ޗެމްޕިއަންސް ލީގު ފައިނަލްގެ ޖާގައެއް ލިވަޕޫލަށް ހައްގު ކަމަށާއި ލިވަޕޫލާއި ރެއާލް މެޑްރިޑަށް ވެސް ނަސީބު އެހީވި ކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ލެގުގައި އެގްރިގޭޓް 7-6ގެ ނަތީޖާއަކުން ރޯމާ ބަލިކޮށް، ލިވަޕޫލުން ފައިނަލްގެ ޖާގައެއް ހޯދާފައިވާ އިރު، ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ ލެގުން ލިވަޕޫލް ވަނީ 4-2ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ ފައިނަލްގެ ޖާގައެއް ލިވަޕޫލަށް 100 ޕަސެންޓް ހައްގު ކަމަށެވެ.

"ފައިނަލްގެ ޖާގައެއް 100 ޕަސެންްޓް ހައްގު. ނަސީބު އެހީނުވެ ފައިނަލާ ހަމައަށް ނުދެވޭނެ. ލިވަޕޫލަށް ވެސް ނަސީބު ބޭނުންވި ރޭ. ރެއާލްއަށް ވެސް ނަސީބު އެހީވި ފައިނަލަށް ދިއުމަށް،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ގިނަ ކުޅުންތެރިން ޗެމްޕިއަންސް ލީގު ފަދަ މުބާރާތްތަކުގެ ފައިނަލަށް އަދި ވެސް ވަރަށް އާ ކަމަށާއި އެހެން ނަމަވެސް ކުޅުންތެރިންގެ މެންޓާލިޓީއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

"ހާސް ވެދާނެ. އެއީ ބައެއް ކުޅުންތެރިންނަށް މުޅިން އާ ކަމެއް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަކީ. އެކަމަކު ކުޅުންތެރިންގެ މެންޓާލިޓީއާ، ދެއްކި ކެރެކްޓާއިން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ،" ކްލޮޕް ބުންޏެވެ.

ލިވަޕޫލުން އެންމެފަހުން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފައި ވަނީ 2005 ވަނަ އަހަރު އިސްތާންބޫލް ގަ އެވެ. އޭގެ ފަހުން ޔޫރަޕްގެ ކާމިޔާބީއަކާ ހަމައަށް ނުދެވި އޮތުމަށް ފަހު 2007 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ލިވަޕޫލަކީ މިހާތަނަށް ޔޫރޮޕްގައި އެންމެ ކާމިޔާބު އިނގިރޭސި ޓީމެވެ. ލިވަޕޫލް ވަނީ ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، އަށް ފަހަރު ފައިނަލަށް ދަތުރުކޮށްފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ ބުރޫޝިއާ ޑޯޓުމަންޑާ އެކު 2012-13 ވަނަ އަހަރު ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ އަހަރު ފައިނަލްގައި ކްލޮޕް ނާކާމިޔާބުވީ ބަޔާން މިއުނިކް އަތުން ބަލިވެގެންނެވެ.

ލިވަޕޫލާއި ރެއާލް ވާދަކުރާ ޗެމްޕިއަންސް ލީގުގެ ފައިނަލް އޮންނާނީ މިމަހު 26 ވަނަ ދުވަހުގަ އެވެ.