އޭއެފްސީ ކަޕްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބަންގަލަދޭޝްގެ ދާކާ އަބަހާނީ މިއަދު ކުޅުނު މެޗުން ނިއު މޮޅުވީ ތަފާތު ބޮޑުކޮށް 5-1ގެ ނަތީޖާއަކުންނެވެ.

މެޗުން މޮޅުވެ ނިއު ވަނީ ގްރޫޕް ސްޓޭޖު ފަހަނައަޅާ އަނެއް ބުރަށް ދިއުމަށް އުންމީދު ބޮޑުކޮށްފައެވެ. އެގޮތުން ގްރޫޕްގެ އެއްވަނައިގައި އަމިއްލަ ބާރާއެކު ނިއު އޮތް އިރު، މިރޭ އައިޒޯލް އެފްސީއާއި ބެންގަލޫރު އެފްސީ ވާދަކުރާ މެޗުން ބެންގަލޫރު އެފްސީ ބަލިވިއަސް، އަދި ބެންގަލޫރު އެފްސީން އަމިއްލަ ދަނޑުގައި ދާކާ އަބާނީއާ ދެކޮޅަށް ކުޅޭ މެޗުން ބަލިވިއަސް ނިއު އޮޓޯމެޓިކްއިން ކޮލިފައިވާނެއެވެ.

އެފަދަ ގޮތަށް ނިއުއަށް ކޮލިފައިވެވެން އޮތް ނަމަވެސް، ކޮލިފައިވުމަށް އެހެން ޓީމަކަށް ބަރޯސާ ނުވާނެ ކަމަށް ޓީމުގެ ކޯޗު އަދި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވެސް ވަނީ ބުނެފައެވެ.

"ހުރިހާ އެންމެންގެ މަސައްކަތް މިއީ. ގޯލެއް ވަން ނަމަވެސް އޭތި އަނބުރާލީ (ހުރިހާ އެންމެންގެ މަސައްކަތުން). އަނެއް ބުރަށް ދާން ކޯޗު އެބުނިހެން އައިޒޯލް ބަލިކޮށްގެން. (އަނެއް ބުރަށް ދާން) އެހެން ޓީމަކަށް ވިސްނާކަށް ނޫން ބޭނުންވަނީ،" މިއަދުގެ މެޗާ ގުޅިގެންނާއި ދެން އޮތް މެޗާ ގުޅިގެން ދަގަނޑޭ ބުންޏެވެ.

ނިއުގެ ކޯޗު އޮސްކާވެސް ބުނެފައި ވަނީ ބެންގަލޫރު މެޗުގެ ނަތީޖާއަށް ނުވިސްނާނެ ކަމަށާއި، އަނެއްކާވެސް ޓީމު ތައްޔާރުވާންވީ އައިޒޯލާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅޭ "ފައިނަލް" މެޗަށް ކަމަށެވެ. އޮސްކާ ބުނީ އެއް ގައުމެއްގެ ދެ ޓީމަކުން ކުޅޭ މެޗަކަށް ބަރޯސާވުމަކީ އެންމެ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ.

މިއަދުގެ މެޗުގައި ދެ ގޯލް ޖެހި ދަގަނޑޭ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.