްފަހު 6-4ގެ ނަތީޖާއަކުން ނިއު ލައިފް ބަލިކޮށްގެންނެވެ.
މެޗުގައި އެފްސީ ދާއެޅުމުގެ އަލީ ހާފިޒް ވަނީ ދެ ގޯލް ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. އޭގެ އިތުރން ދާއެޅުމުގެ ގޯލްތައް ޖަހައިދިނީ މުހައްމަދު އަޔާޒް، މުހައްމަދު ލިޔާހުގެ އިތުރުން އިބްރާހީމް ސިނާހް އަދި މުހައްމަދު ނާޝިދެވެ.
ނިއު ލައިފްގެ އާދަމް ޝަރީފް ވަނީ ދެ ގޯލް ޖަހައިފައެވެ. އެޓީމުގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ޝިނާން އިބްރާހީމާއި އަލީ އާސިމެވެ.
ރޭ ވަނީ އިތުރު މެޗެއްވެސް ކުޅެފައެވެ. އެ މެޗުގައި ސްޕޯޓިން އަޒިއޯންއިން ބަލިވީ ކެޓީ ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަން ދެވަނަ ބުރުގެ ހަ މެޗު މިރޭވެސް އޮންނާނެއެވެ.
ޖުމްލަ 136 ޓީމާ އެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެ އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ދާނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށް ދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މި އަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 350,000 ރުފިޔާ އެވެ.