ދާކާ އަބަހާނީގެ ކޯޗުގެ މަގާމުގައި މިވަގުތު ހުރި ސައިފުލް ބާރީ ޓީޓޫއަކީ ބަންގާޅު ފުޓުބޯޅައިގެ ލެޖެންޑެކެވެ. ބަންގާޅު ގައުމީ ޓީމަށްވެސް ކުޅުނު ޓީޓޫއަކީ 2004 ވަނަ އަހަރުން ފެށިގެން މެދު ނުކެނޑި ކޯޗިންގައި ހަރަކާތްތެރިވަމުން އަންނަ އެގައުމުގެ ފުޓުބޯޅަ ޝަހުސިއްޔަތެކެވެ. ބަންގާޅު ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ޓީޓޫވަނީ ތިން ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައެވެ.

އިއްޔެ އޭއެފްސީ ކަޕްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދެކޮޅަށް ދާކާ އަބަހާނީ ކުޅުނު މެޗު ނިމުނީ 5-1ގެ ނަތީޖާއަކުން ނިއު މެޗު ކާމިޔާބު ކޮށްގެންނެވެ.

އިއްޔެގެ މެޗަކީ ދާކާ އަބަހާނީގެ ކޯޗު ޓީޓޫ، އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ރާއްޖެއަށް ކުރި ދެވަނަ ދަތުރެވެ. ފުރަތަމަ ދަތުރަކީ ކުޅުންތެރިއެއްގެ ގޮތުގައި 1991 ވަނަ ކުރި ދަތުރެކެވެ. އެއަހަރުގެ އޭޝިއަން ކްލަބު ޗެމްޕިއަންޝިޕްގައި ބަންގާޅުގެ މުހައްމަދޭން އެސްސީއާއެކު ޓީޓޫ ރާއްޖެ އައީ ނިއުއާ ދެކޮޅަށް ކުޅުންތެރިއެއްގެ ގޮތުގައި ކުރިމަތި ލުމަކަށެވެ.

އެ މެޗުގައި ގޯލެއް ޖަހައި އެސިސްޓެއްވެސް ހެދި ޓީޓޫ އެދުވަހު ދަނޑުން ފައިބައިގެން ދިޔައީ ހިތްހަމަޖެހިގެން ނަމަވެސް އޭގެ އެތައް ދުވަހެއްގެ ފަހުން އިއްޔެ ކޯޗެއްގެ ގޮތުގައި އޭނާއަށް ގައުމީ ދަނޑުން އެ އުފާވެރިކަން ނުލިބުނެވެ. ޓީޓޫ ބުނީ އިއްޔެގެ ބައްޔާއެކު އޭނާ ލަދުގެންފައި ހުރި ކަމަށެވެ.

"އަލީ ފާސިރު، އަލީ އަޝްފާގު.... ދެން ކުރިމަތިވީ ޑިފެންސް މައްސަލަ. ހުރިހާ ބޯޅައެއްވެސް ދިޔައީ މެދުން،" ޓީޓޫ އިއްޔެގެ މެޗާ ގުޅިގެން ފުރަތަމަވެސް ބުނީ މިހެންނެވެ.

އިއްޔެގެ މެޗުގައި ސެންޓޭ ހެޓްރިކް ހެދިއިރު، ދަގަނޑޭ ވަނީ މޮޅަށް ކުޅެ ދެ ގޯލް ޖަހައިފައެވެ.

"އަޝްފާގާއި ފާސިރަށް މާ ބޮޑަށް ޖާގަ ދެވުނީ. އަޝްފާގު އޮފްސައިޑް މަގާމުގައި ހުރެ ފާސިރު ބޯޅައަށް ދުވުމުން އަހަރެމެންގެ ކުޅުންތެރިންނަށް އޭނާ ފޮލޯ ނުކުރެވޭ. އަހަރެންގެ ކުޅުންތެރިން ބުނީ އޮފްސައިޑޭ، އޮފްސައިޑޭ، އެކަމަކު އެ ނުވާނެ އޮފްސައިޑެއް. އަހަރެން މިހުރީ ލަދުން ޓީމުގެ ކުޅުމަށް،" ޓީޓޫ ބުންޏެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބަނގުލަދޭޝްގެ ދާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން: 1-5ގެ ބޮޑު ތަފާތަކުން މޮޅުވެ ނިއު ރޭޑިއަންޓުން ވަނީ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓީޓޫ ބުނީ ދާކާ އަބަހާނީގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެއް ކަމަށާއި، އެހެން ނަމަވެސް ނިއުގެ ފެންވަރުވެސް މާ ބޮޑަށް މަތި ކަމަށެވެ.

"ނިއުގެ ކުރިއަށް ކުޅޭ އަލީ އަޝްފާގާއި އަލީ ފާސިރު، ފަހަތަށް ކުޅޭ ކުޅުންތެރިން، ކުރިއަށް ޖަހާ ދިގު ބޯޅަތައް. ހަލުވި ހަރަކާތްތައް. އަހަރެމެންގެ ޓީމަށް އެއީ މާ މަތީ ފެންވަރެއް،" ޓީޓޫ ބުންޏެވެ.

ކުރިން މާލޭގައި ކުރި ތަޖުރިބާގެ ބައެއް ވާހަކަތައް ޓީޓޫ ހިއްސާ ކޮށްފައިވާ އިރު، އޭނާ ބުނީ އޭރު މާލޭއަކީ މުޅިން ތަފާތު މާހައުލެއް ކަމަށެވެ. އެގޮތުން މާލޭގައި އޭނާގެ ޓީމު ކޭމްޕް ޖެހީ ދެ ބުރީގެ ހޮޓަލެއްގައި ކަމަށާއި އެ ހޮޓަލަކީ އޭރު މާލޭގައި ދެ ބުރިއަށް ހުންނަ މަދު އިމާރާތްތަކުގެ ތެރެއިން އިމާރާތެއް ކަމަށެވެ. އަދި އޭރު ރާއްޖޭގެ ރައީސްކަމުގައި ހުރި އަލް އުސްތާޒު މައުމޫން އަބްދުލްޤައްޔޫމާ ހުކުރު ނަމާދުން ބައްދަލުވި ވާހަކަވެސް ޓީޓޫ ވަނީ ބުނެފައެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބަނގުލަދޭޝްގެ ދާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެގެ މެޗާ ގުޅިގެން ޓީޓޫގެ ފަހު ބަހެއް ގޮތުގައި ރާއްޖޭގެ ފުޓުބޯޅައިގެ ކުރިއެރުމަށް ވަރަށް ބޮޑަށް ތައުރީފްކޮށް، ސެންޓޭއާއި ދަގަނޑޭއަށް ތައުރީފް ބަންޑުންކޮށްލިއެވެ.

"ތައުރީފް ކުރަން ޖެހެނީ ސްޕެއިން ކޯޗު އޮސްކާ ބުރުޒޮންއާއި ނިއުގެ ކުޅުމަށް. ހާއްސަކޮށް ސެންޓޭއާއި ދަގަނޑޭގެ ކުޅުމަށް ތައުރީފް ކުރަން ޖެހޭ. މި ކުޅުންތެރިންނަކީ އެހެން ލެވެލްއެއް،" ޓީޓޫ ބުންޏެވެ.

ޓީޓޫ ބުނީ އޭރުން ފެށިގެން ރާއްޖޭގެ ފުޓުބޯޅަ ކުރިއަރަމުން އައި ނަމަވެސް، ބަންގާޅުގެ ފުޓުބޯޅައަށް ކުރިއެރުން ނާންނަކަން މި ނަތީޖާތަކުން އެނގޭ ކަމަށާއި، މި ކަންކަމަކީ އޭނާގެ ހިތަށް ވަރަށް އަސަރުކުރާ ކަންކަން ކަމަށެވެ.