މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 155.9 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އުރީދޫއިން އާންމުކޮށްފައިވާ ފުރަތަމަ ކުއާޓަރު (އަހަރުގެ ފުރަތަމަ ތިންމަސް)ގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ ހިންގުމުގެ ފައިދާގެ ގޮތުގައި 190 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެފައިދާއިން ޓެކުހާއި ފައިސާގެ އެކްސްޕެންސް ކެނޑުމަށްފަހުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ ވަނީ 155.9 މިލިއަން ރުފިޔާ ކަމަށް އުރީދޫއިން ބުންޏެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނު ފައިދާ އަކީ މިދިޔަ އަހަރާ އަޅާ ބަލާއިރު 31 ޕަސެންޓް ކުރިއެރުމެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އުރީދޫއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީގެ ގޮތުގައި 495 މިލިއަން ރުފިޔާ ލިބިފައިވާ ވާއިރު އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު 472 މިލިއަން ރުފިޔާ އަށްވުރެ ފަސް ޕަސެންޓް ކުރިއެރުމެއް ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 550 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު 21 ޕަސެންޓުގެ ކުރިއެރުމެކެވެ.