އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބަންގަލަދޭޝްގެ ދާކާ އަބަހާނީ ވާދަކުރާ މެޗު މިއަދު ހަވީރު އޮންނާނެއެވެ.

މެޗަށް ނުކުންނަ އިރު، ނިއު އޮތީ ގްރޫޕް އެއްވަނައިގަ އެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން ތިން މޮޅާ އެކު ނިއުއަށް ނުވަ ޕޮއިންޓް ލިބޭ އިރު، ހަތަރު މެޗުން ހަތަރު ޕޮއިންޓާ އެކު އަބަހާނީ އޮތީ ތާވަލުގެ ތިން ވަނައިގަ އެވެ. ގްރޫޕް ސްޓޭޖު ފަހަނަ އަޅައި އަނެއް ބުރަށް ދިއުމަށް ނިއު އަމިއްލަ ބާރުގައި އޮތް އިރު އަބަހާނީއަށް ވެސް މުބާރާތުން ނުކަޓައި ސަލާމަތްވެވޭނީ މިއަދުގެ މެޗުން މޮޅުވެގެންނެވެ.

ގްރޫޕް އީގެ ދެވަނައިގައި ބެންގަލޫރު އެފްސީ އޮތީވެސް ނުވަ ޕޮއިންޓާއެކުގައެވެ. ނިއުއަށް ގްރޫޕްގެ އެއްވަނަ ލިބެނީ ހެޑް ޓު ހެޑްގެ ގޯލް ޑިފަރެންސަށް ބަލައިގެންނެވެ.

ނިއު ރޭޑިއަންޓް

އޭއެފްސީ ކަޕްގައި އައިޒޯލް ކޮޅަށް ލަނޑުޖެހުމަށް ފަހު ދަގަނޑޭ އުފާފާޅުކުރަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނިއު ރޭޑިއަންޓަކީ އޭއެފްސީ ކަޕްގައި އެންމެ ކާމިޔާބު ދިވެހި ޓީމެވެ. 2005 ވަނަ އަހަރު ނިއުއިން އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ގޮސްފައިވާ އިރު، ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ގިނަ ކާމިޔާބީތަކެއް ހޯދި ޓީމަކީވެސް ނިއުއެވެ.

މިއަހަރުގެ އޭއެފްސީ ކަޕަށް ނިއު ނުކުތީ މެދުކެނޑުމަކަށް ފަހުއެވެ. މިހާތަނަށް ގްރޫޕް ސްޓޭޖުގައި ނިއު ނެރުނު ނަތީޖާތަކަށް ބަލާ އިރު، ނިއުއަށް ތާރީޚު ބަދަލު ކޮށްލެވޭނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ގްރޫޕްގައި އެންމެ ވަރުގަދަކޮށް ފާހަގަކުރެވުނު 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕް ރަނަރަޕް ޓީމު، ބެންގަލޫރު އެފްސީ ބަލިކޮށް ނިއުއިން ވަނީ ގްރޫޕްގެ ކޮންޓްރޯލް ހޯދައިފައެވެ.

ރާއްޖޭ ދަނޑުގައި ނިއުއިން 2-0ގެ ނަތީޖާއަކުން ބެންގަލޫރު ބަލިކުރި އިރު، އެ މެޗަކީ އިންޑިއާގެ ވަރުގަދަ ބެންގަލޫރު އެފްސީ ދިވެހި ޓީމެއް އަތުން ބަލިވި ފުރަތަމަ މެޗެވެ.

ކޯޗު: އޮސްކާ ބުރުޒޮން

ނިއުގެ ކޯޗު އޮސްކާ އިއްޔެ ބޭއްވި ޕްރެސްގައި ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސްޕެއިންގެ ތިންވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އާރްސީޑީ މަލާކޯގެ އެސިސްޓެންޓް ކޯޗުކަމުގެ އިތުރުން އިންޑިއާގެ މުމްބާއީ އެފްސީއަށް ކޯޗުކަން ކޮށްދިން ކޯޗު، އޮސްކާ ބުރުޒޮންގެ ނުފޫޒު ނިއުގެ ކުޅުމުން ފެންނަމުންދާ އިރު، ނިއުގައި އޮސްކާ ބޭނުން ކުރަމުން އަންނަ ކުޅުންތެރިންނަކީ ވެސް އޭނާގެ ސްޓައިލާ ގުޅޭ ކުޅުންތެރިންނެވެ. ޚާއްސަކޮށް ނިއުއިން ފެންނަ ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ ސްޕެއިންގެ ކުޅުންތެރިންނެވެ.

