03 May 2018, 09:56
ކުއަލަލަމްޕޫރު (މޭ 3): މެލޭޝިއާގެ އިދިކޮޅު ލީޑަރު މަހާތިރު މުހައްމަދު، އެ ގައުމުގެ ދޮގު ހަބަރު ފެތުރުން މަނާ ކުރާ ގާނޫނާ ހިލާފުވި ކަމުގެ ތުހުމަތުގައި ތަހުގީގެއް ފަށައިފި ކަމަށް މެލޭޝިއާގެ އޮފިޝަލުން ބުނެފި އެވެ.
މެލޭޝިއާގެ ފުލުހުން ބުނި ގޮތުގައި އެތަހުގީގު ފަށާފައި ވަނީ މިދިޔަ މަހު މަހާތިރު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އެގޮތުން މަހާތިރު ވަނީ އޭނާ ކުއަލަލަމްޕޫރުން ލަންގްކާވީ ކުރައްވަން އޮތް ދަތުރުފުޅެއް ބަޔަކު ވަނީ ގަސްތުގައި ހުއްޓުވާފައި ކަމަށް ވިދާޅުވެފަ އެވެ. ފްލައިޓުގެ ޕައިލެޓު ބުނި ގޮތުގައި އެދަތުރު ނުކުރެވުނީ ފްލައިޓުގެ ޓަޔަރަށް ގެއްލުންވުމުގެ ސަބަބުންނެވެ.
މަހާތިރުގެ އެވާހަކަފުޅާ ގުޅިގެން އޭނާއާ ދެކޮޅަށް ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް ޕޮލިސް ޗީފް މަޒްލާން ލާޒިމް ވިދާޅުވި އެވެ.
އެތަހުގީގާ ބެހޭ ގޮތުން މަހާތިރު އަދި ވަކި އެއްޗެކޭ ވިދާޅުވެފައި ނުވެ އެވެ.
އެންޓި ފޭކު ނިއުސް ގާނޫނަކީ މިދިޔަ މަހު ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ސަރުކާރުން ފާސް ކުރި ގާނޫނެކެވެ.
ފޭކް ނިއުސް ގާނޫނުގައި ބުނާ ގޮތުން ފޭކް ނިއުސް އަކީ، އެއްކޮށް ނުވަތަ ކޮންމެ ވެސް ވަރަކަށް ދޮގު މައުލޫމާތު ހިމެނޭ ހަބަރާއި ޑޭޓާ އާއި ރިޕޯޓުތަކެވެ.
އަދި އެކުށް ކުރާ މީހަކަށް ވަނީ، އެއީ ދޮގު މައުލޫމާތުކަން އެނގި ހުރެ އެފަދަ ހަބަރު ހަދައި، ޝާއިއުކޮށް، ޕްރިންޓުކޮށް، ފެތުރުމުން ކަމަށް ބުނެފައިވާ އިރު، އޭގެ ތެރޭގައި ބްލޮގްތަކާއި ޕަބްލިކް ފޯރަމްތަކާއި ސޯޝަލް މީޑިއާ އެކައުންޓުތައް ވެސް ހިމެނޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
އަދި އޭގާނޫނާ ހިލާފުވާ ފަރާތްތައް 500،000 ރިންގިޓް (12،700 ޑޮލަރުން) ޖޫރިމަނާކޮށް، ހަ އަހަރަށް ޖަލަށް ލެވޭނެ އެވެ.
މެލޭޝިއާގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެގާނޫނަކީ އަންނަ ހަފްތާގައި ބާއްވަން ހަމަޖެހިފައިވާ އާއްމު އިންތިހާބާ ދިމާކޮށް، ބޮޑުވަޒީރު ނަޖީބަށް ފާޑު ކިޔުން ހުއްޓުވުމުގެ ގޮތުން ފާސް ކުރި ގާނޫނެކެވެ. އެއިންތިހާބުގައި އިދިކޮޅު ކޯލިޝަނުން ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވާ ކެނޑިޑޭޓަކީ 92 އަހަރުގެ މަހާތިރެވެ. (އަލްޖަޒީރާ)