02 May 2018, 09:41
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ދާކާ އަބަހާނީ ވާދަކުރާ މެޗު މިއަދު އޮންނާނެ އެވެ.
މެޗަށް ނުކުންނަ އިރު، ނިއު އޮތީ ގްރޫޕް އެއްވަނައިގަ އެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން ތިން މޮޅާ އެކު ނިއުއަށް ނުވަ ޕޮއިންޓް ލިބޭ އިރު، ހަތަރު މެޗުން ހަތަރު ޕޮއިންޓާ އެކު އަބަހާނީ އޮތީ ތާވަލުގެ ތިން ވަނައިގަ އެވެ. ގްރޫޕް ސްޓޭޖު ފަހަނަ އަޅާ އަނެއް ބުރަށް ދިއުމަށް ނިއު އަމިއްލަ ބާރުގައި އޮތް އިރު އަބަހާނީއަށް ވެސް މުބާރާތުން ނުކަޓައި ސަލާމަތްވެވޭނީ މިއަދުގެ މެޗުން މޮޅުވެގެންނެވެ.
"ފިޒިކަލީ ގޮތުން ވަރަށް އުނދަގޫ މެޗަކަށް އުންމީދު މިކުރަނީ. އަބާހާނީ ވެސް ނުކުންނާނީ ކޮންމެހެން މޮޅުވާން ޖެހޭ މެޗަކަށް. މިއަދުގެ މެޗު ކުޅޭ ގަޑީގައި ހޫނުވެސް ވާނެ. އަހަރެމެން އެކަން ދަނެގެން ނުކުންނާނީ ވެސް،" މެޗާ ގުޅިގެން ބޭއްވި ޕްރެސްގައި ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ބުންޏެވެ.
އޮސްކާ ބުނީ އަބަހާނީގައި ވަރަށް ވަރުގަދަ ކުޅުންތެރިން އެބަތިބި ކަމަށާއި، ފައިދާ ނެގޭނީ ނިއުއިން ވެސް އޯގަނައިޒްކޮށް ކުޅެ، ކެތްތެރިވެގެން ކަމަށެވެ.
"އަބަހާނީއަކީ ފަހަތަށް ޖެހިގެން ކުޅޭ ޓީމެއް. ކުރިއަށް ޖެހޭ ވަގުތު ވަރަށް އަވަހަށް އެޓޭކަށް ބަދަލު ވެސް ކޮށްލާ ޓީމެއް އެއީ. އެޓީމުގައި ވަރުގަދަ ކުޅުންތެރިންތަކެއް އެބަތިބި. ވަރަށް އޯގަނައިޒް ކޮށް އެޓީމު ކުޅެނީ. މާދަމާގެ މެޗުގައި ޖެހޭނީ ވަރަށް ކެތްތެރިވާން. މެޗުގެ ފަހު ވަގުތުގައި ނިއު ކޮޅަށް މެޗު އެނބުރޭނެ،" އޮސްކާ ބުންޏެވެ.
އަބާހާނީގެ ކޯޗު، ސައިފުލް ބާރީ ޓީޓޫ ބުނެފައިވަނީ މިއަދުގެ މެޗުގައި ޕްރެޝަރު އޮތީ ނިއުއަށް ކަމަށެވެ. އެހެން ނަމަވެސް އޮސްކާ ބުނީ އެއީ އަބާހާނީ ކޯޗުގެ "މައިންޑް ގޭމް" ކަމަށާއި އަބާހާނީއަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށާއި މެޗުން މޮޅުވުމަށް އެޓީމަށް ވެސް ޕްރެޝަރު އެބައޮތް ކަމަށެވެ.
