ޓެލްއަވީވް (މޭ 3) : ފަލަސްތީނުގެ ޒުވާނުން ކަރުދާހު ގުޑި (މަޑި، ކައިޓް) ބޭނުންކޮށްގެން އިސްރާއީލަށް ދޭ ބަދަލު ހިފުމުގެ ހަމަލާތަކުގައި އިސްރާއީލުގެ ގިނަ ދަނޑުތަކެއް އަންދާލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އިސްރާއީލަށް ވެއްޖެއެވެ.

އިސްރާއީލުގެ ދަނޑުވެރިކަމާބެހޭ ވުޒަރާއިން ބުނީ ގިނަ އަދަދެއްގެ ގުޑި ބޭނުންކޮށްގެން ފަލަސްތީނުން ދިން އަލިފާނުގެ ހަމަލާތަކުގައި އަށްޑިހަ ހަ ހެކްޓަރުގެ ބިން އަނދައިގެން ގޮސް އޭގެ ގެއްލުން ހައެއްކަ މިލިޔަން ޑޮލަރަށް އަރާފައިވާ ކަމުގައެވެ. ފަލަސްތީނު ރައްޔިތުން އެމީހުންގެ ހައްގުތައް ހޯދުމަށްޓަކައި ޣައްޒާގެ ސަރަހައްދީ ރޮނގުގައި އަޑުއުފުލުމުން އިސްރާއީލުން ބަޑިޖަހައި ފަލަސްތީނުގެ ސާޅީސް ހަތްމީހުން ޝަހީދުކޮށްލައި އެތަށް ހާސްބަޔަކު ޒަޚަމްކޮށްލުމުން އެކަމަށް ބަދަލު ހިފުމުގެ ގޮތުން ފަލަސްތީނުގެ ޒުވާނުން އިސްރާއީލަށް ހަމަލާތައް ދޭން ފެށީ ކަރުދާހުން ގުޑިންނެވެ.

ފަލަސްތީނުގެ ޒުވާނުންވަނީ ކަރުދާނުން ގުޑި ހަދައި އެގުޑީގެ ނަގުލުގައި ޕެޓްރޯލް ފުޅިއެއް ހަރުކޮށް އޭގައި ރޯކޮށްލުމަށްފަހު އިސްރާއީލުގެ ގޮވާން ދަނޑުތަކަށް ވައްޓާލައިގެން އެދަނޑުތައް ރޯކޮށްލުމުގައި ބޮޑެތި ކާމިޔާބީ ތަކެއް ހޯދާފައެވެ. މިގޮތަށް އިސްރާއީލުގެ ދަނޑުތަކުގައި ހުޅު ރޯކުރަން ފަސޭހައީ މިއީ ހޫނުދުވަސްވަރަކަށް ވެފައި އިސްރާއީލުގެ ދަނޑުތަކުގައި ގޮވާންއަޅަން ގޮވާންކަނޑާން ތައްޔާރުވެފައިވާތީއެވެ. ފަލަސްތީނުގެ ޒުވާނުން ދޭ މިފަދަ ހަމަލާތަކަށް އިސްރާއީލުގެ އެތަށް ދަނޑަކަށް އަމާޒުވެ އެދަނޑުތަކުގެ ބޮޑުބައެއްވަނީ އަނދާފައި ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ "ޖެރޫސަލަމް ޕޯސްޓް" ބުނެއެވެ.

ޕެޓްރޯލް ބޮން ހަރުކޮށްފައިވާ ފަލަސްތީނުގެ ގުޑިއެއް އިސްރާއީލަށް ފޮނުވާލަނީ

ގޮވާންކަނޑާން ތައްޔާރުވެފައިވާ ދަނޑުތަކުގައިވާ ގަސްތަކުގެ ފަތްތައް ހިކިކޮށް ހުރެފައި މިދުވަސްވަރު ޖައްވު ހޫނުވެފައި ވައިގަދަވުމުން ކަރުދާހު ގުޑި މެދުވެރިކޮށް ދޭ ޕެޓްރޯލް ޙަމަލާތަކުގެ ގެއްލުން ވަރަށް ބޮޑުކަމަށް "ޖެރޫސަލަމް ޕޯސްޓް" ބުނެއެވެ. އިސްރާއީލުގެ ގިނަ އަދަދެއްގެ ދަނޑުތައް ޣައްޒާއާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ވެއެވެ. ފަލަސްތީނުގެ ގުޑީގެ ޙަމަލާތަކުގައި މީގެ ގިނަ ދަނޑުތައްވަނީ އަންދާލާފައެވެ.

އަދި ޕެޓްރޯލް ބޮމާއެކު ގަދަވައިގައި ޖައްވުގެ ތެރެއަށް ގުޑި ދޫކޮށްލައިގެން ފަލަސްތީނުގެ ޒުވާނުން އިސްރާއީލުގެ އެކިތަންތަނުގައި ހުޅުޖަހަމުން ގެންދާކަމަށާ މިކަމުގެ ސަބަބުން އިސްރާއީލުގެ އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދިފައިވެއެވެ. އަދި ފަލަސްތީނުގެ ގުޑީގެ ޙަމަލާތައް އަމާޒުވާ އިސްރާއީލުގެ އެތަށް ތަނެއްގައި މިހާރުވެސް ހުޅު ރޯވެ އަނދަމުން ދާކަމަށް އިސްރާއީލުގެ މީޑީޔާ ބުނެއެވެ. (އިސްރާއީލުގެ މީޑިޔާ)