ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެގްރިގޭޓުން ރޯމާގެ މައްޗަށް ކުރި ހޯދައި، ލިވަޕޫލުން ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި މިރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގު މެޗުން 4-2ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، ލިވަޕޫލަށް ފައިނަލުގެ ޖާގައެއް ލިބުނީ 7-6ގެ އެގްރިގޭޓުން ކުރީގައި އޮތުމުންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗުން ލިވަޕޫލް މޮޅުވީ 5-2ގެ ނަތީޖާއަކުންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޯމާއާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބަލިވި ނަމަވެސް، އެގްރިގޭޓުން ކުރި ހޯދައިގެން ލިވަޕޫލް ވަނީ ފައިނަލުގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ އޭޕީ

މިރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ރާޖާ ނައިންގޮލާންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ރޮބާޓޯ ފިރްމީނޯ ދިން ބޯޅައަކުން ލިވަޕޫލަށް ލީޑު ހޯދައިދިނީ ސާޑިއޯ މާނޭއެވެ. މެޗުގެ ނަތީޖާ ހަމަހަމަވީ 16 ވަނަ މިނެޓުގައި ލިވަޕޫލްގެ ޖޭމްސް މިލްނާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ޖޯޖީނިއޯ ވައިނަލްޑަމް ވަނީ ލިވަޕޫލަށް އަލުން ލީޑު ހޯދައިދީފައެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލިވަޕޫލަށް ލިބުނު ކޯނަރެއް ރޯމާގެ ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއުނުކުރެވުމުން ލިބުނު ބޯޅައަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތް މިނެޓުތެރޭ ރޯމާއިން ވަނީ ލަނޑެއްޖަހައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްފައެވެ. އެލް ޝާރަވީ ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ކީޕަރު ލޮރިސް ކެރިއަސް ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ރޯމާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޑިން ޖެކޯއެވެ. ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖެކޯއަށް ބޯޅަ ލިބުނުއިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޯމާއާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބަލިވި ނަމަވެސް، އެގްރިގޭޓުން ކުރި ހޯދައިގެން ލިވަޕޫލް ވަނީ ފައިނަލުގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ އޭޕީ

ރޯމާއިން ނަތީޖާ ހަމަހަމަކުރި ލަނޑަށްފަހު ވެސް އެޓީމަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން ރޯމާގެ އެލް ޝަރާވީއާއި ޖެކޯ އަދި ޕެޓްރިކް ޝިކްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ ފުރުސަތުތައް ލިބިފައިވަނީ ޖެކޯއަށެވެ.

މެޗުގެ 86 ވަނަ މިނެޓުގައި ރޯމާއިން ވަނީ ފުރަތަމަ ފަހަރަށް ލީޑު ހޯދައިފައެވެ. އެލެކްސެންޑާ ކޮލަރޯވް ދިން ބޯޅައަކުން ރޯމާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ނައިންގޮލާންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ރެގްނާ ކްލެވަން، ބޯޅައިގައި އަތްލުމުން ރޯމާއަށް ލިބުނު ޕެނަލްޓީން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ނައިންގޮލާންއެވެ.

މިމަހުގެ 26 ވަނަ ދުވަހުގެރޭ ޔޫކްރޭންގެ އެންއެސްސީ އޮލިމްޕީސްކީ ސްޓޭޑިއަމްގައި ކުޅޭ ޗެމްޕިއަންސް ލީގުގައި ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނާނީ އެންމެ ފަހު ދެ ސީޒަނުގެ ޗެމްޕިއަން ރެއާލް މެޑްރިޑެވެ. ރެއާލުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި ބަޔާން މިއުނިކްގެ މައްޗަށް ކުރި ހޯދައިގެންނެވެ.