02 May 2018, 11:16
ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި ބަޔާން މިއުނިކްގެ މައްޗަށް ކުރިހޯދައި ރެއާލް މެޑްރިޑުން ވަނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައެވެ.
މިދިޔަ ދެ އަހަރުވެސް ޗެމްޕިއަންސް ލީގު އުފުލާލި ރެއާލް މެޑްރިޑް މި އަހަރުގެ ފައިނަލަށް ދަތުރުކުރީ އުނދަގޫ އަދި "ޓަފް" މެޗުތަކަކަށް ފަހުގައެވެ.
ރޭގެ ސެމީ ފައިނަލަށް ދެވަނަ ލެގު ނިމުނު އިރު އެގްރިގޭޓް ނަތީޖާއަކީ 4-3އެކެވެ. އެގްރިގޭޓުން ރެއާލް ކުރީގައި އޮތް ނަމަވެސް، މެޗުގައި ބަޔާންއިން އިތުރު ގޯލެއް ޖެހިނަމަ އަވޭ ގޯލެއްގެ ތަފާތުން ފައިނަލަށް ދާނީ ބަޔާންއެވެ.
މެޗުގައި ޖޯޝުއާ ކިމިޗްގެ ގޯލުން ލީޑު ނެގީ ބަޔާންއިންނެވެ. އެހެން ނަމަވެސް އެ ގޯލަށް މާ ގިނައިރެއް ނުވެ ކަރިމް ބެންޒެމާ ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ދެވަނަ ހާފްގެ ފުރަތަމަ މިނެޓުގައި ބަޔާންގެ ކީޕަރު ސްވެން އުލްރިޗުގެ ފަރާތުން ފެނިގެންދިޔަ ބޮޑު ގޯހަކާއެކު ރެއާލްއިން ދެވަނަ ގޯލް ޖެހި އިރު، މެޗުގައި ގިނަ ފުރުސަތުތައް އުފެއްދީ ބަޔާންއިންނެވެ. ހާއްސަކޮށް މެދުތެރެއިން ތިއޭގޯ އަލްކަންޓްރާއާއި ހަމޭޒް ރޮޑްރިގޭޒް ވަނީ ބަޔާންއަށް މޮޅު ކުޅުމެއް ދައްކައިފައެވެ. ނަތީޖާއެއްގެ ގޮތުން ހަމޭޒް ވަނީ ބަޔާންއަށް ނަތީޖާ ހަމަހަމަވެސް ކޮށްދީފައެވެ.
ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް ބަޔާންއަށް ލީޑު ނެގޭ ގޮތް ވަނީ ނުވެފައެވެ. ރެއާލްގެ ފަހަތުން އަދި ކީޕަރުގެ މަސައްކަތް އޭގައި ފާހަގަކޮށްލެވުނެވެ. ހާއްސަކޮށް ތޯމަސް މުލާއާއި ކޮރެންޓިން ޓޮލީސޯގެ ނުރައްކާތެރި ހަމަލާތަކުން ރެއާލް ސަލާމަތް ކޮށްދިނީ ކީޕަރު ކޭލޯ ނަވާސްއެވެ.

ރެއާލްއާއި ބަޔާން ކުޅުނު ސެމީ ފައިނަލް ދެވަނަ ލެގުގެ ތެރެއިން --- ފޮޓޯ/ އޭޕީ
އޭގެ އިތުރުންވެސް މެޗުގައި މެޓްސް ހަމުލްސް އަދި ރޮބާޓް ލެވަންޑޯސްކީއަށް ލިބުނު ފުރުސަތުތައްވެސް ފާހަގަކޮށްލެވުނެވެ. މިއާ ހިލާފަށް ރެއާލްގެ ފޯވަޑް ލައިން ރޭގެ މެޗުގައި ފެނުނީ ތަންކޮޅެއް އާދައިގެ ކޮށެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެޓީމުގެ ޕޯޗުގީޒު ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުންވެސް މެޗުގައި އެންމެ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ.
މެޗުގައި ބަޔާންއިން 22 ހަމަލާއެއް އުފެއްދި އިރުު، އޭގެތެރެއިން 10 ހަމަލާއަކީ ގޯލަށް އަމާޒުކުރި ހަމަލާއެވެ. ރެއާލްއަށް މެޗުގައި އުފެއްދުނީ ނުރައްކާތެރި ތިން ހަމަލާއެވެ. ދަނޑުމަތީގައި ހުރި ކުޅުންތެރިންގެ ތެރެއިން އެންމެ މަދުން ބޯޅައިގައި ފައި ޖެހުނު ކުޅުންތެރިއަކީވެސް ރެއާލްގެ ފޯވަޑް ރޮނާލްޑޯއެވެ. އޭނާއަށް މެޗުގައި ބޯޅައިގައި ފައި ޖެއްސިފައިވަނީ އެންމެ 34 ފަހަރުއެވެ.
