02 May 2018, 22:12
ވައި އެންމެ ބޮޑަށް ތަޣައްޔަރުވެފައިވާ ދުނިޔޭގެ 20 ސިޓީގެ ތެރޭގައި އިންޑިއާގެ 14 ސިޓީ ހިމެނިއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން މިއަދު ނެރުނު ތަފާސް ހިސާބުގައި، ވައި އެންމެ ބޮޑަށް ތަޣައްޔަރުވެފައިވާ ދުނިޔޭގެ 20 ސިޓީގެ ތެރޭގައި އިންޑިއާގެ 14 ސިޓީ ހިމެނޭއިރު، އިންޑިއާގެ އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ސިޓީގެ ގޮތުގައި ދިއްލީ އަދި ވަރަންސާއީ ހިމެނެއެވެ.
ވައި އެންމެ ބޮޑަށް ތަޣައްޔާރުވެފައިވާ އިންޑިއާގެ އެހެނިހެން ސިޓީތަކުގެ ތެރޭގައި ކާންޕޫރު، ފަރީދާއާބާދު، ގާޔާ، ޕަޓްނާ، އާގްރާ، މުޒައްފަރުޕޫރު، ސްރީނަގަރު، ގުރުގައުން، ޖައިޕޫރު، ޕަޓިއާލާ، ޖޯދުޕޫރު ހިމެނެއެވެ.
ދެހާސް ފަނަރަވަނަ އަހަރު އެމެރިކާގެ ހެލްތު އެފެކްޓްސް އިންސްޓިއުޓުން ކުރި ސާވޭ އަކާ ހަވާލާ ދީ ރޮއިޓާސްއިން ބުނީ އިންޑިއާގައި ވައި ތަޣައްޔަރުވުމުގެ ސަބަބުން އަހަރަކު 1.1 މިލިއަން މީހުން މަރުވާކަމަށެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން މިދިޔަ އަހަރު ނޮވެމްބަރު މަހު އެ ސްޓޭޓްގެ ސްކޫލުތައް ބަންދުކޮށް ކުއްލި ހާލަތު އިއުލާން ކުރިއެވެ.
ދިއްލީގެ ވައި ތަޣައްޔަރުވެފައިވާ މިންވަރު ވަނީ އާއްމުކޮށް ހުންނަން ޖެހޭ މިންވަރަށް ވުރެ 30 ގުނަ އިތުރުވެފައި ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުންޏެވެ.