02 May 2018, 10:45
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްގެ ދާކާ އަބަހާނީއާއި ނިއުރޭޑިއަންޓް ވާދަކުރާ މެޗަކީ ނިއުއަށް ފަސޭހަ މެޗަކަށްވާނީ އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްގެން ކަމަށް ކްލަބުގެ ވައިސް ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ބުނެފިއެވެ.
މިއަދުގެ މެޗަށް ނުކުންނަ އިރު، ނިއު އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. ދެވަނައިގައި ބެންގަލޫރު އެފްސީ އޮތް އިރު، ނިއުއަށް އަނެއް ބުރަށް ދިއުމަށް އަމިއްލަ ބާރުގައި އޮތުމަށް މިއަދުގެ މެޗުވެސް ވަރަށް މުހިއްމެވެ.
އިއްޔެ ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން އަކޫ ބުނީ މިއަދުގެ މެޗުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ވިސްނަން ޖެހޭ ކަމަށާއި، ދާކާ އަބަހާނީ ކުޅޭ ސްޓައިލަށް ބަލައި މިއަދުގެ މެޗަށް ތައްޔާރު ވެއްޖެނަމަ ނިއުއަށް މެޗު ކާމިޔާބުކުރުމަށް އުނދަގޫ ނުވާނެ ކަމަށެވެ.
"މެޗުގައި އެބަޖެހޭ ލިބޭ ޗާންސްތައް ބޭނުންކޮށް، ވީހާވެސް އަވަހަކަށް މެޗު އަޅުގަނޑުމެން ކޮޅަށް އަނބުރާލަން. ކޯޗު ބުނިހެން އަބަހާނީއަކީ މާ ބޮޑު ޕާސް ޖަހައިގެން ކުޅޭ ޓީމެއް ނޫން. ކުރިއަށް ކުޅޭ ހަލުވި ކުޅުންތެރިންތަކެއް ދުވެގެން ކުޅޭ ޓީމެއް އެއީ. އެހެންވީމަ އެ ހުރިހާ އެއްޗަކަށް ތައްޔާރުވެގެން ނުކުމެއްޖިއްޔާ ފަސޭހަ ކަމާއެކު މެޗު ކާމިޔާބުކުރެވޭނެ. ފަސޭހައޭ މިބުނަނީ ހަމަ ތިބެގެން ފަސޭހަވާ ވާހަކައެއް ނޫން. ފަސޭހަވާނީ މަސައްކަތް ކުރީމަ. އެެހެންވީމަ ދަނޑު މައްޗަށް އަރާ ކުރާ މަސައްކަތުން މެޗު ފަސޭހަވާނީ،" މިއަދުގެ މެޗާ ގުޅިގެން އަކޫ ބުންޏެވެ.
އަކޫ ބުނީ ދާކާ އަބަހާނީއާ ދެކޮޅަށް ބަންގާޅުގައި ކުޅުނު މެޗުވެސް ދިޔައީ ވަރަށް އުނދަގޫކޮށް ކަމަށާއި، ސަބަބަކީ ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފުން ކަމަށެވެ.
"އަޅުގަނޑުމެން އެކޮޅުގައި ކުޅުނު މެޗުވެސް ދިޔައީ ވަރަށް އުނދަގޫކޮށް. ބޮޑަށް ހީވަނީ ލިބޭ ފުރުސަތުތައް ގޯލަކަށް ބަދަލު ނުކޮށްލެވޭތީ ކަންނޭނގެ. ބެންގަލޫރު މެޗުގައިވެސް ބައިވަރު ފުރުސަތުތަކެއް ލިބި، ބޭނުން ނުކުރެވި ދިޔައީ. މިވާހަކަ ދެއްކިދާނެ ކޮންމެ ދުވަހަކުވެސް. އެކަމަކު ބެންގަލޫރު މެޗަށް ނުކުތީ 2-0ގެ ނަތީޖާއަކުން މޮޅުވާން. އެކަންވި އިރާދަ ކުރެއްވިއްޔާ،" އަކޫ ބުންޏެވެ.
އަކޫ އިތުރަށް ބުނީ ނިއުއިން ބެންގަލޫރު އެފްސީ ބަލިކުރުމަކީ ދިވެހި ފުޓުބޯޅައަށް ލިބުނު ހެޔޮ ފާލެއް ކަމަށާއި، ސަރަހައްދީ ލެވެލްގައި ދިވެހި ޓީމުތައް ރަނގަޅު ނަތީޖާތައް ހޯދުމަކީ ދިވެހި ފުޓުބޯޅައަށް ރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށެވެ.
އާއްމުކޮށް ބަންގާޅު ޓީމުތައް ކުޅޭ އިރު ގިނަ ބިދޭސީން ދަނޑަށް ވަންނަކަން ފާހަގަ ކުރެވިފައިވާ އިރު، އަކޫ ބުނީ ކޮންމެ ބައެއްގެ ނަމަވެސް ދަނޑަށް ގިނަ ބަޔަކުވަނުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ބަންގާޅު ސަޕޯޓަރުން ކިތައްމެ ބައިވަރު ވަނަސް ހޯމް އެޑްވާންޓޭޖް ފުރިހަމައަށް ނެގޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އަކޫ ފާހަގަކުރިއެވެ.
ނިއުއާއި ދާކާ އަބަހާނީ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00ގައެވެ.