03 Sep 2011, 08:41
ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ޑީއާރްޕީ ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދެމުން ބޮޑުވަމުން އައީ އަރައިރުމާއި އިންޒާރާއި ގަޔަށް އަތްލުމާއި ބަހުގެ ހަމަލާތަކާ ވެސް އެކުއެވެ. ޕާޓީން ދެ ބަޔަށް ބައި ބަހައިގެން ހަރަކާތްތެރިވަމުން އަންނަތާ އަތަކެއް ދުވަސް ވެއްޖެ އެވެ. ބޮޑުވަމުން އައި "ސިޔާސީ ހުޅުގަނޑު" ނިއްވައިލައި ސުލްހަވެރި ހައްލެއް ނުހޯދުނެވެ. އެންމެ ފަހުން ނުކުތް ނަތީޖާއަކީ ކުރިން ވެސް ހީކުރެވެމުން އައި ގޮތަށް ޕާޓީގެ ޒައީމް، މައުމޫނު އެމަނިކުފާނަށް ތާއީދު ކުރާ މީހުންނާއެކު އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައި އެކަން ރަސްމީކޮށް އިއުލާން ކުރެއްވުމެވެ.
މައުމޫން ޕާޓީގެ ނަމާއި ކުލަޔާއި ވަކި ނުވިޔަސް ލީޑަޝިޕް އޮންނާނެ ގޮތް ގާތްގަނޑަކަށް ފެނެ އެވެ. ހަމައެއާއެކު މައުމޫންގެ ދެ ވަނަ ސިޔާސީ ޕާޓީ އުފަންވުން ވެގެންދާނީ ރާއްޖޭގައި އޮތް ރީނދުލާއި ނުލުގެ ސިޔާސީ މައިދާނުގައި ޖެހިގެން އަންނަ އާ ކުލައަކަށެވެ. ނުވަތަ ހައިރާކަން ގެނުވާ އެތަކެއް ބަދަލަށެވެ. ފުރަތަމަ ބަދަލަކީ ވާން އުޅޭ ގޮތް ސާފުވެގެން އައުމެވެ. މައުމޫން ޕާޓީއެއް ހައްދަވާތޯ ނޫންތޯ ސާފުވެގެން ދިއުމެވެ.
"މައުމޫންގެ އާ ސިޔާސީ ޕާޓީއެއް ހެއްދެވުމަކީ ބައެއް މީހުންނަށް ބަލައިގަންނަން ފަސޭ ކަމަކަށް ނުވާނެ. އަދި ބައެއް މީހުންނަށް އެއީ މާ ބޮޑު ކަމަކަށް ވެސް ނުވެދާނެ އެކަމަކު މިއީ ސިޔާސީ މައިދާން އާ ގޮތަކަށް ބައްޓަންވެގެން ދާނެ ކަމެއް. ބޮޑު ބަދަލުތަކަކާ ސީޔާސީ އާ ވާދަވެރި ކަމެއްގެ ފެށުމަށް ވެގެންދާނެ ކަމެއް،" ޑީއާރްޕީގެ ތެރޭގައި މިހާރުވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ބަދަލަކީ މިވަގުތު ސިޔާސީ އިދިކޮޅު ހަރަކާތްތެރި ކަމެއް ނެތުމުން ހަމަޖެހިލައިގެން އޮތް އެމްޑީޕީ އަށް ޕްރެޝަރު ބޮޑުވެ ސިޔާސީ މައިދާން ގަރަނބުވެގެންދާނެ ބަދަލެކެވެ.
މައުމޫން ޑީއާރްޕީ އިން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވިއަސް މާ ބޮޑު ފިކުރެއް ނެތް ކަމަށް ޑީއާރްޕީން ވަނީ އިއުލާންކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް ޑީއާރްޕީގެ ލީޑާޝިޕްގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް އެ ޕާޓީ ދޫކުރައްވައި އެހެން ސިޔާސީ ޕާޓީތައް ހައްދަވައިގެން ފެއަށް ވަޑައިގަތެވެ. އެއިން އެއްވެސް ފަހަރަކު ޑީއާރްޕީއަށް ދެފަޅިއަށް ފަޅައިގެނެއް ނުދެ އެވެ. ލޮޅުމެއް ވެސް ނާރަ އެވެ.