"ގްރޫޕްގެ އެއްވަނާގައި އޮތަސް އެކަމުގެ އެއްވެސް ޕްރެޝަރެއް ނެތް. އަބަހާނީ ވެސް އަދިވެސް ބޭނުންވާނީ ހަމަ މޮޅެއް. މި ހާލަތުގައި އަހަރެންގެ ޓީމު އޮތްނަމަވެސް، އަހަރެން ވެސް ބޭނުންވާނީ މޮޅެއް. އެމީހުންނަށް ޕްރެޝަރެއް ނެތަސް މޮޅުވާން އެބަ ޖެހޭ. އެއީ ގްރޫޕްގައި އައިޒޯލް ކުޅޭ ފަހު ދެމެޗުން ބަލި ނުވެއްޖެ ނަމަ، އަބަހާނީއަށް ކޮލިފައިވުމުގެ ފުރުސަތު އޮންނާނެ. އެހެންވީމަ އެހެން ބުންޏަސް، އަދި ފުރުސަތު އެބައޮތް. މި މެޗުން މޮޅުވެ، ބެންގަލޫރު ބަލިކޮށް، އަނެއް ބުރަށް ދިއުމަށް އަބަހާނީއަށް ފުރުސަތު އެބައޮތް. އެކަމަކު އެޓީމަށް އަމިއްލަ ބާރު ނެތީ،" އޮސްކާ ބުންޏެވެ.
އޮސްކާ ބުނީ މެޗަށް ނެރޭނީ ނިއުގެ އެންމެ ވަރުގަދަ 11 ކަމަށާއި ޓީމު ކުޅޭނީ އަބަދު ވެސް ޓީމެއްގެ ގޮތުގައި ކަމަށެވެ.
"މިއަދުގެ މެޗުގައި ކުޅޭނީ އެންމެ ވަރުގަދަ ޓީމުު. އަހަންނަކީ ބިދޭސީ ކުޅުންތެރިންނެއް، ދޭސީ ކުޅުންތެރިންނެއް ބަލާނެ މީހެއް ނޫން. އަހަންނަށް އެނގޭ އަހަރެންގެ ޓީމު މޮޅުވުމުގެ ސިއްރަކީ ވަކި ވަކި ކުޅުންތެރިން ނޫން ކަން. އަހަރެމެންގެ އޮންނާނީ ޓީމެއް. ޓީމެއް ގޮތުގައި ކުޅެގެން މޮޅުވާނީ،" އޮސްކާ ފާހަގަކުރި އެވެ.
އޮސްކާ ބުނީ ނިއުއަށް ލިބިފައި އޮތް ފުރުސަތަކީ ރާއްޖޭގެ ފުޓުބޯޅައަށް އޮތް އަލި މަގެއް ކަމަށާއި އެކަމަށް ސަޕޯޓަރުންގެ ތަރުހީބު ބޭނުންވާނެ ކަމަށެވެ.
"އަހަރެން ބުނާނީ ބޮޑެތި ކަންކަން ކުރަނީ ހަމައެކަނި ކްލަބުގެ އޮފިޝަލުންނާއި، ޗެއާމަނާއި ކޯޗުންނަކަށް ނޫން. މި ކަމަށް މުޅި ރާއްޖޭގެ ފުޓުބޯޅަ އެކުވާން ޖެހޭ. ދަނޑަށް ވީހާވެސް ގިނަ މީހުންނެއް ވަންނަން. އަހަރެމެންނަށް އެބައޮތް ކޮލިފައިވުމުގެ ފުރުސަތު. ހާއްސަކޮށް ރާއްޖޭގެ ފުޓުބޯޅަ އަޅިއަޅާލައިފައި އޮތް ދުވަސް ވަރެއްގައި މިކަހަލަ މެޗަކަށް ސަޕޯޓަރުންގެ ތަރިހީބު ބޭނުންވާނެ،" އޮސްކާ ބުންޏެވެ.
ނިއުއާއި އަބާހާނީ ވާދަކުރާ މެޗު، މިއަދު ގައުމީ ފުޓުބޯޅަ ދަނޑުގައި އޮންނާނީ ހަވީރު 4:00 ގަ އެވެ.