02 May 2018, 11:28
ރޯދަމަހާ ދިމާކޮށް ފިޔާ، ބިސް އަދި އަލުވީގެ އަގު ހެޔޮކޮށް ހިފެހެއްޓުމަށްތަކައި އެސްޓީއޯއިން ފުރަތަމަ ޝިޕްމަންޓް ގެނެސް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން ރޯދަމަހާ ދިމާކޮށް ގެނައި ފުރަތަމަ ޝިޕްމަންޓް ވިއްކަން ހަމަޖެހިފައިވާ އަގުތަކަކީ:
ފިޔާ
ކިލޯއެއް އަށް ރުފިޔާ އަށް
ބަސްތާއެއް 170 ރުފިޔާ އަށް
50 ބަސްތާ އަށްވުރެ ގިނައިން ގަންނަ ނަމަ 160 ރުފިޔާ އަށް
އަލުވި
ކިލޯއެއް ނުވަ ރުފިޔާއަށް
ބަސްތާއެއް 200 ރުފިޔާއަށް
50 ބަސްތާއަށް ވުރެ ގިނައިން ގަންނަ ނަމަ 190 ރުފިޔާއަށް
ބިސް
އެއް ރުފިޔާ 50 ލާރިއަށް ބިހެއް
ކޭހެއް 270 ރުފިޔާ އަށް
50 ކޭހަށް ވުރެ ގިނައިން ގަންނަނަމަ 260 ރުފިޔާއަށް
މިއަދު އެސްޓީއޯ ސުޕާމާޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން ވިދާޅުވީ، އެސްޓީއޯއިން ރޯދަމަހާ ދިމާކޮށް ގެނައި ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމެންޓް މާލޭގެ އިތުރުން ދެކުނާއި އުތުރަށްވެސް ފޮނުވާފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ، އައްޑޫ ސިޓީ، ގދ. ތިނަދޫ، ފުވައްމުލައް، ހދ. ކުޅުދުއްފުށި އަދި ހއ. ހޯރަފުށީގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ ޝިޕްމެންޓްގެ ފިޔާ އަލުވި އަދި ބިސް ވިއްކަން ފަށާފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން މާލެއިންވެސް އެ ޝިޕްމެންޓް ވިއްކަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯއިން މާލޭގައި ފިޔާ، އަލުވި އަދި ބިސް ވިއްކަން ހަމަޖެހިފައިވަނީ، އެސްޓީއޯ ހޯލްސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖްގައި އެސްޓީއޯއިން ގާއިމް ކޮށްފައިވާ ވެއާ ހައުސް އިންކަމަށް ޝިފާން ވިދާޅުވިއެވެ. އަދި ގަނޑުކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް އިންޑަސްޓްރިއަލް ވިލެޖުން ފަސޭހަކަމާއެކު ގަނޑުކޮށް އެ ތަކެތި ގަނެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕްރެޒެންސް ހުރި ހުރިހާ ރަށަކުންވެސް މާލެއާ އެއް އަގެއްގައި މި ތަކެތި ލިބޭނެ. ދެން މި ތަކެތި ހުސް ނުވާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން އަރުވަން،" ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ، އޭގެ ދެވަނަ ޝިޕްމަންޓް މި މަހުގެ އަށެއް ނުވަތަ 10 އެއްގައި މާލެ ގެންނާނެ ކަމަށެވެ.
އަދި ފިޔާ، ބިސް، އަލުވީގެ އިތުރުން ގޭތެރެއަށް ބޭނުންވާ ސާމާނާއި ތެލާއި، ގެރިކިރާއި ބާސްމަތީ ހަނޑޫވެސް ހެޔޮ އަގުގައި ވިއްކުމަށް އެސްޓީއޯއިން ގަނޑުކޮށް ޝިޕްމަންޓް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.