ޑީއާރްޕީގެ މިހާރުގެ ލީޑާޝިޕުން މާޒީ އެގޮތަށް ސިފަ ކުރެއްވެވި ނަމަވެސް 30 އަހަރު ދުވަހު ވެރިކަން ކުރެއްވެވި މައުމޫނަކީ ސިޔާސީ ގޮތުންނާއި ތަޖުރިބާ އާއި ތާއީދުގެ ގޮތުން ބަލާއިރު ޑީއާރްޕީން ކުރިން ވަކިވަޑައިގެންނެވި ބޭފުޅުންނާ ވަރުން އެޅުވޭވަރުގެ ބޭފުޅެއްތޯ ސުވާލު އުފެއްދިދާނެ އެވެ.
ޑީއާރްޕީން އެހެން ދުށް ކަމަށް ވިޔަސް މަންޒަރު ބަދަލުވި ގޮތަށް ބަލައި އުފެދުނު ސުވާލަށް ޖަވާބު ލިބޭކަހަލަ ވާހަކަފުޅެއް އެމްޑީޕީން ރޭ ކ. ތުލުސްދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދުގެ އެޑްވައިޒަރު އަދި ސިޔާސީ ތަޖުރިބާކާރު އިބުރާހިމް އިސްމާއިލް )އިބުރާ( ވަނީ ދައްކަވާފަ އެވެ. އިބުރާ ވިދާޅުވީ މައުމޫން ދެވަނަ ސިޔާސީ ޕާޓީއެއް ހައްދަވަން ނިއްމެވުމަކީ ހަގީގީ ޑީއާރްޕީ "ފުނޑުފުނޑުވެގެން" ދިއުން ކަމަށެވެ. އެއީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. މިއީ ވުން ވަރަށް ގާތް ގޮތެކެވެ. ހަމަ އެހެންމެ ޑީއާރްޕީން ސިފަ ކުރާ ގޮތަށް މައިދާނުގައި ޑީއާރްޕީ އަދިވެސް ސާބިތުކަން މަތީ އޮވެފައި މައުމޫންގެ ދެވަނަ ޕާޓީ އަނެއްކާވެސް ފަޅަފަޅައިގެން ދިއުމުގެ ފުރުސަތު ވެސް ކުޑައެއް ނޫނެވެ. ކޮންމެ ގޮތަކަށް ކަންވިއަސް މިއީ ހައްތާވެސް ސިޔާސީ މައިދާނަށް ދެން އަތުވެދާނެ ބަދަލު ތަކެވެ.
"މައުމޫން ޕާޓީ އުފެއްދެވުމާއެކު )ސިޔާސީ މައިދާނުން( ބަދަލުތަކެއް ފެންނަމުންދާނެ. ޑީއާރްޕީ އަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ. ޑިމޮކްރެސީ ހިންގަން އެބަ ބޭނުންވޭ ވެރިކަން ކުރާ ޕާޓީއަކާއި އިދިކޮޅު ޕާޓީއެއް. މި ދެ ބައި ނެތިއެއް ޑިމޮކްރަސީއެއް ފުރިހަމައެއް ނުވާނެ. )މައުމޫން އާ ޕާޓީއެއް އުފެއްދުމުން( ރައްޔިތުންގެ ފަރާތުން ވެރިކަން ކުރާ ޕާޓީ ޖަވާބުދާރީ ކުރުވަން އޮތް ޕާޓީ އެ ފުނޑުނީ،" އިބްރާ ވިދާޅުވި އެވެ.
ގައުމީ މަސްލަހަތު ހިމާޔަތް ކުރުމަށް އާ ސިޔާސީ ޕާޓީއެއް ހެދުން ނޫން ގޮތެއް ނެތް ކަމަށް ބުނެ ޒެޑް ފެކްޝަނާއި އެ ފެކްޝަނާ ގުޅިފައިވާ އިދިކޮޅު ފަރާތްތަކާއެކު މައުމޫން އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމެވި ނިންމެވުމަކީ މީހުން ދެގޮތަކަށް ވިސްނަމުން އައި ކަމެކެވެ. އެއްބަޔަކު ބުނަމުން އައީ އާ ޕާޓީއެއް ހައްދަވަން މައުމޫނަށް ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ. އަނެއް ބަޔަކު ކުރިންސުރެ ބުނަމުން އެކަން ކުރައްވާނެ ކަމަށެވެ. ދެބައި މީހުން ވެސް ތިބީ ހީކުރުންތަކަށް ނިމުން އަންނާނެ ވަގުތަކަށެވެ. އެހެންކަމުން މިހާރު ސިޔާސީ ތަޖުރިބާ ކާރުން ވިދާޅުވަނީ މިއީ ސިޔާސީ ވާދަވެރި އާ ސޮފުހާއެއް ރާއްޖޭގައި ފެށުން ކަމަށެވެ.
