ވެރިކަން ކުރާ ޕީޕީއެމް އިން އިސްނަގައިގެން "ހެސްކިޔާފަ" ނަމުގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށާއި ޕާޓީގެ ކަންކަން ފޯރީގައި ކުރިއަށް ގެންދިޔުމަށް ބާއްވާ ޚާއްސަ އެއްވުން އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ 20:30 ފެށިގެން ކާނިވާ ސަރަހައްދުގައި ކަމަށެވެ.

"މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ލޮބުވެތި އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އަދި ސަރުކާރުގެ ވަޒީރުންނާއި ޕާޓީގެ އިސްވެރިން އަދި މަޖިލިސް މެމްބަރުން ބައިވެރިވެޑައިގަންނަވާނެ،" ފޮނަދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި ޖަލްސާގައި ކުންފުނިތަކުގެ ވެރިންނާއި އެ ކުންފުނިތަކަށް ނިސްބަތްވާ މުވައްޒަފުން އަދި ސަރުކާރުގެ މުވައްޒަފުންވެސް ބައިވެރިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެއިން ކޮންމެ ބަޔަކުވެސް ބައިވެރިވާނީ ޕީޕީއެމްގެ ފިކުރަށް ތާއިދު ކުރާތީ ކަމަށާއި ކޮންމެ މީހަކަށްވެސް ޕީޕީއެމް އިން މަރުހަބާ ވިދާޅުވާނެ ކަމަށެވެ.

އެ ޖަލްސާއާ ގުޅޭ ގޮތުން އިވެންޓް ކޮމިޓީގެ ޗެއާމަން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ޖަލްސާ ގެންދާނީ ވަރަށް ކުރުކޮށް ކަމަށާއި އަދި ރައީސް ބައިވެރިވާ ޖަލްސާއެއް ކަމަށްވާތީ ހުރިހާ ބޭފުޅުންނަށްވެސް ފަސޭހައިން ވަދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.