ޕާސް ޖަހައިގެން ތިރިން ކުޅޭ ފުޓުބޯޅައެއް ނިއުގެ ފަރާތުން ފެނިފައިވާ އިރު، އޮސްކާގެ އެންމެ ނުރައްކާ ހަތިޔާރެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

މިހާތަނަށް މި ސީޒަންގެ އޭއެފްސީ ކަޕްގައި ދަގަނޑޭ ދައްކަމުން އަންނަ ކުޅުމަކީ އޮސްކާއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

މެޗުގެ ކުރިން ބުނި ބަސް

އޮސްކާ ބުނީ ދާކާ އަބަހާނީއަކީ ފިޒިކަލީ ގޮތުން ވަރުގަދަ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށާއި، އުންމީދުކުރާނީ ފިޒިކަލީ ގޮތުން އުނދަގޫ މެޗަކަށް ކަމަށެވެ. އޮސްކާ ބުނީ އަބަހާނީގައި ވަރަށް ވަރުގަދަ ކުޅުންތެރިން އެބަތިބި ކަމަށާއި، ފައިދާ ނެގޭނީ ނިއުއިން ވެސް އޯގަނައިޒްކޮށް ކުޅެ، ކެތްތެރިވެގެން ކަމަށެވެ.

އޮސްކާ ބުނީ ގްރޫޕްގެ އެއްވަނާގައި އޮތަސް އެކަމުގެ އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި، ނިއުއަށް ކޮލިފައިވުމަށް ބޮޑު ފުރުސަތެއް އޮތް އިރު އެކަމަށް މުޅި ރާއްޖޭގެ އެންމެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަދި ދަނޑަށް ވީހާވެސް ގިނަ މީހުންނެއް ވަނުމަކީ އޭނާ އެދޭ ގޮތް ކަމަށާއި، ހާއްސަކޮށް ރާއްޖޭގެ ފުޓުބޯޅަ އަޑިއަޅާލައިފައި އޮތް ދުވަސް ވަރެއްގައި މިކަހަލަ މެޗަކަށް ސަޕޯޓަރުންގެ ތަރުހީބު ބޭނުންވާނެ ކަމަށްވެސް އޮސްކާ ބުންޏެވެ.

ލަފާކުރެވޭ ފުރަތަމަ 11

  • އިމްރާން މުހައްމަދު (އިންމަ)
  • އަކުރަމް އަބްދުލްޣަނީ (އަކޫ)
  • ޖޯޖު ގޮޓޯ
  • މުހައްމަދު ރަޝީދު (ހޮކޭ)
  • ޒޮހިބް އިސްލާމް އަމީރީ
  • މުހައްމަދު އުމައިރު
  • ކަންޑެލާ
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • އަލީ ފާސިރު (ސެންޓޭ)
  • އަލީ އަޝްފާގު (ދަގަނޑޭ)
  • ރިހާމް އަބްދުލްޣަނީ (ބޮބީ)

ދާކާ އަބަހާނީ

މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖޭގެ މާޒިޔާ އާއި ބަނގްލަދޭޝްގެ ދާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއީ އޭއެފްސީ ކަޕުގައި ޑާކާ އަބަހާނީ ވާދަކުރާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް ޑާކާ އަބަހާނީވަނީ ބަލިވެފައެވެ.

ބަންގާޅުގެ އެންމެ ފާހަގަކޮށްލެވޭ ދާކާ އަބާނިއަކީ ސަރަހައްދީ ބާރެއްގެ ގޮތުގައި އަދި ނުކީ ނަމަވެސް، އެޓީމަކީ ކުރިއަރަމުން އަންނަ ކްލަބެކެވެ. ހާއްސަކޮށް ބަންގާޅުގެ އެންމެ މޮޅެތި ކުޅުންތެރިންނާއެކު ވަރުގަދަ ބިދޭސީ ކުޅުންތެރިންތަކެއް އެޓީމުން ފެންނަމުން ދެއެވެ.

އެގޮތުން ނައިޖީރިއާގެ ދެ ކުޅުންތެރިން ކަމަށްވާ އެމެކާ އޮނޫހާއާއި ސަންޑޭ ޗިޒޯބޯއަކީވެސް އެޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.

