02 May 2018, 16:29
ފަލަސްތީނުން އިސްރާއިލާ ސުލްހަ ގާއިމުކުރުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ބޯލަނބައި، ޝަކުވާ ކުރުން ހުއްޓާލުމަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަލް ސައުދު ގޮވާލައްވައިފިއެވެ.
އިސްރާއިލާ އެމެރިކާގެ ޑިޕްލޮމެޓިކް ކޭބަލްތަކާ ހަވާލާދީ އިސްރާއިލުގެ މީޑިއާއިން ބުނީ ބިން ސަލްމާން ފަލަސްތީނުގެ ސަރުކާރަށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދިފައިވާ ކަމަށެވެ.
" ފާއިތުވިތަނުގައި އެތައް ފަހަރަކު އިސްރާއިލާއެކު ސުލްހަ ގާއިމުކުރުމަށް އައި ހުށަހެޅުންތަކާއި ފުރުސަތުތައް ފަލަސްތީނުން ވަނީ ގެއްލުވާލައިފައި. މިއީ އެ ހުށަހެޅުންތައް ބަަލައިގަނެ މަޝްވަރާގެ މޭޒަށް އަންނަންވީ ވަގުުތު. އެހެން ނޫނީ، އަނގަމަޑުން ލައިގެން ތިބެ ޝަކުވާ ކުރުން ހުއްޓާލާ،" ބިން ސަލްމާން ވިދާޅުވިކަމަށް ބުނެ އިސްރާއިލުގެ ޗެނަލް 10ގައި ރިޕޯޓްކޮށްފައިވެއެވެ.
ޗެނަލް ނިއުސް 10ގެ ޑިޕްލޮމެޓިކް ކޮރެސްޕޮންޑެންޓް ބަރަކް ރަވީދު ބުނީ، ނިއުޔޯކުގައި ބިން ސަލްމާން ބޭއްވި ބައްދަލުވުންތަކުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން، އެ ބައްދަލުވުމުގައި ތިއްބެވި ބޭފުޅުންނަށް ވެސް ޝޮކެއް ލިބިވަޑައިގެންނެވި ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފަލަސްތީނުން ސުލްހައިގެ މަޝްވަރާތަކަށް އައުމުން ނޫނީ އެގައުމަށް ދެން އެހީ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް ވަނީ އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ގުދުސް މިދިޔަ ޑިސެމްބަރުމަހު ބަލައިގެންފައެވެ.
މަސްދަރު: މިޑްލް އީސްޓްއައި