14:30


ހުޅުމާލޭގެ ސިނާއީ ސަރަހައްދުން ބީލަމަށްލި 16 ބިމަށް އެދި ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ހަ ފަރާތަކުން ބީލަން ކާމިޔާބުކޮށްފި އެވެ.


އެޗްޑީސީން ބުނީ ހުޅުމާލޭގެ ހަތަރު ސަރަހައްދަކުން ދޫކުރުމަށް ހަމަޖައްސާފައިވާ އެ 16 ބިމަށް ބީލަން ހުށަހެޅުމަށް ހުޅުވާލި މުއްދަތް ހަމަވިއިރު 21 ފަރާތަކުން ބީލަން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުގެ ތެރެއިން މިންގަނޑަށް ފެތޭގޮތަށް ބީލަން ހުށަހަޅާފައިވަނީ 13 ފަރާތަކުން ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި އެ 13 ފަރާތުގެ ބީލަންތައް މުރާޖާއާ ކުރުމަށްފަހު، ޝަރުތު ހަމަވާ ފަރާތްތަކަށް ބިން ކުއްޔަށް ދިނުމުގައި ބަލާފައިވަނީ ބީލަން ހުށަހަޅާފައިވާ ޒޯނުން އެންމެ މަތިން ނެޓް ޕްރެޒެންޓް ވެލިއު ލިބޭ ފަރާރްތަކަށް ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.


ބީލަން ކާމިޔާބުކޮށްފައިވާ ފަރާތްތަކަކީ ޑަބްލިއު ޕްރޯ ޕްރައިވެޓް ލިމިޓެޑާއި، ލަކިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އައިމާ ކޮންސްޓްރަކްޝަން ކޮންޕެނީއާއި، ކްތިކް އެސޯސިއޭޓް ޓްރެއިނާރސް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އަދި ލިސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.


ބީލަންތައް ކާމިޔާބުކުރި ފަރާތްކަށް މިމަހުގެ 31 ގައި އެޗްޑީސީން ބާއްވާ ހަފްލާއަށް ހާޒިރުވެ ބިންތައް އިހްތިޔާރުކުރުމުގެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލައިފަ އެވެ. ބިން އިހްތިޔާރު ކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަން ބާތިލްކޮށް އެފަރާތަކުގެ ބިޑް ސެކިއުރިޓީ އެޗްޑީސީއަށް ނެގޭނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ. އަދި އެއްވެސް ފަރާތެއްގެ ބީލަން ބާތިލްވެއްޖެނަމަ ދެން އެފުރުސަތު ދެވޭނީ އެޒޯނެއްގެ ކެޓަގަރީއަކުން ދެން އެންމެ މަތިން ޕޮއިން ލިބިފައިވާ ފާރާތަކަށް ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.


25  އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހަމަޖައްސާފައިވާ އެ ބިންތަކުގެ ބޮޑުމިނަކީ ފަސްހާސް  އަކަފޫޓާއި ހަތާވީސް ހާސް އަކަފޫޓެވެ.