މީގެ އިތުރުން އެޓީމުގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނަކީ ނައިޖީރިއާގެ ޑުކާކޫ އެލިސަންއާއި ޖަޕާންގެ ސެޔޯ ކޮޒީމާއެވެ.

ކޯޗު:ސައިފުލް ބާރީ ޓީޓޫ

ދާކާ އަބަހާނީ ކޯޗު ޓީޓޫ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޑާކާ އަބަހާނީގެ ކޯޗުގެ މަގާމުގައި މިވަގުތު ހުރި ސައިފުލް ބާރީ ޓީޓޫއަކީ ބަންގާޅު ފުޓުބޯޅައިގެން ލެޖެންޑެކެވެ. ބަންގާޅު ގައުމީ ޓީމަށްވެސް ކުޅުނު ޓީޓޫއަކީ 2004 ވަނަ އަހަރުން ފެށިގެން މެދު ނުކެނޑި ކޯޗިންގައި ހަރަކާތްތެރިވަމުން އަންނަ އެގައުމުގެ ފުޓުބޯޅަ ޝަހުސިއްޔަތެކެވެ. ބަންގާޅު ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ޓީޓޫވަނީ ތިން ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައެވެ.

ބަންގާޅު ފުޓުބޯޅައަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި ނިއުއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ބަލިވުމުންވެސް ޓީޓޫ ވަނީ ވަރަށް ބޮޑަށް މާޔޫސް ވެފައިހުރި ކަމަށް ބުނެފައެވެ.

މެޗުގެ ކުރިން ބުނި ބަސް

މެޗާ ގުޅިގެން ޓީޓޫ ބުނީ ގްރޫޕް އޮތީ އޭނާގެ ޓީމަށް އެންމެ އެކަށޭނެ ގޮތަކަށް ނޫން ކަމަށާއި އެހެން ނަމަވެސް ނިއު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށެވެ. އަދި އޭނާ ގަބޫލުކުރަނީ ނިއުއަކީ ގްރޫޕްގެ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި ކަމަށާއި ކޮންމެ ވަގުތެއްގައިވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ވަރުގެ ކުޅުންތެރިން ނިއުގައި ތިބިކަމަށްވެސް ޓީޓޫ ބުންޏެވެ.
އެ ކުޅުންތެރުންގެ ގޮތުގައި ޓީޓޫ ފާހަގަކުރީ އަލީ ފާސިރާއި އަލީ އަޝްފާގު އަދި ކަންޑޭލާއެވެ.

ޓީޓޫ ބުނީ ބަންގާޅުގައި ނިއުއާއި އަބަހާނީ ކުޅުނު މެޗުވެސް ދިޔައީ ދާދި ހަމަހަމަކޮށް ކަމަށާއި، ތަފާތަކަށްވީ ލިބުނު އެންމެ ފުރުސަތަކުން ސެންޓޭގެ ޖާދޫ ދައްކާލުން ކަމަށެވެ. އަދި މިހާތަނަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އަބާހާނީ ކުޅުނު ހުރިހާ މެޗެއްގައިވެސް ގޯލް ޖަހާނެ ފުރުސަތުތައް ލިބުނު ކަމަށާއި، އެ ފުރުސަތުތަކުގެ ބޭނުން ހިފުނީ އެންމެ މެޗެއްގައި ކަމަށްވެސް ޓީޓޫ ބުންޏެވެ.

ލަފާކުރެވޭ ފުރަތަމަ 11

  • މުހައްމަދު ޝާހިދުލް އަލަމް (ކީޕަރު)
  • މުހައްމަދު ނަސީރުއްދީން ޗޯދުރީ
  • ޑުކާކޫ އެލިސަން
  • ވަލީ ފައިސަލް
  • ރައިހާން ހަސަން
  • މުހައްމަދު އެމޯން މަހުމޫދު
  • އާތިގު ރަހުމާން ފަހުދު
  • ސެޔޯ ކޮޒީމާ
  • ސަންޑޭ ޗިޒޯބޯ
  • އެމެކާ އޮނޫހާ
  • ރުބެލް މިއާ

މެޗު ކުޅޭ ސްޓޭޑިއަމް: ގައުމީ ފުޓުބޯޅަ ދަނޑު، މާލެ

މެޗު ގަޑި: ހަވީރު 4:00

ޓީވީއެމް އާއި ޔެސް ޓީވީން ލައިކޮށް މެޗު ދައްކާނެ