02 May 2018, 21:39
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ދެމުންއަންނަ ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަންގެ އެވޯޑުގެ ގެނެސް ދިނުމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މަޓާޓޯއިން ބުނީ މި އަހަރުގެ ގެސްޓްހައުސް އެވޯޑް ގެނެސް ދިނުމަށް ޖީއޭއެމް އާއެކު އެއްބަސްވުމުގައި ސޮއިކުރުމަކީ ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނަށް ލިބިގެންދާނެ އިތުރު ފުރިހަމަ ކަމެއްކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ވީހާވެސް ގިނަ ގެސްޓްހައުސްތައް އެ އެވޯޑުގައި ޝާމިލްކޮށް އެ އެވޯޑު އިތުރަށް ފުރިހަމަ ކުރުމަށް ޖީއޭއެމްއިން އެހީތެރިކަށް ދެއްވާނެ ކަމަށް މަޓާޓޯއިން ބުންޏެވެ.
"ގެސްޓްހައުސް ތަކަކީ ފަތުރުވެރިކަމުގެ ދާއިރާގައި މުހިއްމު ދައުރެއް އަދާ ކުރަމުން އަންނަ ބައެއް. މަޓާޓޯއިން ގެސްޓްހައުސްގެ ދާއިރާއަށް ވަކިން ހާއްސަ އެޑިޝަނެއްގެ ދަށުން އެވޯޑު ދެވިގެން ދަނީވެސް މި ދާއިރާގައި ގެސްޓްހައުސް ތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން. އަދި ގެސްޓްހައުސް އެވޯޑު ގެނެސް ދިނުމަށް މަޓާޓޯއާއެކު އެއް މަގުސަދެއްގައި ޖީއޭއެމްއިން ބައިވެރިވުމަކީ ލިބިގެންދާ ވަރަށްބޮޑު އުފަލެއް،" މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒް ވިދާޅުވިއެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގެސްޓްހައުސް އެޑިޝަން"އަކީ މި އަހަރުގެ ޓްރެވަލް އެވޯޑްސްގެ އެންމެ ފުރަތަމަ ހަރަކާތެވެ.
މަޓާޓޯ ބުނީ، ގެސްޓްހައުސްތަކަށް 15 ދާއިރާއަކުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެވޯޑަށް ކުރިމަތިލެވޭނީ،މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓުމެދުވެރިކޮށެވެ.
މަޓާޓޯ އިން ބުނީ އެވޯޑަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެވޯޑުތަކަށް ކުރިމަތިލާފައިވާ ހުރިހާ ފަރާތެއް ޖޫން މަހުގެ ފުރަތަމަ ދުވަހު އިއުލާނުކުރާނެ ކަމަށާއި އެވޯޑުތަކަށް އާންމުން ވޯޓުލުމަށް ދެ މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް މަޓާޓޯއިން ބުނެއެވެ.
ޓްރެވަލް އެވޯޑްސްގެ މިއަހަރުގެ ގެސްޓްހައުސް އެޑިޝަން އޮންނާނީ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައެވެ.
މަޓާޓޯއިން ބުނީ އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅަނީ ޓްރިޕްއެޑްވައިޒާގައި އެ ޕްރޮޕަޓީއަކަށް ލިބިފައިވާ ރޭޓިންގް އިން 40 ޕަސަންޓު، އަދި އާންމުންގެ ވޯޓުން 60 ޕަސަންޓުން ކަމަށެވެ.
މިދިޔަ އަހަރު މަޓާޓޯ ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަނުން ލީޑިންގް ގެސްޓްހައުސްގެ އެވޯޑު ލިބުނީ ކ. މާފުށީގެ އެރީނާ ބީޗު ހޮޓެލްސްއަށެވެ.
ގެސްޓްހައުސް އެޑިޝަންގެ އެވޯޑް ދޭ ކެޓަގަރީތަކަކީ:
ގެސްޓްހައުސް ކެޓަގަރީތައް:
ލީޑިންގް ގެސްޓްހައުސް
- ލީޑިންގް ފުޑް އެންޑް ބެވަރޭޖް ގެސްޓްހައުސް
- ލީޑިންގް ގެސްޓްހައުސް - ޑައިވިންގް އެންޑް ވޯޓާސްޕޯޓްސް
- ލީޑިންގް އީކޯ-ފްރެންޑްލީ ގެސްޓްހައުސް
- ލީޑިންގް ބިޒްނަސް ގެސްޓްހައުސް
- ލީޑިންގް ހެރިޓޭޖް ގެސްޓްހައުސް
- ލީޑިންގް އެޑްވެންޗާ ގެސްޓްހައުސް
- މޯސްޓް އިނޮވޭޓިވް ގެސްޓްހައުސް ކޮންސެޕްޓް
އައިލެންޑް، ބްރޭންޑް އަދި ސާވިސް ކެޓަގަރީތައް:
ލީޑިންގް ގެސްޓްހައުސް ބްރޭންޑް
- ލީޑިންގް ޓްރާންސްޕޯޓު ސާވިސް ޕްރޮވައިޑާ
- ލީޑިންގް ގެސްޓްހައުސް އައިލެންޑް
- ލީޑިންގް ބީޗު އައިލެންޑް
މަޓާޓޯއިން ދޭ އެވޯޑުތައް:
ލީޑިންގް ބިޒްނަސް ޑިވެލޮޕްމަންޓް ޕާޓްނާ ފޯ ދަ ގެސްޓްހައުސް އިންޑަސްޓްރީ
- ނިއު ކަމާ އޮފް ދަ އިޔާ
- މޯސްޓް ސަޕޯޓިވް ގެސްޓްހައުސް