ބަޣުދާދު (މޭ 2): ދެހާސްއަށް ވަނަ އަހަރު އިރާގުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއާ ދިމާލަށް ބޫޓު އެއްލި ނޫސްވެރިޔާ އިރާގުގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރަން ނިންމައިފި އެވެ.

މިސްރުގައި ހުންނަ އިރާގުގެ އަލް ބަގްދާދިއާ ޓީވީގައި މީގެ ކުރިން މަސައްކަތް ކުރި މުންތަދަރު އަލް ޒައިދީ، ބުޝްއާ ދިމާލަށް ބޫޓު އެއްލީ އިރާގުގެ ކުރީގެ ބޮޑުވަޒީރު ނޫރީ އަލް މާލީކީގެ ގަނޑުވަރުގައި ބޭއްވި ނޫސް ކޮންފަރެންސެއްގަ އެވެ.

ބޫޓު އެއްލުމަށް ފަހު ޒައިދީ ވަނީ އެއީ 'އިރާގުގައި މަރުވި މީހުންނާއި ހުވަފަތްވި އަންހެނުންނާއި ޔަތީމުވި ދަރިންނަށްޓަކައި' ކުރި ކަމެއް ކަމަށް ބުނެފަ އެވެ. އަދި އެއީ އިރާގުގެ ރައްޔިތުންގެ ފަރާތުން ބުޝްއަށް އަލްވަދާއު ކިޔުން ކަމަށް ބުނެފަ އެވެ.

ޒައިދީ އެއްލި ބޫޓު ބުޝްއަށް އަމާޒެއް ނުވި އެވެ. އަދި ބޮޑުވަޒީރު ނޫރީގެ ބޮޑީގާޑުން ވަނީ ޒައިދީ ހައްޔަރުކޮށްފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ނުވަ މަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފަ އެވެ.

ޖަލު ހުކުމް ތަންފީޒު ކުރުމަށް ފަހު ޒައިދީ ވަނީ ތިން އަހަރު ގައުމުން ބޭރުގައި ހޭދަކޮށްފަ އެވެ. އަދި 2011ގައި އިރާގަށް އެނބުރި އައުމަށް ފަހު 'އަލް ޒައިދީ ފައުންޑޭޝަން'ގައި މަސައްކަތްކޮށްފަ އެވެ. އެފައުންޑޭޝަނަކީ އިރާގު ހަނގުރާމައިގައި ޔަތީމުވި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައި ދިނުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށް ޒައިދީ ބުންޏެވެ.

އިރާގުގެ މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 12ގަ އެވެ. އަދި އެއިންތިހާބަށް ފަހު ގައުމުގެ ރައީސް އާއި ބޮޑުވަޒީރު މަޖިލީހުން އައްޔަން ކުރާނެ އެވެ.