03 May 2018, 09:29
ޝާހީ ކައިވެންޏަށް ދެން މިއޮތީ ގާތްގަނޑަކަށް ދެ ހަފްތާ އެވެ. އިނގިރޭސިވިލާތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ކައިވެނީގެ ކަންތައްތައް ބަލައިލަން ބޭނުންވާ އެތައް މިލިއަން ބަޔަކު އެބަތިއްބެވެ. މިކައިވެންޏާ މެދު ހިތްހަމަ ނުޖެހިފައި ހުރީ ހަމަ އެންމެ މީހެކެވެ. އެއީ ޕްރިންސް ހެރީގެ ވާންއުޅޭ އަނބިކަނބަލުން މޭގަން މާކަލްގެ ބޭބެ އެވެ.
މޭގަން އާ މާ ގާތްގުޅުމެއް ނޯންނަ އެކަމަނާގެ އެއްބަފާ ބޭބެ ތޯމަސް މާކަލް ޕްރިންސް ހެރީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ކައިވެނީގެ ކަންތައް ހުއްޓާލަން އެދޭ ކަމަށާއި މިއީ ޝާހީ ކައިވެނިތަކުގެ ތެރެއިން އެންމެ ކަމުނުދާ ކައިވެނި ކަމަށެވެ.
މޭގަން އަށް ފާޑު ކިޔައި އެކަމަނާގެ ބޭބެ ތޯމަސްގެ ފަރާތުން މޭގަންގެ ވާންއުޅޭ ފިރިކަލުންނަށް ފޮނުވި ކަމަށް ބުނާ މި ސިޓީގައި އިތުރަށް ވަނީ މޭގަން އަކީ ބައްޕަ އާއެކު ވެސް މާ ގާތްގުޅުމެއް ބާއްވާ މީހެއް ނޫން ކަމަށް ބުނެފަ އެވެ. ތޯމަސް ބުނެފައި ވަނީ އާއިލާގެ އެއްވެސް މެންބަރަކަށް މޭގަންގެ ކައިވެނީގެ ދައުވަތު ނުދޭ ކަމަށެވެ.
"ހުސް ބީރައްޓެހިންނަށް ދައުވަތު ދީފައި، އާއިލާގެ އެކަކަށް ވެސް ދައުވަތެއް ނުދޭ. މިއީ ކޮން އުސޫލެއް؟ ކާކު ކަންކުރާ ގޮތެއް؟،" އެ ސިޓީގައި ބުނެފައިވެ އެވެ.
މޭގަން އަކީ އާއިލާ އާ ދުރުން އުޅޭ މީހެއް ކަމަށާއި އެކަމަނާގެ އުޅުމަކީ ހޮލީވުޑުން ލިބުނު މަޝްހޫރުކަމުގައި ހަލާކުވެފައިވާ އެއްޗެއް ކަމަށް ވެސް ބުނެފައިވެ އެވެ. ކައިވެންޏަށް ދައުވަތު ދިނުމުން އެކަމާ ދެރަ ނުވާކަމަށް ވެސް ތޯމަސް ވަނީ ބުނެފަ އެވެ.
މި މަހުގެ 19 ވަނަ ދުވަހު ކުރާ ޝާހީ ކައިވެނީގެ ކަންތައް ބާރަށް ކުރިއަށްދާ އިރު، ޝާހީ ކައިވެނީގެ ހަފްލާގައި ފިލްމީ ތަރިންނާއި ލަވަކިޔުންތެރިން ކުޅިވަރު ކުޅޭ މީހުންނާއި މުޖުތަމައުގައި ދަރުމައަށް މަސައްކަތް ކުރާ ގިނަ ބަޔަކު ބައިވެރިވާނެ އެވެ. މި ހަފްލާއަށް އާންމުންގެ ގިނަ ބަޔަކު ވެސް ދާނެކަމަށް ބެލެވެ އެވެ.
ނަމަވެސް އާންމުންގެ މީހުންނަށް ރަސްމީ ހަފްލާގައި ބައިވެރިއެއް ނުވެވޭނެ އެވެ. މި މީހުންނަށް ޝާހީ ކައިވެންޏާ ގުޅިގެން ބާއްވާ އުފާ ފާޅުކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދޭނެ އެވެ.
ކައިވެނީގެ ކަންތައް ކުރިއަށް ދާނީ ސެއިންޓް ޖޯޖުގެ ވިންޑްސާ ކާސްލްގަ އެވެ.