މެޑަމް ފާތިމަތު އިބްރާހިމް ކުރިއަށް ގެންދަވާ "އެންމެ ގާތުން" ކެމްޕެއިންގައި މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން އެކަމަނާއަށް ހޫނު މަރުހަބާއެއް ކިޔަފިއެވެ.

ފުވައްމުލަކު އެއާޕޯޓަށް މެޑަމް ފާތުން ދަތުރުކުރެއްވި ފްލައިޓް ޖެއްސީ ހަވީރު 5:15 ހާއިރުއެވެ. އޭރުވެސް އެކަމަނާއަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއާޕޯޓް ސަރަހައްދަށް ޖަމާވެފައެވެ.

މެޑަމް އަރިހުގައި ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުވެސް އެ ސިޓީއަށް މިއަދު ވަޑައިގެންނެވިއެވެ. އަދި މި ދަތުރުފުޅުގައި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމްވެސް ބައިވެރިވެވަޑައިގަތެވެ.

މެޑަމްގެ މި ދަތުރުފުޅުގައި ފުވައްމުލަކުން ވަނީ އެކަމަނާއަށް ބޮޑު ތަރުހީބެއް ދީފައެވެ. އެގޮތުން އެ ސަރަހައްދަށް އެއްވެ ތިބި މީހުންނާއި ސަލާންކުރެއްވުމަށް ވެސް އެކަމަނާވަނީ އެތައް އިރެއް ހޭދަކުރައްވައިފައެވެ.

މެޑަމް ފުވައްމުލަކަށް މިކުރައްވާ ދަތުރުފުޅުގައި އެ ސިޓީގެ އެކި އަވަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަހުގެ ހަތަރުވަނަ ދުވަހު އެ ރަށުގައި ބާއްވާ ހާއްސަ ޖަލްސާއެއްގައިވެސް އެކަމަނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.