02 May 2018, 14:38
މޫސުމަށް އަންނަ ބަދަލުތައް ދެއްކުމުގެ ގޮތުން، އާކްޓިކްގެ އައިސްބާގް ނުވަތަ ގަނޑުފެންގަނޑެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މޫނު ކަނޑާ ނަގަން، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ގުރޫޕަކުން ފައިސާ އެއްކުރަން ފަށައިފި އެވެ.
"ޕްރޮޖެކްޓް ޓުރަމްޕްމޯ" ގެ ނަމުގައި ފިންލޭންޑުގެ މެލްޓިން އައިސް ނަމަކަށް ކިޔާ ގުރޫޕަކުން ކުރިއަށް ގެންދަން ނިންމާފައިވާ އެ ޕްރޮޖެކްޓުގެ ދަށުން އާކްޓިކްގެ ގަނޑުފެންގަނޑެއްގައި 115 ފޫޓު ހުންނަ ޓްރަމްޕުގެ މޫނެއްގެ އައިސް މޮނިއުމަންޓެއް ކަނޑާ ނަގަން ނިންމައިފައެވެ.
އެ ގުރޫޕުން ބުނާ ގޮތުން ކަނޑުފެންގަނޑެއްގައި ކަނޑާނަގާ މޮނިއުމަންޓް، ވިރިގެންދާން ނަގާ ވަގުތުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އިހުސާސް ކޮށްދިނުމަކީ އެ ގުރޫޕުގެ ބޭނުން ކަމަށެވެ.
"ދުނިޔެ ހޫނުވަމުން ދިއުމަކީ ހަގީގަތުގައި ވެސް ހިނގަމުންދާ ކަމެއްކަން ގިނަ ބަޔަކު އަދިވެސް ސުވާލު އުފައްދައި. ގިނަ މީހުންނަށް ކަމެއް ގަބޫލު ކުރެވޭނީ އެކަމެއް ހަމަ ލޮލަށް ފެނުމުން. ގަނޑުފެންގަނޑެއްގައި އަހަރެމެން ހަދާ މޮނިއުމަންޓް ވިރިގެންދާން ނަގާ ވަގުތު ދެއްކުމަކީ އަހަރެމެންގެ ބޭނުން،" މެލްޓިން އައިސްގެ ޗެއާމަން ނިކޮލަސް ޕްރިއެޓޯ ވިދާޅުވެފައިވެ އެވެ.
އެ ގުރޫޕުން ބުނީ، އެ ޕްރޮޖެކްޓް ހަގީގަތަކަށް ހެދުމަށް ބައި މިލިއަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށާއި އެކަމަށް ފައިސާ ހޯދަމުންދާ ކަމަށެވެ. އަދި އެކަށީގެންވާ ވަރަށް ފައިސާ ލިބިއްޖެނަމަ މޮނިއުމަންޓް ވިރިގެންދާ ގޮތް ދެއްކުމަށް ލައިވް ސްޓްރީމް ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
އާކްޓިކްގެ ގަނޑުފެންގަނޑެއްގައި އެމެރިކާގެ ރައީސް ޓްރަމްޕުގެ މޫނު ރަމްޒުކޮށް ދޭ މޮނިއުމަންޓެއް ހަދަން ނިންމާފައިވާއިރު، ވެރިކަމަށް އައުމުގެ ކުރީންވެސް ޓްރަމްޕު ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ނޮވެމްބަރު 2012 ވަނަ އަހަރު ޓްރަމްޕު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދުނިޔެ ހޫނުވުމުގެ ކޮންސެޕްޓަކީ އެމެރިކާއަށް ގޮންޖަހަން ޗައިނާއިން ހެދި އެއްޗެއް ކަމަށް ވިދާޅުވެފައެވެ.