02 May 2018, 10:08
ވަޓްސް އެޕް އަށް ދެން އެންމެ އަވަހަށް އަންނާނެ ބަދަލަކީ އެ އެޕްލިކޭޝަން މެދުވެރިކޮށް ގްރޫޕް ވީޑިއޯ ކޯލުތައް ކުރެވުމާއި ސްޓިކާ ފީޗާ އެއް އަދި ވިޔަފާރިތަކަށް ހާއްސަ ފީޗާ އެއް ކަމަށް ވަޓްސް އެޕުން ބުނެފި އެވެ. މި ފީޗާ ތަކަކީ ވަޓްސް އެޕްގެ ޕޭރެންޓް ކޮމްޕެނީ ފޭސްބުކް އިން މީގެ ކުރިން އިއުލާނު ކޮށްފައި ހުރި ކަންތައްތަކެކެވެ.
ވަޓްސް އެޕްގެ ވީޑިއޯ ފީޗާ އާ ގުޅޭ އިތުރު މައުލޫމާތެއް އަދި އާންމެއް ނުކުރެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެއްފަހަރާ ހަތަރު މީހުންނަށް ވީޑިއޯ ކޯލުގައި ބައިވެރި ވެވޭނެ އެވެ.
ވަޓްސް އެޕްގެ ޑިރެކްޓަރު އިމާމް ވިދާޅުވީ ދުވާލަކު 450 މިލިއަން މީހުން އެ އެޕްލިކޭޝަން ބޭނުންކުރާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ދެ ބިލިއަނަށް ވުރެ ވީޑިއޯ އަދި އޯޑިއޯ ކޯލު ވަޓްސް އެޕް މެދުވެރިކޮށް ކުރާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަޓްސް އެޕް އިން ވިޔަފާރިތަކަށް ހާޢްސަ ކޮށްގެން މިއަހަރު ވަނީ ވަޓްސް އެޕް ފޯ ބިޒްނަސްގެ ނަމުގައި އެޕެއް ނެރެފަ އެވެ. މި އެޕް މިހާރު ހިލޭ ބޭނުން ކުރެވުނު ނަމަވެސް ކުރިއަށް އޮތްތަނުގައި މި އެޕް ބޭނުންކުރާ މީހުންގެ އަތުން ފީ އެއް ނަގާނެ ކަމަށް ބެލެވެ އެވެ.
ވަޓްސް އެޕް ސްޓިކާ އަށް ބަލާއިރު ފޭސބުކް މެސެންޖާ، ވައިބާ، ވީ ޗެޓް އަދި ޓެލެގްރާމް ފަދައިން ވަޓްސް އެޕް ބޭނުންކޮށްގެން ސްޓިކާ ފޮނުވޭ ފީޗާ އެއް ހިމަނާނެ އެވެ. އަދި އަމިއްލަ އަށް ސްޓިކާ ޑިވެލޮޕް ކުރެވޭ ފީޗާ އެއްވެސް ހިމަނާނެ އެވެ.