މައުމޫން ޕާޓީއާއެކު، ގާތްގަނޑަކަށް 38000 މެންބަރުން ތިބި ޑީއާރްޕީ ކުޑަވެގެން ދާނީ ކިހާ ވަރަކަށްތޯ ވަކިވެގެންދާނީ ކިތައް މެންބަރުންތޯ އެެއީ އަދި ފަހުގެ ކަމެކެވެ. ނަމަވެސް ޑީއާރްޕީގައި ދެ ފެކްޝަން އުފެދި މިވީހާ ދުވަހު ހިނގައިދިޔަ ހަރަކާތްތަކާއި އެއްވުންތަކުގެ މަންޒަރު ފެނިފައިވާ ގޮތުން އިބުރާ ވިދާޅުވާ ފަދައިން އަސްލު ހަގީގީ ޑީއާރްޕީގެ ނޫކުލަ ސިޔާސީ ދަނޑުގައި ފަނޑުވެގެން ދިއުމަކީ ވެދާނެ ގޮތެކެވެ.
އަނެއްކޮޅުން ޕީއޭއިން ވަކިވެ ވަޑައިގެން މައުމޫން ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އިދިކޮޅު ސިޔާސީ އެއްމެ ވަރުގަދަ އެއް ލީޑަރު އަބްދުﷲ ޔާމީން މިހާރު ވެސް ވަނީ ފާޅު ކުރައްވާފަ އެވެ. ހަމަ އެއާއެކު މައުމޫނު އަރިހުގައި އިސްކޮށް މަސައްކަތް ކުރައްވާ އުމަރު ނަސީރު ވިދާޅުވެފައި ވަނީ މައުމޫންގެ އާ ސިޔާސީ ޕާޓީ އުފައްދާއިރު ޕާޓީގެ ތެރޭގައި ޑިމޮކްރެޓިކް ސިސްޓަމްތައް ގާއިމުވެފައި އޮންނާނީ މާޒީއާއި ތަޖުރިބާއާއެކު ކަމަށާއި މިއީ ރާއްޖޭގައި މިހާތަނަށް އުފެދިގެން އަންނަ އެންމެ ޑިމޮކްރެޓިކް ސިޔާސީ ޕާޓީއަށް ވެގެންދާނެ ކަމަށެވެ. އަދި ސިޔާސީ މައިދާނުގައި އާ ކަންތައްތަކެއް އާ ޕާޓީން ދައްކުވައިދޭނެ ކަމަށެވެ.
"... ވަރަށް ޔަގީން ވަރަށް ގިނަ ތަޖުރިބާތަކެއްގެ އަލީގައި އާ ސިޔާސީ ޕާޓީ އުފަން ކުރުވަން އަޅުގަނޑުމެނަށް މި ފެނުނީ. އެގޮތަށް ޕާޓީ އުފަން ކުރާއިރު މި ޕާޓީގެ ތެރޭގައި ހުރިހާ ހަރުގަނޑެއް ހުންނާނީ ލެއްގިފައި ކޮންމެ މީހަކަށް ވެސް ހަރުގަނޑުތަކުން އެރޭނެ އެމީހެއްގެ ގާބިލު ކަމާއެކު މައްޗަށް... މިޕާޓީ ވާނީ ހުރިހާ ތަޖުކުރިބާތަކެއްގެ މައްޗަށް ބިނާކޮށް ރާއްޖޭގައި މިހާތަނަށް އުފެދޭ އެންމެ ޑިމޮކްރެޓިކް ޕާޓީއަށް،" އުމަރު ވިދާޅުވި އެވެ.
މައުމޫން އުފެއްދެވި ޑީއާރްޕީ ވެސް އޮތީ 2013 އިގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ވަރުގަދަ އަޒުމާއެކު އެވެ. ސަރުކާރު ހިންގާ އެމްޑީޕީ އޮތީ ވެރިކަން ދިފާއު ކުރުމުގެ މަސައްކަތުގަ އެވެ. މައުމޫންގެ އާ ޕާޓީން ވެސް ވަނީ ބްރޯޑް ކޯލިޝަނަކާ އެކުގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބުނެފަ އެވެ. މިސަބަބުތައް މިހެން ހުރުމާއެކު މައުމޫން އާ ޕާޓީ ވެގެންދާނީ ރާއްޖޭގެ ސިޔާސީ މައިދާނަށް ގަދަކޮށްފައިވާ ޑީއާރްޕީގެ ނުލާއި އެމްޑީޕީގެ ރީނދުލުގެ ކުލަބަރީގެ މެދަށް ވަންނަ އާ ކުލައަކަށެވެ.