02 May 2018, 11:57
ކުރީގެ އެކްޓަރު މުމްތާޒް ދުނިޔެ ދޫކޮށްފައިވާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.
މުމްތާޒް މަރުވެއްޖެ ކަމަށް ބުނެ ރިޕޯޓުތައް ފެންމަތިވި ސަބަބެއް ނޭނގެ އެވެ. ނަމަވެސް މުމްތާޒް މަރުވީ ވަރަށް އެކަނިވެރި ހާލުގައި ބޮޑު ބައްޔެއްގައި ކަމަށް ސޯޝަލް މީޑިއާގައި ވާހަތައް ދެކެވެމުން ދިޔަ އެވެ.
އެ ވާހަކަތައް ދޮގު ކުރަމުން މުމްތާޒްގެ ދޮށީ އަންހެން ދަރިފުޅު ތާނިޔާ މަދްވާނީ ވަނީ އިންސްޓަގްރާމް ޕޯސްޓެއް ކޮށްފަ އެވެ. މުމްތާޒްގެ ފޮޓޯ އަކާ އެކު ކުރި އެ ޕޯސްޓުގައި ބުނެފައި ވަނީ މުމްތާޒްގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ފަހުން ތާނިޔާ ވަނީ މުމްތާޒްގެ ވީޑިއޯއެއް އިންސްޓަގްރާމް ކޮށްފަ އެވެ.
އެ ވީޑިއޯގައި މުމްތާޒް އޭނާގެ ސަޕޯޓަރުންނާ ވާހަކަ ދައްކަ އެވެ. އެ ވީޑިއޯގައި މުމްތާޒް ބުނެފައި ވަނީ މިހާ ދުވަސް ފަހުން ވެސް އެހާ ގިނަ ބަޔަކު އޭނާގެ މަތިން ހަނދާން ހުރުމުން ހައިރާންވި ކަމަށާއި ނަމަވެސް އެއަށް ވުރެ ބޮޑު އުފަލެއް ލިބުނު ކަމަށެވެ.
އަދި އެފަދަ ދާއިމީ ލޯތްބެއް ލިބެނީ ވަރަށް މަދު އަދި ނަސީބު ގަދަ ބަޔަކަށް ކަމަށާއި އެފަދަ މީހަކަށް ވުމުން އުފާވާ ކަމަށެވެ.
"އެކަމަކު ހާސް ނުވޭ. އަހަރެން މި ހުރީ ގަދަވެ ސަލާމަތުން. އަހަރެންގެ ސިއްހަތު ވެސް ރަނގަޅު. އަހަރެންގެ ދަރިން އަހަރެން ދެކެ ވަރަށް ލޯބިވޭ. ވަރަށް އަޅާލާ. އަހަރެން މި އުޅެނީ ވަރަށް އުފަލުގައި. އެކަނިވެރިއެއް ނޫން،" ރިޕޯޓުތައް ދޮގުކުރަމުން މުމްތާޒް ބުނެފައިވެ އެވެ.

އެކްޓަރު މުމްތާޒް
އާއިލާ އާ އެކު މުމްތާޒް މިހާރު ދިރިއުޅެނީ ލަންޑަންގަ އެވެ. އަދި މިވަގުތު އޭނާ ހުރީ ޗުއްޓީ ހޭދަކޮށްލުމަށް ރޯމް ގަ އެވެ. އުމުރުން 70 އަހަރުގެ މުމްތާޒް ފިލްމީ ދާއިރާ އަށް ނުކުތީ ވަރަށް ކުޑައިރު އެވެ.
އޭނާ އަކީ 70ގެ އަހަރުތަކުގައި ބޮލީވުޑްގައި ރަނިކަން ކުރި ފަންނާނެކެވެ. މުމްތާޒްގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ދޯ ރާސްތޭ"، "ލޯފަރް" އަދި "އާޕް ކީ ކަސަމް" ހިމެނެ އެވެ.
ރާޖޭޝް ކަންނާ އާ އެކު މުމްތާޒް ގިނަ އަދަދެއްގެ ފިލްމުތަކެއް ކުޅެފައި ވާ އިރު، އެއީ އެންމެ ގިނަ ބަޔަކު ލޯބިކުރި އެއް ޖޯޑެވެ.