02 May 2018, 12:04
އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ހިންގާ ތަހުގީގަށް ދީފައިވާ ސިއްރު ބަޔާންތައް ލީކު ކޮށްލީ އިސް ފަރާތްތަކެއްގެ ނުފޫޒުން ކަމަށާއި އެ މައްސަލާގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އެމައްސަލާގައި ދެ ގާޒީ އަކާއި ފުލުހުންތަކެއްގެ އިތުރުން އާންމު ފަރުދަކު ދީފައިވާ ސިއްރު ބަޔާންތައް ރޭ ވަނީ މީސް މީޑިއާގައި އާންމުވެފަ އެވެ. އަދި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުވެސް މީސް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
އެކަމާ ގުޅިގެން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ބޮޑު ތަހުގީގާ ގުޅިގެން ފުލުހުން ނަގާފައިވާ ބަޔާންތަކާއި ލިޔެކިޔުންތައް އާންމުކޮށްފައިވާ މައްސަލަ ފުލުހުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާ ކަމަށެވެ.
"މިކަމަކީ މި މައްސަލާގައި ތުހުމަތު ކުރެވޭ ބައެއް ނުފޫޒު ގަދަ ފަރާތްތަކުން އެބޭފުޅުންގެ ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ ހުތުރު އަދި ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަން އަޅުގަނޑުމެން ފާހަގަކޮށްލަން،" ޝިފާން ވިދާޅުވި އެވެ.
އެކަން ކުރި ފަރާތްތަކުގެ މައްސަލަ ބަލައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.
އެމައްސަލާގައި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އިތުރުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ހިމެނިވަޑައިގަންނަވަ އެވެ. އަދި މަޖިލިސް މެމްބަރުންތަކެއްވެސް ހިމެނެ އެވެ.
ޝިފާން ވިދާޅުވީ އެ މައްސަލައިގެ ބަޔާންތައް ލީކު ކޮށްލާފައިވަނީ މައްސަލާގައި ހިމެނޭ އިސް ފަރާތްތަކަކުން ނުފޫޒު ފޯރުވައިގެންކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ އެފަދަ ކަންކަމުން ފުލުހުން ފަހަތަކަށް ނުޖެހޭނެ ކަމަށާއި މަސައްކަތްތައްވެސް ހުއްޓާ ނުލާނެ ކަމަށެވެ.