ތެހެރާން (މޭ 2) : އީރާނުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ނިއުކްލިޔާ ސިއްރު ޕްރޮގްރާމެއް ހިންގަމުން ގެންދާކަމަށް ވިދާޅުވެ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވި ޕްރެޒެންޓޭޝަން އަކީ އޭނާ ކުޅުއްވި ފެންވަރުދަށް ސިޔާސީ ޑްރާމާއެއްކަމަށް އީރާނުން ސިފަކޮށްފި އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވީ ނަތަންޔާހޫ ކުޅުއްވި ސިޔާސީ ޑްރާމާއަކީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ޚާރިޖީ ވަޒީރު ކޮލިން ޕަވަލް އދ.ގެ ސަލާމަތީ މަޖިލީހުގައި ކުޅުއްވި ޑްރާމާފަދަ ޑްރާމާ އެއްކަމަށާ ނަތަންޔާހޫގެ އެޑްރާމާ ރައްދުވަނީ ޚުދު އިސްރާއީލަށް ކަމުގަ އެވެ. ނަތަންޔާހޫ ޑްރާމާ ކުޅުއްވީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުން އުވާލުމަށް އެމެރިކާއަށް ބާރުއެޅުމުގެ ގޮތުންކަމަށް ވެސް ޖަވާދު ޒަރީފް ތުހުމަތު ކުރެއްވި އެވެ.

އީރާނުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ސިއްރު ޕްރޮގްރާމެއް ކުރިޔަށްގެންދާ ކަމަށް ތުހުމަތު ކުރައްވައި އިސްރާއީލުގެ ދިފާއީ ވުޒާރާގައި އަންގާރަ ދުވަހު ނަތަންޔާހޫ ދެއްވި ޕްރެޒެންޓޭޝަނެއްގައި އީރާނުން ގެންދަނީ ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާކަމަށް ބުނެ ދުނިޔެއަށް އޮޅުވާލަމުން ކަމަށާއި ނަމަވެސް އީރާނުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ޚާއްސަކޮށްގެން ނިއުކްލިޔާ ސިއްރު ޕްރޮގްރާމެއް ހިންގާކަން ސާބިތުކޮށްދެވޭވަރުގެ ޖާސޫސީ މައުލޫމާތު އިސްރާއީލަށް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

މިހެން ވިދާޅުވެ ނަތަންޔާހޫ ވަނީ އީރާނަށް ޖާސޫސުކޮށްގެން އެގައުމުން ހޯދާފައިވާ ކަމަށްބުނާ ލިޔުންތަކަކާއި ފައިލްތަކަކާ ސީޑީތަކެއް ދައްކާލައްވާފަ އެވެ. އީރާނުން ވަނީ ނިއުކްލިޔާ ބޮން އުފެއްދުމާ ވަރަށް ގާތުގައި ކަމަށާ ނިއުކްލިޔާ ބޮން ތަޖްރިބާ ކުރުމަށްޓަކައި އީރާނުން ފަސް ތަނެއް ކަނޑައަޅާފައިވާކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

އިސްރާއީލަކީ ދުނިޔެއަށް ސިއްރުން ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާ އަދި ބައިނަލްއަގްވާމީ މުޖްތަމައަށް އޮޅުވާލައި ނުކިޔަމަންތެރިކަން ދައްކާ ހަރުކަށި ގައުމެކެވެ. އިސްރާއީލު ވަނީ ނިއުކްލިޔާ ފެތުރުން މަނާކުރާ ބައިނަލްއަގްވާމީ މުއާހަދާގައި ސޮއިކުރުމަށް ދެކޮޅު ހަދައި އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތަށް ބަލައި ފާސްކުރުމުގެ ފުރްސަތު އެޓަމިކް ހަކަތައާބެހޭ ބައިނަލްއަގްވާމީ އެޖެންސީއަށް ދިނުމަށް ވެސް ދެކޮޅު ހަދާފަ އެވެ.

އަދި އިސްރާއީލަކީ ފަލަސްތީނުގެ ބިންތަކަށާއި ލުބްނާނާއި ސޫރިޔާގެ ވެސް ބައެއް ބިންތަށް ގަދަބާރުން ހިފައި އެބިންތަކަށް ވެރިވެގަތުމުގެ އިތުރުން ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަކަށް ވެސް އަރައި ގަންނަމުންދާ ގައުމެކެވެ.

މީގެއިތުރުން އަރަބި ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ހުޅުގަނޑު ރޯކޮށްލުމުގެ ފަހަތުގައި ވެސް އެމެރިކާއާ އެކު އިސްރާއީލު ވާކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި އުޑުއުފުލާ ފަލަސްތީނުގެ ޒުވާނުންނާއި ކުޑަކުދިންގެ ގަޔަށް ބަޑިޖަހައި އިސްރާއީލުން ގެންދަނީ އެއްވެސް ކުށަކާނުލައި ކޮންމެ ދުވަހަކު ފަލަސްތީނުގެ އާންމުން ޝަހީދު ކުރަމުންނެވެ. އަދި އިސްރާއީލުން ގެންދަނީ ދާޚިލީ ހަނގުރާމައިގާ ސޫރިޔާ ފަނާވަމުންދާއިރު ވެސް ސޫރިޔާއަށް ވެސް ހަމަލާތައްދީ އެތައް ބަޔަކު މަރަމުންނެވެ.

އެމެރިކާގެ ތިން މަސްއޫލުވެރިއަކު ވަނީ އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށަން ތައްޔާރުވަމުންދާކަމަށް ވިދާޅުވެފަ އެވެ. އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފި ނަމަ އީރާނުގެ މަދަދު ލިބޭ ހިޒްބުﷲ އިން ވެސް އިސްރާއީލާ ދެކޮޅަށް ހަމަލާތައް ދޭން ފަށާނެ ކަމަށް ބެލެވެ އެވެ. އިސްރާއީލުވަނީ އެތައް ފަހަރަކު ހަނގުރާމަ ކޮށްގެން ވެސް ހިޒްބުﷲ ބަލިކޮށްލުމަށް ނުކުޅެދިފަ އެވެ. އަދި ހިޒްބުﷲ އާ ދެކޮޅަށް 2005ގައި އިސްރާއީލުން ކުރި ހަނގުރާމައިގާ އިސްރާއީލަށް އެތަށް ސަތޭކަ މިސައިލްތަކެއް އެރުމުގެ ސަބަބުން އިސްރާއީލުގެ އެތަށް ހާސްބަޔަކު ވަނީ އިސްރާއީލު ދޫކޮށް އެމީހުންގެ އަސްލު ގައުމުތަކަށް އެނބުރި ރުޖޫއަވެފަ އެވެ. އަދި އިސްރާއީލުގެ އެތައް ވިލެޖަކާއި ސިނާއީ އެތައް ތަނެއް ވަނީ ހިޒްބުﷲގެ ހަމަލާތަކުގައި ހަލާކުވެފަ އެވެ. (ނޫސްއެޖެންސީތައް)