މިއަހަރުގެ ލަލީގާ ރެއާލްއަށް ގެއްލިފައިވާ އިރު، ރެއާލްގެ މޮޅުވުމުގެ ޕަސެންޓްވެސް މަތީ ލީގަށްވުރެ ޗެމްޕިއަންސް ލީގުގައެވެ. ލީގުގައި ކުޅުނު 34 މެޗުން ރެއާލް 62 ޕަސެންޓް މެޗުން މޮޅުވެފައިވާ އިރު، ޗެމްޕިއަންސް ލީގުގައި ކުޅުނު 12 މެޗުން ރެއާލް ވަނީ 66 ޕަސެންޓް މެޗުން މޮޅުވެފައެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ރެއާލް ދަތުރުކޮށްފައިވާ އިރު، ރެއާލްއަކީ އެންމެ އުނދަގޫ މަގަކުން ފައިނަލާ ހަމައަށް އައި ޓީމު ކަމަށްވެސް ބުނެވިދާނެއެވެ. ރެއާލްއިން އުނދަގޫ ގްރޫޕެއް ކަޑައްތުކޮށް ގަދަ 16އަށް ދިޔައިރު، ނޮކްއައުޓް ބުރުގައި ޔުވެންޓަސްއާއި ޕީއެސްޖީގެ އިތުރުން ބަޔާންވެސް ކަޓުވައިލައިފައިވެއެވެ.

ޔުވެންޓަސްއާއި ރެއާލް ކުޅުނު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގެ ތެރެއިން --- ފޮޓޯ/ އޭޕީ
މެޗުތަކުގައި ނަތީޖާ ނެރުމަށް ރެއާލް ބޭނުން ކުރާ އުކުޅަކީ ވަރުގަދަ މެންޓާލިޓީއެއްގެ އިތުރުން ލިބޭ މަދު ފުރުސަތުތަކެއްގެ ބޭނުން ހިފުން ކަމަށް ޓީމުގެ ކޯޗު، ޒައިނުއްދީން ޒިދާން ކުރިން ވަނީ ބުނެފައެވެ. އަދި ސެމީ ފައިނަލްގެ ދެ ލެގުގައިވެސް ޒިދާންގެ ފަރާތުން އެކަން ވަރަށް ބޮޑަށް ފެނިފައިވާ އިރު، ރެއާލް ސެމީއަށް ދިޔައީ ތަފާތު ދައްކާ، މެންޓާލިޓީވެސް ވަރަށް ރަނގަޅު ވެގެން ކަމަށްވެސް ދުނިޔޭގެ ގިނަ އެނަލިސްޓުން ބުނެއެވެ.
ރެއާލް ފައިނަލަށް ދިޔަގޮތުގެ މައްޗަށް އެކި އެނަލިސްޓުން ކުރި އެނަލިސިސް ތަފާތެވެ. ޗެލްސީއަށް ކުރިން ކުޅުނު މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ބުނީ ރެއާލް ފައިނަލަށް ދިޔައީ "ސީދާ ނަސީބުން" ކަމަށެވެ. އަދި ބީބީސީގެ މަޝްހޫރު އެނަލިސްޓް ކްރިސް ވެޑަލްވެސް ވަނީ ލަމްޕާޑުގެ އެވާހަކައަށް ރައްދު ދީފައެވެ.
ވެޑަލް ބުނީ ރެއާލްއަކީ ގޯލެއް ޖަހަން ކިތައްމެ ހަނި ފުރުސަތެއް ދިނަސް ޖަހާނެ ފެންވަރުގެ ކުޅުންތެރިން ތިބި ޓީމެއް ކަމަށާއި، މެޗުގައި ފެނިގެންދިޔައީ އެކަން ކަމަށެވެ. ރޭގެ މެޗުގައި ރެއާލްގެ ފޯވަޑް ލައިން ކުޅުން ދަށް ނަމަވެސް، ދެ ލެގަށް ބަލައި ރެއާލްގެ އެޓޭކްގެ ނިންމާލުމުގެ ބާރު މާ ބޮޑަށްވެސް ބަޔާންއަށްވުރެ ވަރުގަދަ ކަމަށްވެސް ވެޑަލް ބުންޏެވެ.
ކޮންމެއަކަސް ރެއާލްއަކީ މި ފަހަކަށް އައިސް ޔޫރޮޕްގެ އެންމެ ކާމިޔާބު ކްލަބެވެ. ޗެމްޕިއަންސް ލީގު 12 ފަހަރު ގެންގޮސްފައިވާ ތާރީހީ ކްލަބެވެ. އެ ހުރިހާ ފަހަރަކީ ހަމަ ޔަގީނުންވެސް ނަސީބެއް ނޫނެވެ.