03 May 2018, 10:38
އޭއެފްސީ ކަޕްގައި ނިއު ރޭޑިއަންޓް ބަލިކުރެވޭނެ މާ ގިނަ ޓީމުތަކެއް ނުފެންނަ ކަމަށް ކޯޗު އޮސްކާ ބުރުޒޮން ބުނެފިއެވެ.
އޭއެފްސީ ކަޕް ގްރޫޕް އީ ގެ އެއްވަނައިގައި މިވަގުތު ނިއު އޮތީ ކުޅުނު ފަސް މެޗުން 12 ޕޮއިންޓާ އެކުގައެވެ. ރޭ އައިޒޯލް އެފްސީއާ ދެކޮޅަށް ކުޅުނު މެޗު 5-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ދެވަނައިގައި ބެންގަލޫރު އެފްސީވެސް އޮތީ 12 ޕޮއިންޓާ އެކުގައެވެ. ނިއު އެއްވަނައިގައި އޮތީ ހެޑް ޓު ހެޑް ނަތީޖާއިން ކުރި ހޯދައިގެންނެވެ.
ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށްވެސް ބާކީ އެންމެ މެޗެއް އޮތް އިރު، ގްރޫޕް އީ އިން އާސިއާން ޒޯނަލް ސެމީ ފައިނަލްސްއަށް ކޮލިފައިވާ ޓީމު އެނގޭނީ ގްރޫޕްގެ ފަހު މެޗުންނެވެ. އެހެން ނަމަވެސް ދެވަނަ ބުރަށް ދިއުމަށް އަމިއްލަ ބާރާއެކު އޮތީ ނިއުއެވެ.
"މިހާލަތުގައި އަހަރެން ގަބޫލުކުރަން ނިއުއަށް އަނެއް ބުރަށް ދެވޭނެ ކަމަށް. ޓީމު އޮތީ ތައްޔާރަށް. މިއީ ނިމުމެއް ނޫން. ބޭނުން ވަނީ ދެން އޮތް ބުރަށް ދާން. ދެން އޮތް ބުރަށް ދިއުމަށް ފަހުވެސް އަހަންނަކަށް ނުފެނޭ ނިއު ބަލިކުރެވޭނެވަރުގެ މާ ގިނަ ޓީމުތަކެއް،" އިއްޔެގެ މެޗާ ގުޅިގެން ވާހަކަ ދައްކަމުން އޮސްކާ ބުންޏެވެ.

އޭއެފްސީ ކަޕްގައި ނިއުއާއި އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ގްރޫޕްގެ ފަހު މެޗުގައި ނިއުއިން އައިޒޯލް އެފްސީއާ ދެކޮޅަށް އެ ގައުމުގައި ނުކުންނަ އިރު، އޮސްކާ އެ މެޗުވެސް ސިފަ ކުރަނީ "ފައިނަލެއް"ގެ ގޮތުގައެވެ.
"އަދިވެސް އޮތީ އުނދަގޫ މެޗެއް. އެޓީމުގެ މޯޓިވޭޝަން ހުރި ގޮތެއް ނޭނގެ. އަހަންނަށް އެނގޭ އައިޒޯލްގެ ކޯޗު، އޭނާ ދޫކޮށްނުލާނެ އެންމެ ތަންކޮޅެއްވެސް. ވަގުތު އެބައޮތް އެ މެޗަށް ތައްޔާރުވާން. މި ނުކުންނަނީ އިންޑިއާ އައި ލީގުގެ ޗެމްޕިއަން ޓީމާ ދެކޮޅަށް. އެކަމަކު ބުނާނީ އަހަރެމެންނަކީ ވަރުގައަށް އޮތް ޓީމޭ. ބޭނުންވަނީ އަނެއް ބުރަށް ދާން،" އޮސްކާ ބުންޏެވެ.
މުބާރާތުގެ މިދިޔަ ދެ އަހަރުވެސް ސެމީއަށް ދިޔަ، އަދި 2016 ވަނަ އަހަރު ފައިނަލަށްވެސް ދިޔަ ބެންގަލޫރު އެފްސީ އަކީ ގްރޫޕްގެ ފެވަރިޓުން ގޮތުގައި ގިނަ ބަޔަކު ސިފަކުރި ނަމަވެސް، އޮސްކާ ބުނީ ބެންގަލޫރަކީ އޭނާ ޓީމާ ތަފާތު ގޮތަކުން ފެވަރިޓުން ކަމަށެވެ.
"ފައިސާގެ ގޮތުން (ބެންގަލޫރު އެފްސީ) މާ ބޮޑަށްވެސް ވަރުގަދަ. ކޯޗިން ސްޓާފުންގެ ތޭރެގައިވެސް ހަތް ވަރަކަށް ސްޕެއިން މީހުން އެބަތިބި. ބިދޭސީ ކުޅުންތެރިންވެސް މާ ގިނަ. ކުޅުންތެރިންގެ މުސާރަވެސް މާ ބޮޑަށްވެސް ބޮޑު. އެހެން ބަލަންޏާ ބެންގަލޫރު މާ ބޮޑަށްވެސް ވަރުގަދަ. އެކަމަކު ޓީމެއްގެ ގޮތުގައި. މިހާރު ވަރުގަދައީ ނިއު. މިހާރު އެއްވަނައިގައި އޮތީވެސް ނިއު،" އޮސްކާ ބުންޏެވެ.
އިއްޔެގެ ނަތީޖާއާއެކު އޮސްކާ ވަނީ ވަރަށް ބޮޑަށް ޓީމުގެ ކުޅުންތެރިންގެ މަސައްކަތް ފާހަގަކޮށްފައެވެ. ހާއްސަކޮށް ތަޖުރިބާކާރު ކުޅުންތެރިންގެ ލީޑާޝިޕް އޮސްކާ ވަނީ ފާހަގަކޮށްފައެވެ.